ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމާއި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވޭ އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ތާއިދު ކުރާކަން ފާހަގަކޮށް ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ޢިރާޤުގެ ބަޣުދާދުގައި ބޭއްވުނު އިސްލާމީ އެއްބާރުލުންދޭ ޖަމްޢިއްޔާ (އޯ.އައި.ސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި، އިރުތިޝާމް ވަނީ ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި ސުލްޙަ ގާއިމުކުރުމަށާއި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބަދަހި ގުޅުމަކާއި އެއްބައިވަންތަކަން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކަކީ ހުރިހާ ފަންތިއެއްގެ މީހުން ޝާމިލުވާ މަޝްރޫޢުތަކަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
މި އަހަރަކީ އޯ.އައި.ސީގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ހަރަކާތްތެރިވާތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، އިސްލާމީ އުންމަތުގެ ލާބަޔާއި މަންފާއަށްޓަކައި އެ ޖަމްޢިއްޔާއާއި މެންބަރު ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން މިނިސްޓަރު އެރުވިއެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވޭ، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު މިނިސްޓަރު އައުކުރެއްވިއެވެ.
ފަލަސްޠީނުގެ މައްސަލައިގައި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ. މި ބައްދަލުވުމުގެ ހަވާސާގައި، އޯ.އައި.ސީގެ މެންބަރު ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރު އިރުތިޝާމް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމާއި، ދެފަރާތުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މަޖިލީހަކީ، އޯ.އައި.ސީގެ މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް ޖަމާވެ، އިސްލާމީ އުންމަތާ ގުޅުންހުރި މުހިންމު މައްސަލަތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް އަމަލީ ހައްލުތަކެއް ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރާއި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

