މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ އިތުރުކޮށް، 60 ބިލިއަން ރުފިޔާއަށް އަރުވާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ ޔަޒްމީދު މިހެން ވިދާޅުވީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ ”ތްރީ ޖެނެރޭޝަން ވޯކް“ (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، ޕެންޝަން އޮފީހުގެ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނީ 30 ބިލިއަން ރުފިޔާ ކަމަށެވެ.
މީގެ ތެރޭގައި ސްކީމުގެ މެންބަރުންގެ ކޮންޓްރިބިއުޝަނާއި އިންވެސްޓްމަންޓް ފައިދާ ހިމެނޭއިރު، ކުރިއަށް އޮތް 5 އަހަރު ތެރޭގައި އެ އަދަދު ދެގުނަ ކުރުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އިސްނަގައިގެން މަސައްކަތްކޮށް، އިންވެސްޓް ކުރެވޭނެ އިތުރު ފުރުޞަތުތައް ހޯދައި، ދެމެހެއްޓެނިވި ގޮތެއްގައި މެންބަރުންނަށް ނަފާ ލިބޭނެހެން އޮފީހުގެ ހިންގުމުގެ ނިޒާމު ތަރުތީބުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕެންޝަން ސްކީމުގައި ޤާނޫނީ ގޮތުން ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން އަދިވެސް ބައިވެރިނުވެ ތިބިކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ޕެންޝަން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ނުދައްކާ ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ވާކަން ހާމަކުރައްވައި، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ހޯދައި އަނބުރާ ލިބިގަތުމުގެ (ރިކަވަރީ) މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ކާމިޔާބުކަމާއެކު ބޭއްވުމުގައި ކައުންސިލާއި މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން، ފައިސާ ރައްކާކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން ޢާއިލާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުނު ހަރަކާތެކެވެ.

