އާންމު އުނދަގޫކުރާ މީހެއްގެ މައްސަލައަކަށް ދޮޅު އަހަރު ވީއިރުވެސް ހައްލެއް ނުލިބިގެން ކަމަށް ބުނެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު މިއަދު ނިންމާލައިފިއެވެ.
ސައީދު މި ހަޅުތާލު ފެށީ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ. އޭނާ ހަޅުތާލު ފެށިތާ 10 ވަރަކަށް ގަޑިއިރު ތެރޭގައި، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ހަޅުތާލު ނިންމާލަން ނިންމީ މި މައްސަލައިގައި ކުރިއަށްދިއުމަށް ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަމާއި، ހޯމް މިނިސްޓަރު އަލީ އިހްސާން އެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވުމާ ގުޅިގެން ކަމަށެވެ. އަދި ދެއްވި ވައުދުތައް ފުރިހަމައަށް ތަންފީޒުވަމުންދޭތޯ އޭނާ މޮނިޓާކުރަމުން ގެންދާނެ ކަމަށް ވިދާޅުވެ، އެއްބާރުލުން ދިން ހުރިހާ ފަރާތްތަކަށް ސައީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސައީދު ހާމަކުރެއްވި ގޮތުގައި، މީގެ ދޮޅު އަހަރު ކުރިން ފެށިގެން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އެ މީހާގެ ފަރާތުން އޭނާ ދިރިއުޅޭ ސަރަހައްދުގެ އާންމުންނަށާއި، އަވަށްޓެރިންނަށް އަދި އޭނާގެ އާއިލާއަށް ދިޔައީ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ދަތުރުކުރާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން ހަޅޭއްލެވުން
- މަގުމައްޗަށް ބައިސްކަލު ނެރުމާއި ބޯޑުތައް ދަމައި މަގު ބަންދުކޮށް ދަތުރުފަތުރަށް ހުރަސްއެޅުން
- ސައީދުގެ އާއިލާ ދިރިއުޅޭ ގެއަށް ކުނި އުކުން (މި މަންޒަރު ކެމެރާއަށް ރެކޯޑުވެފައިވާ ކަމަށް ބަޔާންކޮށްފައިވޭ)
- އެޕާޓްމެންޓުގެ ބެލްކަނީގައި ހުރެ ތިރީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން ޖެހުން
- އެއްވެސް އިންޒާރަކާ ނުލައި ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ޖަހައި ހަޅޭއްލެވުން
- ދެ ނަމާދު ދޭތެރެއިން ފެށިގެން ފަތިސްވަންދެން މެދުނުކެނޑި ބާރަށް އަޑުގަދަކޮށް ހަޅޭއްލެވުން
- ސައީދުގެ އާއިލާ ދިރިއުޅޭ އިމާރާތަށް ވަންނަ މީހުންގެ ފަހަތުން ސިއްރުން ހުއްދަނެތި އެތައް ފަހަރަކު އެތެރެއަށް ވަނުން
މި ހުރިހާ މައްސަލަތަކެއް ހެކިތަކާއެކު ފުލުހަށް ރިޕޯޓުކުރި ނަމަވެސް، ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މުއައްސަސާތަކަށް އޭނާއާއި އާއިލާ އަދި އަވަށްޓެރިންނަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވާ ކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

