ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް އެތަކެއް ލުއިފަސޭހަކަމެއް ލިބިގެންދިޔަ ނަމަވެސް، އިންޓަރނެޓްގެ ޒަރީއާއިން ކުރިމަތިވާ ތަފާތު ނުރައްކާތައް ފެތުރިގެންދާ ދުވެލި އެތައް ގުނައަކަށް ހަލުވިވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިމަހު ފާހަގަކުރާ ސައިބަރ ވެށީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ޑިޖިޓަލް ދުނިޔޭގައި ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ ގޮތުން، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ސައިބަރ ސެކިއުރިޓީ އެވެއަރނަސް މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބެއްގައި ސީޕީ ވިދާޅުވީ، ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް އެތަކެއް ލުއިފަސޭހަކަމެއް ލިބިގެންދިޔަ ނަމަވެސް، އިންޓަރނެޓްގެ ޒަރީއާއިން ކުރިމަތިވާ ތަފާތު ނުރައްކާތައް ފެތުރިގެންދާ ދުވެލި އެތައް ގުނައަކަށް ހަލުވިވެފައިވާއިރު ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައްވެސް، ސައިބަރ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު މިއަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާކަމަށެވެ.
މިއަދު ދިވެހިރާއްޖެ ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން އިންޓަރނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާއިރު، ސައިބަރ ކުށްތަކުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ފުލުހުންނަށް ހުށަހެޅޭ ސައިބަރ ކުށްތަކުގެ ތެރެއިން 68 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ޖަރީމާތައް ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.
އަދި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައްވެސް، ސައިބަރ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު މިއަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، މާލީ މުއާމަލާތްތަކާއި، ވިޔަފާރިތަކުގެ އިތުރުން އަޅުގަނޑުމެންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލް ވަމުންދާއިރު، މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖައްސައި، ކުށްކުރުމަށް ސައިބަރ ވެށީގައި ފަހިވާ ފުރުސަތުތައްވެސް މިއަދު އިތުރުވަމުން އަންނައިރު ތަރައްގީއާއި ޒަމާނީ ބަދަލުތަކުގެ ހަގީގީ މަންފާ ހާސިލުކުރެވޭނީ، ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއަކުންވެސް ޑިޖިޓަލް ރައްކާތެރިކަމަށް ފާރަވެރިވެ، ދުރާލައި ހޭލުންތެރި ފިޔަވަޅުތަކެއް އަޅައިގެންކަމަށް ސީޕީ ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ، މި މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތަކެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސައްހަނޫން މެސެޖުތަކާއި، އަޑާއި، ވީޑިއޯ އުފައްދައި، ރައްޔިތުން މަޅީގައި ޖެއްސުމަށް ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުންކުރާކަން ސީޕީ ފާހަގަކުރެއްވިއެވެ.
މިފަދަ ކަންކަމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މާލީ އަދި ޒާތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ނޫންކަމަށާއި މިއީ މުއައްސަސާތަކުގެ އިތުބާރާއި، ގައުމުގެ އިގްތިސާދީ ހަރަކާތްތަކާއި، އަދި މުޅި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއަށް ހުށަހެޅޭ ގިނަ މައްސަލަތަކުގައި ފާހަގަކުރެވެނީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަވުމުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި ސީޕީ ވިދާޅުވިއެވެ. އެގޮތުން، ލިންކުތަކަށް ވަނުމާއި، އޯޓީޕީ އާއި ޒާތީ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމަކީ ކުށްތަކަށް މަގުފަހިވާ މައިގަނޑު ސަބަބުތައް ކަމުގައި ފާހަގަކުރައްވައި، ވަރުގަދަ ޕާސްވޯޑާއި ’ޓޫ-ފެކްޓަރ އޮތެންޓިކޭޝަން‘ ބޭނުންކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ނަޒަރު ހިންގާއިރު، މިއިން ކޮންމެ ކަމެއްގެވެސް ފާހަގަކުރެވެނީ، ހޭލުންތެރިކަން ކުޑަވުމާއި، ފަރުވާކުޑަ އަމަލެއްގެ ސަބަބުން ވެވޭ އިހުމާލު ކަމަށް ސީޕީ ވިދާޅުވިއެވެ.
އެހެންކަމުން ފަރުދީ ގޮތުން ބަލާއިރު، އެކައުންޓްތަކުގައި ވަރުގަދަ ޕާސްވޯޑާއި، ”ޓޫ-ފެކްޓަރ އޮތެންޓިކޭޝަން“ ބޭނުންކުރުމަށާއި، އޯ.ޓީ.ޕީ އާއި ޒާތީ މައުލޫމާތު އެއްވެސް އެހެން ފަރާތަކާ ހިއްސާނުކުރުމަށް ސަމާލުވުމަށާއި އަދި އޮންލައިންކޮށް ފެންނަ ޚަބަރުތަކާއި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމެއްނެތި ފެތުރުމުން ދުރުހެލިވުމަށާއި، ކުށެއްގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ، ލަސްނުކުރައްވައި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކުރެއްވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ.
ސައިބަރ ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޒަމާނީ ވަސީލަތްތައް ހޯދައި، ފަންނީ ގާބިލުކަން އިތުރުކުރަމުން ދިޔަނަމަވެސް، މިއީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެކަނި ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް އާންމުންގެ ޑޭޓާ ރައްކާތެރިކޮށް، އައިޓީ ނިޒާމުތައް އަޕްޑޭޓްކުރުމަށް ސީޕީވަނީ ގޮވާލައްވާފައެވެ.

