މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި ހިނގާ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވާ އިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ވަނީ ފެނިފައެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރޭގައި ރަސްދޫގެ 6 މީހަކާއި، އެހެން ރަށްރަށުގެ ދެ މީހެއްގެ އިތުރުން ބިދޭސީއަކު ހިމެނެއެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ:
- މުޙައްމަދު ޢުލްވާން ރަޝީދު (21އ)، ލިލީމީޑް / އއ. ރަސްދޫ
- އަޙްމަދު ޢަރީފު (37އ)، ގުލްދަސްތާގެ / އއ. ރަސްދޫ
- އިބްރާހީމް ދިނާން (30އ)، ހަވާމަންޒިލް / އއ. ރަސްދޫ
- އަޙްމަދު އިކުލީލް (37އ)، ފެހިވިނަ / އއ. ރަސްދޫ
- އަޙްމަދު މުޙައްމަދު (44އ)، ކާރނޭޝަންމާގެ / އއ. ރަސްދޫ
- ޢަލީ ވަސީމް (44އ)، ކާރނޭޝަންމާގެ / އއ. ރަސްދޫ
- ލީނާ މޫސާ (23އ)، ވިދުވަރުގެ / ހދ. ކުމުންދޫ
- ރިމާޒު މުޙައްމަދު (29އ)، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ
- މެހެދީ ޙަސަން (27އ)، ބަންގްލަދޭޝް
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުޙައްމަދުއާއި، ޢަލީ ވަސީމް އަދި މެހެދީ ޙަސަން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު އިކުލީލް 7 ދުވަހަށް، މުޙައްމަދު ޢުލްވާން ރަޝީދުއާއި، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ލީނާ މޫސާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ 3 ދުވަހަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

