ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު ކިޔަވާ ދަރިވަރުންގެ ޓެސްޓުތައް ވާންޖެހޭނީ ކޮންޓްރޯލް ކުރެވިފައިވާ ޓެސްޓުތަކަށް: ސިރާޖް

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ކިޔަވާ ދަރިވަރުންގެ ޓެސްޓުތައް ވާންޖެހޭނީ ކޮންޓްރޯލް ކުރެވިފައިވާ އިމްތިހާނުތަކަކަށް ކަމަށާއި، މި ކަމުގައި ތައުލީމީ ފެންވަރު ނުވަތަ ކޮލިޓީ އެއްވެސް ވަރަކަށް ދޫކޮށްނުލެވޭނެ ކަމަށް ބާ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖް ވިދާޅުވެއްޖެއެވެ.

ގާނޫނީ ދާއިރާގެ އިމްތިހާނުތައް ހެދުމުގެ މިންގަނޑުތަކަށް ދާދިފަހުން ގެނައި ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން ސިރާޖް ވިދާޅުވީ، ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ގާނޫނީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި އެ ދާއިރާ ކުރިއެރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދާއިރާގެ ނަޒާހަތްތެރިކަމާއި ފެންވަރު މަތިކޮށް، އާންމު ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުން އިތުބާރުކުރާ ފަންނަކަށް ގާނޫނީ ދާއިރާ ހެދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން ގާނޫނީ ޑިގްރީއެއް ހާސިލްކުރުމުގައި އަމަލުކުރަންޖެހޭ އެންމެ ދަށް މިންގަނޑުތައް ކަނޑައަޅަމުންދާ ކަން ފާހަގަކުރައްވައި ސިރާޖް ވިދާޅުވީ، އެ މިންގަނޑުތައް ކަނޑައަޅަނީ ކަމާގުޅޭ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ. މީގެއިތުރުން މި ބަދަލުތަކާ ގުޅިގެން ދަރިވަރުންގެ ފަރާތުން ޕެޓިޝަނެއް ހުށަހެޅުމުން، ދަރިވަރުންނާ އެކު ދެ ގަޑިއިރުގެ ބައްދަލުވުމެއް ބާއްވައި އެ ކުދިންގެ ކަންބޮޑުވުންތައް ވެސް އަޑުއަހާފައިވާ ކަމަށް ވިދާޅުވިއެވެ.

ބާ އިމްތިހާނެއް އޮންނައިރު ޑިގްރީގެ މިންގަނޑުތައް ހިފަހައްޓަން ޖެހޭ ސަބަބާ މެދު ދަރިވަރުން ސުވާލު އުފައްދާފައިވާތީ އެކަމަށް އަލިއަޅުއްވާލައްވަމުން ސިރާޖް ވިދާޅުވީ، ޑިގްރީ ހާސިލްކުރުމާއި ބާ އެގްޒާމަކީ ތަފާތު ދެ މަގްސަދެއް ހާސިލްކުރާ ދެ މަރުހަލާ ކަމަށެވެ. އަދި ގާނޫނީ ފަންނުގެ ގާނޫނުގައި ވެސް ދަރިވަރުންގެ ތައުލީމީ ފެންވަރު ހިފެހެއްޓުމާއި މަތިކުރުމަށް ފިޔަވަޅު އެޅުމަށް ބަޔާންކޮށްފައިވާ ކަމަށާއި، ގާނޫނީ ވަކީލުންނަކީ މުވައްކިލުން އެ މީހުންގެ މަސައްކަތަށް ފުރިހަމައަށް ބަރޯސާވާ ބަޔަކަށް ވާތީ ފެންވަރު ކަށަވަރުކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ލޯ ސްކޫލްތަކާއި ލޯ ފެކަލްޓީތަކާއި ވާހަކަދެއްކިން. އަޅުގަނޑުމެން ހަމަ ސްޕެސިފިކަލީ އެހިން އެއްވެސް ދަރިވަރާއިއެކު އެގްރިމެންޓެއް އެއްބަސްވުމެއް ހެދިފައިވާނެތޯ ހުރިހާ އިމްތިހާނެއް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް. ވިދާޅުވީ އެފަދަ އެއްބަސްވުމެއް ނޯންނާނެއޭ. އަޅުގަނޑު ދެކޭ ގޮތުގައި ލޯ ޕްރޮގްރާމަކަށް ވަންނައިރުގައި، ނުވަތަ އެނޫންވެސް ޕްރޮގްރާމަކަށް ވަންނައިރުގައި އެކަމާއި ގުޅޭ ލިޔުންތައް ބައްލަވާލެއްވުން އެދެން،“ ސިރާޖް ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްއެންކިއުއޭ) ގެ މިންގަނޑުތަކަށް ބަލާއިރު ވެސް އިމްތިހާނުގެ 50 އިންސައްތަ ވާންޖެހޭނީ ކޮންޓްރޯލްޑް އިމްތިހާނަކަށް ކަމަށް އޮންނަ ކަމަށް ސިރާޖް ފާހަގަކުރެއްވިއެވެ. އަދި ބައެއް ދަރިވަރުން ވަޒީފާގައި އަދި އެކި ތަންތަނުގައި ތިބެގެން ޓެސްޓު ހަދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ އިމްތިހާނު ހަދަންޖެހޭނެ ގޮތެއް ނޫން ކަމަށެވެ. ވަކީލުންނަކީ ދައުލަތުގެ އެކި މުއައްސަސާތަކަށް ވެސް ހިދުމަތްދޭ ބަޔަކަށް ވާތީ، މި ދާއިރާގައި ފެންވަރު ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: