ގެދޮރުވެރިކަމަށް ބޭނުންވާ އިކުއިޓީ ފައިނޭންސް ފޯރުކޮށްދިނުމުގެ ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި ”ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް“ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ ”ހެލްޕް ޓު ބިލްޑް“ އަދި ”ހެލްޕް ޓު ބައި“ ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ، ވޯލްޑް ބޭންކާއި އެ ވުޒާރާ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީ ޕޭމަންޓަށް ފައިސާ ނުލިބުން ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޭންކުތަކާ މަޝްވަރާކޮށް މިހާރު ނިންމާފައިވަނީ، ބޭންކުން ލޯނު ފާސްވާ ފަރާތްތަކުގެ ތެރެއިން އަލަށް އަމިއްލަ ބޯހިޔާވަހިކަން ހޯދާ ކޮންމެ މީހަކަށް އިކުއިޓީއަށްވާ ބައި އަނބުރާ ދައްކަން ނުޖެހޭ އެހީއެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
މި ސްކީމްގެ ދަށުން ލިބޭ ލުއިތަކުގެ މިސާލެއް ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ”އެއް މިލިއަން ރުފިޔާގެ ލޯނަކުން ތިން ރޫމްގެ ގެއެއް ހަދާލެވޭ ކަމުގައި ވާ ނަމަ، ސަރުކާރުން މި އެހީތެރިވެދެނީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް“ ކަމަށެވެ.
މީގެއިތުރުން، ވަކި މުއްދަތެއްގެ ތެރޭގައި އިމާރާތް ވިއްކާލައިފި ހާލަތެއްގައި ފިޔަވައި، މި އެހީއަކީ ސަރުކާރަށް އަނބުރާ ދައްކަންޖެހޭނެ ފައިސާއެއް ނޫން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ސްކީމްގެ ސަބަބުން ރަށްރަށުގައި އަމިއްލަ ގޯތި ލިބި، އިމާރާތް ނުކުރެވިފައި ތިބި ގިނަ ފަރާތްތަކަށް ބޮޑު ފަސޭހައަކާއި ފައިދާއެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

