ގައުމެއްގެ އިގުތިސާދީ ހިންގުމުގައި ދަރަންޏަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެކެވެ. ނަމަވެސް، ނަގާ ދަރަނި ގަވާއިދުން ދެއްކުމަކީ ހަމައެކަނި މާލީ އިތުބާރު ދެމެހެއްޓުމަށް އެޅޭ ފިޔަވަޅަކަށް ވާއިރު، އޭގެ ސަބަބުން ސީދާ ގޮތެއްގައި ގައުމަށް ދެމެހެއްޓެނިވި ތަރައްގީއެއް ލިބިގެން ނުދެއެވެ. ދަރަނި އަދާކުރުމަކީ މާލީ ބުރައަކުން ސަލާމަތްވުން ކަމުގައި ވިޔަސް، އެ ދަރަނީގެ ބޭނުން ހިފައިގެން އުފެއްދުންތެރިކަން އިތުރުނުކުރެވޭ ނަމަ އަދި އާ އާމްދަނީ އުފައްދާ ދާއިރާތައް ނުއުފެއްދޭ ނަމަ، ގައުމުގެ އަސްލު ތަރައްގީ އޮންނާނީ މަޑުޖެހިފައެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދައުލަތަށް ލިބޭ އާމްދަނީން ކުރިއަށް ހުރި ދަރަނިތައް ދެއްކުމަކީ ނުއުފުލޭ ވަރުގެ ބުރައެއް ނޫން ކަމަށް ބެލެވުނަސް، އެއީ ތަރައްގީގެ އިންޖީނު އެނބުރެން ފެށީ ކަމުގެ ހެއްކެއް ނޫނެވެ. ދަރަނިތައް ދެއްކުމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުމާއި، ގާނޫނުތަކަށް ބަދަލު ގެނެސްގެން ބޭރު ފައިސާ ހޯދުމުގެ މަގުތައް ފަހިކުރުމަކީ މާލީ ގޮތުން ކުރިއާލާ ތައްޔާރުވުމަށް އެޅޭ ރަނގަޅު ފިޔަވަޅުތަކެކެވެ.
މީގެ އިތުރުން، އޭޕްރީލް މަހު ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ 50 މިލިއަން ޑޮލަރުގެ ދެ ޓީ-ބިލާއި، އަދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ދައްކައި ޚަލާސްކުރުމަކީ މާލީ ފުންވަޅުގަނޑަކަށް ވެއްޓުމުން ސަލާމަތްކޮށްދިން ކަންކަމެވެ. މީގެ އިތުރުން އަބޫދާބީ ފަންޑަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރެވުމަކީ ވެސް ވަގުތީ ލުޔެކެވެ.
މި ފަދަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޭރުގެ ދަރަނި 2.8 ބިލިއަން ޑޮލަރުން (ޖީޑީޕީގެ 35 އިންސައްތަ) 2.4 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ 30 އިންސައްތަ) ދަށްކުރެވި، މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 އިން ސީއޭއޭ1 އަށް ވަނީ މަތިކޮށްފައެވެ. މިއީ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެ، ބަނގުރޫޓުވުމުގެ ބިރު ކުޑަވި ކަމުގެ ހެއްކެކެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި ދަރަނި މެނޭޖްކުރުމުގެ ކާމިޔާބީއެކެވެ.
ދަރަނި އަދާކުރުމަށް ގައުމުގެ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަން ޖެހުމަކީ ސީދާ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ތަރައްގީއަށް އެޅޭ ހިޔަންޏެކެވެ. ދައުލަތަށް ލިބޭ ޑޮލަރާއި ޓެކްސް ފައިސާ ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހުމުން، ސިއްހީ ނިޒާމާއި، ތައުލީމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކުރާ ހޭދަ މަދުކުރަން މަޖުބޫރުވެއެވެ. މާ ބޮޑެތި ދަރަނިތަކެއް ދައްކަން ނެތުމުން ދިމާވާ ދަތިތައް ކުޑަވި ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓުމަކަށް އައުމަކީ އެކަމުގެ ނޭދެވޭ އަސަރު އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ކުރާނެ ކަމެކެވެ.
އަނެއްކޮޅުން، ނަގާ ދަރަނިން ހިންގާ މަޝްރޫއުތަކަކީ އޭގެ ޒާތުގައި އާމްދަނީ އުފެއްދޭ ފަދަ އިގުތިސާދީ ހަރަކާތްތަކަކަށް ނުވާ ނަމަ، އެ ދަރަނި ދައްކަން ޖެހެނީ ރައްޔިތުންގެ އަތުން ނަގާ ޓެކުހުންނެވެ. ނަތީޖާއެއްގެ ގޮތުން ދަރަނި އަދާކުރެވުނަސް، ގައުމުގެ އުފެއްދުންތެރިކަން އިތުރުނުވެ، އިގުތިސާދު އެއް ތަނެއްގައި ގަނޑުވެފައި އޮންނަން ޖެހެއެވެ. ވުމާއެކު، ދަރަނި ދެއްކުމަކީ އިގުތިސާދީ ގޮތުން ސަލާމަތްވުން ކަމުގައި ވިޔަސް، އޭގެ ޒާތުގައި އެއީ ކުރިއެރުމެއް ނޫނެވެ.
ހަގީގީ މާނައިގައި ގައުމަށް ތަރައްގީ ގެނެވޭނީ ދަރަނި ދެއްކުމުގެ އިތުރުން، އިގުތިސާދީ އޮނިގަނޑު ފުޅާކޮށްގެންނެވެ. ރާއްޖެ ފަދަ ނާޒުކު އިގުތިސާދެއްގައި ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެ، އެއިން ލިބޭ އާމްދަނީން ކުރީގެ ދަރަނިތައް ދައްކަމުން ދިޔުމަކީ ދިގު މުއްދަތުގެ ހައްލެއް ނޫނެވެ. ދަރަނި ނަގަންވާނީ އެ ދަރަނީގެ ފައިދާއިން އިތުރު ވަޒީފާތައް އުފެދި، އައު ވިޔަފާރިތައް އުފަންވެ، އަދި ޓެކްސް ބޭސް ފުޅާކުރެވޭ ފަދަ އުފެއްދުންތެރި ދާއިރާތަކަށެވެ. އަދި އޭގެ އިތުރުން އަމިއްލަ ވިޔަފާރިތައް ކުރިއަރާނެ ވެއްޓެއް ގާއިމުކޮށް، ސީދާ ބޭރުގެ އިންވެސްޓްމަންޓްތައް (އެފްޑީއައި) އިތުރުކުރަން ޖެހެއެވެ.
ދަރަނި ދެއްކުމަކީ މާލީ ގޮތުން ގައުމުގެ އަގު އުފުލި، ބައިނަލްއަގުވާމީ ރޭޓިންތައް ރަނގަޅުވާ ކަމަކަށް ވިޔަސް، ހަގީގީ ތަރައްގީ ބިނާވަނީ އެ ފައިސާ ހޭދަކުރެވުނު ގޮތެއްގެ މައްޗަށެވެ. ދަރަނި ނަގައިގެން އަޅާ ބުރިޖަކުން ނުވަތަ އެއާޕޯޓަކުން އިގުތިސާދީ އެކަށީގެންވާ ނަފާއެއް ނުނެރެވި، ހަމައެކަނި އެ އެއްޗެހީގެ ދަރަނި ދެއްކުމުގައި އަވަދިނެތި އުޅެން ޖެހުމަކީ ތަރައްގީއެއް ނޫނެވެ. ގައުމަކަށް ފުރިހަމަ ތަރައްގީ ލިބޭނީ ދަރަނި މެނޭޖްކުރުމާ އެކުއެކީގައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީގެ ވަސީލަތްތައް ސިންދަފާތު ކުރެވިގެންނެވެ.

