ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކުވެރިޔާގެ ވާހަކަތަކަށް ސަމާލުކަން ނުދެއްވާ ހިކުމަތްތެރި ލީޑަރު!

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއިއެކު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މިންވަރަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ގެނައުމަށް ސަރުކާރުން މިވަނީ ނިންމާފައެވެ. އެގޮތުން އެކަން ކުރަން ނިންމާފައި ވަނީ  ޞިއްޙީ މާހިރުންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުންދާނަމަ ކަމުގައި ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަނީ ވިދާޅުވެފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. މިގޮތުން ފުރަތަމަ ކަމެއްގެ ގޮތުން، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުމާއި، އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެކަމަށާއި، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސޭނެކަމަށާއި، މިލުއިތައް ދޭނެ ގޮތުގެ ތަފްޞީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަންނަވަންތޯއެވެ. ހަގީގަތުގައި މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ މި ހާކަތުގައި ލުއިތަކެއް ދިނުމާއި ހިސާބަށް ދިވެހިތާއްޖެއަށް ވާސިލް މިވެވެނީ ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ މަޑުމައިތިރި ކަމާއި ހިކުމަތްތެރި ކަމުގެ ސިޔާސަތުގެ ދަށުންކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް

އެހެން މިދަންނަނަވްން ޖެހުނީ ކޮރޯނާ ވައިރަހުގެ ނުރައްކަލުގައި ޖެހި ދުނިޔޭގެ ބޮޑެތި ބާރުތައް ގޮތް ހުސްވެފައި ވާތީއެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމުމުގެ ގޮތުން ކުރިއަލާ އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ނަތީޖާ އިޓަލީ ވިލާތާއި، އެމެރިކާ ފަދަ ގައުމުތަކުން ދަނީ ފެންނަމުންނެވެ. ދުނިޔޭގެ ދެ ވަނަ އެއް ނެތްފަދަ ސިއްހީ މާހިރުންނާއި، އެފަދަ ދެ ވަނަނަ އެއް ނެތް ހޮސްޕިޓަލްތަކާއި ސައިންސްވެރިން ތިބި އެމެރިކާގެ ހާލަތު އަޅުގަނޑު ކިޔައި ނުދިން ނަމަވެސް ކޮންމެ މީހަކަށް ވެސް ފެނިގެންދާނެއެވެ.  އެތައް މިލިޔަން ބަޔަކަށް ބަލި ޖެހި އެތައް ލައްކަ ބަޔަކު ކޮރޯނާ ވައިރަހުގައި މަރުވަމުން ދާއިރު އެމެރިކާއަށް މިއަދު ކުރެވޭނެ ހަމަ އެއް ކަމެއްވެސް ނެތެވެ. ސުވާލަކީ އެ ހާލަތު އެމެރިކާއަށް ދިމާވީ ކީއްވެގެންތޯއެވެ. އޮތީ ހަމަ އެންމެ ޖަވާބެކެވެ. އެއީ ބަލީގެ ނުރައްކާޔެރިކަން ގަބޫލު ނުކުރުމެވެ. އެއްވެސް ކަހަލަ ސިޔާސަތަެއް ކަނޑަނާޅައި އެހެން މީހުންގެ ކުށް ހޯދަން އެމެރިކާ ސަރުކާރުން ތިބީއެވެ. މުޅި ޔޫރޮޕަށް ބަލި ފެތުރިގެން ދިއުމުގެ މައިގަނޑު ސަބަބަކީ މިއީއެވެ. 

އެމެރިކާއާއި އިޓަލީ ވިލާތަށް ދިމާވި ހާލަތު ރާއްޖެއަށް ދިމާނުވީ ދުރާލާ އެޅި ފިޔަވަޅުތަކާއި ބަލީގެ ނުރައްކާތެރިކަން ދިވެހި ސަރުކާރުން ގަބޫލު ކުރުމުންނެވެ. ހާއްސަކޮށް ރައީސް ސާލިޙް ބަލީގެ ނުރައްކާތެރިކަން ގަބޫލު ކުރައްވައި ސިއްހީ މާހިރުންގެ ބަހަކީ އެންމެ އިސް ބަސް ކަމާއި އަދި އެންމެ ފަހު ބަސްކަން ނިންމެވި ނިންމެވުމަކީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ފެތުރިގެން ނިދިޔަ ސަބަބެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގިތުން ރައީސް ސާލިޙް ނިންމެވި ނިންމެވުންތަކާއި މެދު ހިތް ހަނަ ނުޖެހޭ ބަޔަކު ތިބެދާނެކަން ރައީސް ސާލިހް ގަބޫލު ކުރައްވައެވެ. 

ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކާއި ބައްޔާއި ބެހޭ ގޮތުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންނާއި ރައީސް ސާލިޙް އެންމެ ގާތް އެކުވެރިތާ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ. އެގޮތުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމާއި ރާއްޖޭގެ ވައިގެ ބަނދަރު ބަންދު ކުރުމާއި ގެއިން ނުނިކުމެ ތިބޭ ގޮތަށް ސިއްހީ މާހިރުންގެ މަޝްވަރާގެ މަތިން ސަރުކާރުން ނިންމި ނިންމުންތަކަކީ ރައީސް ނަޝީދު ހިތްޕުޅާވި ކަމެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހުގެ ބިރަށް ރާއްޖޭގެ އެއާޕޯޓުތައް ބަންދުކޮށް ރިސޯޓުތަކަށް ފަތުރުވެރިން އައުން މަޑުޖައްސާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ވިދާޅުވަމުން ގެންދެވީ މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި މިއީ ހަމަ އާދައިގެ ރޯގާއެއް ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް އަންނާނެ ފަދަ އެއްވެސް ކަމެއް ކުރުމަކީ ރައީސް ނަޝީދު ހިތުގެ އަޑިން ތާއިދު ކުރެއްވި ކަމެެއް ނޫނޫނެވެ. އެކަމުގައި ރައީސް ނަޝީދުގެ ކެތްތެރިކަން ވެސް ވަނީ ކޮޅުން ލައިގެން ގޮސްފައެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވި ގޮތަށް ރާއްޖޭގެ އިގްތިސާދު ހުޅުވާލާފައި ބޭއްވި ނަމަ އަދި އާންމު އުސޫލުން ކަންކަން ބޭއްވިނަމަ ކޮރޯނާ ވައިރަސް އެންމެ ގަދަޔަސް ފެތުރިފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ ނަން އޮތީސްކަން ޔަގީނެނެވެ. އަދި ބަލީގައި އެތައް ބަޔަކު މަރުވީސްކަން ޔަގީނެވެ. 

ކޮންމެއކަސް ރައީސް ނަޝީދުގެ ބައެއް ވާހަކަފުޅުތަކަށް ރައީސް ސާލިޙް އެންމެ ފަހުން ދެއްވި ތަގުރީރުން މިވަނީ ޖަވާބްތައް ލިބިގެން ގޮސްފައެވެ. އެގޮތުން  އެކި ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ ރައީސް ނަޝީދު ކަންބޮޑުވެވަޑައިގެން ކެތްތެރިކަން ކޮޅުން ލައިގެން ގޮސްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. 

މަޖިލީހުގެ ދެ ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ މާލެއަށް އެކި ބޭނުންތަކަށް އައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އެ މީހުން ރަށަށް ފޮނުވުމުގެ ކަންކަމަކީ މުހިއްމު ކަމަށް ނުފެންނަ ސަބަބެއް ނުވިސްނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހައްލު ކުރަން އެއްވެސް މަސައްކަތް ނުކުރެވޭނަމަ އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހުގެ މެންބަރުންނަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު އަދި ރައީސް ސާލިޙް

ރައީސް ނަޝީދުގެ މި ކަންބޮޑުވުންތަކަށް ރައީސް ސާލިޙް މިވަނީ ވަރަށް ފުރުހަމަ ޖަވާބްތަކެއް ދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެންމެ ދެ ތިން ދުވަހަށް މާލެ އައިސް، ނުވަތަ ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެންވެސް މާލޭގައި މީހުން އެބަ ތިބިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޒޯޓު މުވައްޒަފުން ކަރަންޓީން ނިމި، އެނބުރި ރަށަށް ދިޔުމަށްޓަކައި މާލެއިން ފުރަން އުޅެނިކޮށް، އަނެއްކާ މާލޭގައި ބަންދުވި ކިތަންމެ ބަޔަކު އެބަތިބިކަން އެނގިވަޑައިގަންނަވާކަން ރައީސް ސާލިޙް ވަނީ ހާމަ ކުރައްވާފައެވެ. ހަމައެހެންމެ  ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ތިބި ކިތަންމެ ބަޔަކުވެސް ނުފުރިފައި އެބަތިބި ކަމާއި ރާއްޖެއިން ބޭރުގައި ތިބި ކިތަންމެ ދިވެހިންނެއް ރާއްޖެ ނާދެވިފައި އެބަތިބިކަން އެނގިވަޑައިހަންނަވާ ކަމަށް ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވީ  ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފިނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ ކަމަށާއި އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. 

ކޯވިޑް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާމެދު، ހިތްހަމަނުޖެހޭ ބަޔަކުވެސް ތިބެދާނެ ކަމަށާ ނަމަވެސް އެ ފިޔަވަޅުތައް އަޅަން ޖެހުނީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ގައުމުތައް އުފުލަމުންދާ އުނދަގޫތައް އެންމެނަށްވެސް ފެންނަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑް-19 އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާ އޭގެތެރޭގައި މި ބައްޔާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް، ސަރުކާރުން މިހާރުވަނީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެއކަސް ކޮރޯނާ ވައިރަހުން ރައްކާތެރިވެވިދާނެ ކަމުގެ ކުޑަ ނަމަވެސް އުންމީދެއް ދިވެހި ރާއްޖެއަށް ލިބިފައި މިވަނީ ސިއްހީ މާހިރުންގެ މަޝްވަރާގެ މަތިން ރައީސް ސާލިޙް ނިންމެވި ނިންމެވުންތަކުގެ ސަބަބުންނެވެ. މއިަދު މި ފަންނަނީ އެކުވެރިޔާގެ ވާހަކަތަކަށް ސަމާލުކަން ނުދެއްވާ ހިކުމަތްތެރި ލީޑަރެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: