80 ޕަސެންޓު ރައްޔިތުން ތިބީ ރަސްމާލޭގެ މަޝްރޫއުއާ ދެކޮޅަށް ކަމަށާއި ރައްޔިތުން ކަމަކާއި ދެކޮޅު ވުމުން ދެން އެކަމެއް ކުރަން އުނދަގޫވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރަސްމާލޭގެ މައްސަލައިގައި ބޭއްވި ހާއްސަ ޕްރެސްގައި އިމްރާން ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަރުހަލާގެ ތެރެއިން މަސައްކަތް ކުރީ ސަރުކާރުގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން ޑޮލަރަށް ޖެހިގެން ދިޔަ ކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ބިން ބޭރުގެ ޔަހޫދީންނަށް ދިނުމަށް މަޝްވަރާތައްވެސް ކުރެވި އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށެވެ.
އިމްރާން ވިދާޅުވީ ރަސްމާލޭގައި ހިންގަން އުޅޭ ބޮޑު މަޝްރޫއުއާއެކު ގިނަ ބައެއްގެ ކަންބޮޑުވުންތައް އޮވެ އެކަން ދިޔައީ ބޮޑު އިހުތުޖާޖަކަށް ވަމުން ކަމަށެވެ. މިއަދުގެ ހަރާކަތީ އެންމެންގެ އަޑު އެއްކޮށްލަން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި ސަރުކާރުން މަޝްރޫއު ހުއްޓަންދެން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް ދޫކޮށްލަން ޖެހޭނީ ހާމަކަން ބޮޑުކަމާއެކުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
”މިކަމަކީ ރައީސް މުއިއްޒުއަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން“
އިމްރާން ވިދާޅުވީ ދިވެހި ފަސްގަނޑުގެ ވެލިފުކަކަށްވެސް ރައީސް މުއިއްޒު އިހުތިރާމު ކުރައްވާނަމަ އެ އެއްބަސްވުމުގައި ސޮއިނުކުރައްވާނެ ކަމަށެވެ. އިމްރާން އެދުނީ ރައީސް އެ އިއްތިހާދުގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންގެ 80 ޕަސެންޓު ކަމަކަށް ހިފާލީމާ އެއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

