އެއްބަނޑު އެއްބަފާ ބޭބެ އަތުން ފައިސާ ހޯދަން އުޅެ، ފައިސާ ނުދިނުމުން މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައެއްގައި ހދ. ކުޅުދުއްފުށީ މީހަކު 3 މަހާއި 2 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހު ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގައި އޭނާގެ ބޭބެ ޑިއުޓީގައި ހުއްޓައެވެ. ފައިސާ ހޯދުމަށް އެދި ބޭބެއަށް އިންޒާރު ދިންއިރު، އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ހާޒިރުގައިވެސް އޭނާ ވަނީ ބޭބެއަށް މަރުގެ އިންޒާރު ދީފައެވެ. މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބުނު މީހާ ވަނީ އަމިއްލަ އިޚްތިޔާރުގައި ކުށަށް ފުރިހަމައަށް އިއުތިރާފުވެފައެވެ.
މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަސް ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑާއި، ޝަރީއަތުގައި ކުށަށް އިއުތިރާފުވުމުގެ އިތުރުން މައްސަލަ ދޫކޮށްލުމަށް ބޭބެ އެދިފައިވާތީ އަދަބު ވަނީ 3 މަހާއި 18 ދުވަހަށް ދަށްކޮށްދީފައެވެ. އަދި ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި 16 ދުވަސް އަދަބުން އުނިކުރުމަށްފަހު، ހުކުމް ތަންފީޒުކުރަން ޖެހޭ މުއްދަތެއްގެ ގޮތުގައި ކަނޑައެޅީ 3 މަހާއި 2 ދުވަހުގެ ޖަލު ހުކުމެކެވެ.
ހުކުމް ޖޫރިމަނާއަށް ނުވަތަ ގޭބަންދަށް ބަދަލުކުރުމާ ގުޅޭގޮތުން ކޯޓުން ކަނޑައެޅީ، އޭނާގެ މާލީ ތަނަވަސްކަން ހުރިކަން ސާބިތުނުވުމާއި، މިއީ އާއިލީ ގުޅުން އޮތް މީހަކާ ދެކޮޅަށް ހިންގި ކުށަކަށް ވާތީ އަދަބު ލުއިކޮށްދެވެން ނެތް ކަމަށެވެ.

