ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ފުރިހަމައަށް ތާއީދުކުރައްވައި އެކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު ހުރީ 13.9 މިލިއަން ޑޮލަރުގައެވެ.
ރައީސް މިހެން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއް ބަދަލުކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ބަޔާނުގައެވެ. ބޮޑުވަޒީރު ޝަރީފާއެކު މިއަދު ހެނދުނު ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި އަދި ނަތީޖާ ނެރެވޭ ގޮތަށް ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތު، ތަޢުލީމު، ތިމާވެށި، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ފުލުހުންގެ ޚިދުމަތާއި ދިފާޢީ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ތަމްރީނާއި ޤާބިލުކަން އިތުރުކުރުން އަދި ފަތުރުވެރިކަން ހިމެނޭހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ވާހަކަދެކެވިފައެވެ. އަދި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ރައީސް ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމުގެ އައު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ.
ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ދެމެދުގައި ބޭނުންނުކުރެވި ހުރި ގިނަ ވިޔަފާރީގެ ފުރުޞަތުތަކެއް އެބަހުރި ކަމަށެވެ. އަދި ވިޔަފާރި ފުޅާކުރުމަށާއި، އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ދެ ޤައުމު ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ އެއްބަސްވެވިފައެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި، އީޖާދުވެރިން އަދި އިންވެސްޓަރުން އެއްތަނަކަށް ގެނެސް، އުފެދިފައިވާ ގުޅުމުގެ ބޭނުންހިފައި ދެފަރާތަށް ފައިދާހުރި އިންވެސްޓްމަންޓްތަކަކަށް މަގުފަހިކުރުމަށް ލިބޭނެ މުހިންމު ފުރުޞަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމަށް ކުރެވޭ މަޝްވަރާތަކަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސީދާ ދަތުރުތައް ފެށުމުން ފަތުރުވެރިކަމަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށާއި، ޚާއްޞަކޮށް ދެ ޤައުމުގެ ދެމެދުގައި އޮތް އެއްގޮތް އަގީދާއާއި ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ޙަލާލް އަދި މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑެތި ފުރުޞަތުތަކެއް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ވެގެންދާއިރު ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވުމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފްވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް އުޙުވަތްތެރި އަދި ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. ދެ ޤައުމުގެ ދެމެދުގައި ދަނޑުވެރިކަމާއި، ސިއްހީ، އުމްރާނީ އަދި އިސްތިރާޖީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދިގު ތާރީޚެއް އޮވެއެވެ.

