ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ބޮޑުވަޒީރު ޝެހެބާޒް ޝަރީފް

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ އެކުވެރިކަމުގެ އައު ބާބެއް ހުޅުވިގެންދިޔަ ތާރީޚީ ދަތުރުފުޅެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ މަތީ ވެރިއަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ރަސްމީ ޒިޔާރަތެވެ.

އިސްލާމްއާބާދުގައި ބޭއްވުނު ރަސްމީ ބައްދަލުވުންތަކަށްފަހު ދެއްވި ބަޔާނުގައި ބޮޑުވަޒީރު ޝެހެބާޒް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް ވަނީ އިތުރު ދިރުމެއް ލިބިގެން ގޮސްފައެވެ. މި ބައްދަލުވުމުގެ ތެރެއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު 20 ދާއިރާއަކުން ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

އެ ބަޔާނުގައި ބޮޑުވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް 13.9 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެއިތުރުން ދިފާޢީ، ފުލުހުން، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ޕާކިސްތާނުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވަމުން، މިހާރުވެސް ޕާކިސްތާނުގެ 250 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ޞިއްޙީ އެހީތެރިން ރާއްޖޭގައި ޚިދުމަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ރައީސް ޑރ. މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ޕާކިސްތާނުން 100،000 އޮލިވް ގަހާއި، އެކި ބާވަތުގެ 100،000 އޮށް ހަދިޔާކުރަން ނިންމާފައިވާކަން ބޮޑުވަޒީރު ވަނީ އިޢުލާނުކުރައްވާފައެވެ. އަދި ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސްގެ ލީޑަރޝިޕްގެ އަގުވަޒަންކޮށް، އިސްލާމްއާބާދު އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ރައީސް ޑރ. މުޢިއްޒަށް ”އޮނަރަރީ ޑޮކްޓަރޭޓް“ އެރުވުމަށް ހަމަޖެހިފައިވާތީ ބޮޑުވަޒީރު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤުގައި ރާއްޖެއިން ކުރަމުންދާ ވަކާލާތަށް ތަޢުރީފުކުރައްވަމުން، ކަޝްމީރުގެ ރައްޔިތުންގެ ޙައްޤުތަކާއި އިންޑަސް ކޯރުގެ ފެނުގެ މުޢާހަދާއާ ގުޅިގެން ޕާކިސްތާނުން ގެންގުޅޭ ކަންބޮޑުވުންތައްވެސް ބޮޑުވަޒީރު ޝަރީފް ވަނީ ރައީސް ޑރ. މުޢިއްޒާ ޙިއްޞާކުރައްވާފައެވެ. ބޮޑުވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ދެ ޤައުމުގެ އެކުވެރިކަމަށް އަބަދަށް ނަޞްރު ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: