އިންޑިއާގެ ހިންދީ ސިނަމާ ނުވަތަ ބޮލީވުޑްގައި މިހާރު ތަފާތު ވާހަކަތަކުގެ މައްޗަށް ފިލްމު އުފެއްދުމުގެ ބަދަލުގައި، ވަކި ޒާތެއްގެ ފިލްމުތަކަކަށް އިސްކަންދެމުންދާތީ، އެ ސިނަމާގެ އުފެއްދުންތެރިކަން ގެއްލެމުންދާ ކަމަށް ބުނެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ މިސްރާބު ހުރި ގޮތާ މެދު ނުރުހުން ފާޅުކުރަމުން، ފާހަގަކޮށްލެވޭ އެތައް ފިލްމެއް ގެނެސްދީފައިވާ އަނޫރާގް ބުނީ، މުޅި އިންޑަސްޓްރީ މިހާރު ދީލައިލަމުން ދަނީ ހަމައެކަނި ޤައުމީ ޖޯޝާއި ދީނީ ކަންކަމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތަކަށް ކަމަށެވެ. އަދި އޭގެ ސަބަބުން ތަފާތު ވައްތަރުގެ އަދި އަސަރުގަދަ މޮޅެތި ވާހަކަތަކުގެ މައްޗަށް ފިލްމު އުފެއްދުމުގެ ފުރުސަތު ކުޑަވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.
އަނޫރާގް އިތުރަށް ބަޔާންކުރި ގޮތުގައި، ފިލްމު އުފައްދާ ފަރާތްތަކުން ވިޔަފާރީގެ ފައިދާއަށް ނުވަތަ ވަކި ޓްރެންޑަކަށް ތަބާވެގެން މިފަދަ ފިލްމުތައް ހެދުމަށް މާބޮޑަށް އިސްކަންދިނުމަކީ ސިނަމާގެ އަސްލު އުފެއްދުންތެރިކަން މަރުވެގެންދާނެ ކަމެކެވެ. މީގެ ކުރިން ބޮލީވުޑަކީ އެކި ދާއިރާތަކުގެ އިޖުތިމާޢީ މައްސަލަތަކާއި އައު ޚިޔާލުތަކަށް ފުރުސަތު އޮތް ތަނެއް ނަމަވެސް، މިހާރު ފެންނަނީ ވަކި އޮއިވަރެއްގައި ޖެހިގެން އެއްގޮތް ފިލްމުތަކެއް އުފައްދަމުންދާ މަންޒަރު ކަމަށް އޭނާ ބުންޏެވެ.
ބައެއް ފަރާތްތަކުން އަނޫރާގްގެ ވާހަކަތަކަށް ތާއީދުކޮށް، ސިނަމާގައި ތަފާތު އަދި އައު ވިސްނުންތަކަށް ޖާގަ އޮންނަންޖެހޭނެ ކަމަށް ބުނަމުންދާއިރު، އަނެއްބައި ފަރާތްތަކުން ބުނަމުންދަނީ ބެލުންތެރިން ބަލަން ބޭނުންވާ ޒާތުގެ ފިލްމުތައް އުފެއްދުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ފަހަކަށް އައިސް އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދަމުން ދަނީ ޤައުމިއްޔަތާއި ދީނީ ވާހަކަތައް ދައްކުވައިދޭ ފިލްމުތައް ކަމަށްވާއިރު، އަނޫރާގްގެ މި ފާޑުކިޔުމަކީ ފިލްމީ ދާއިރާގެ ކުރިމަގާމެދު އުފެދިފައިވާ ސުވާލުތަކަށް އިތުރުވި ބޮޅެކެވެ.

