ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން މުރާޖައާކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފައެވެ. ރަޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އޭނާ މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށް އަލީ ހުސެއިން އިއްޔެ އެކްސްގައި ވަނީ ވިދާޅުވެފައެވެ.
ރަޖިސްޓްރާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ، 14 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭ ޒާތުގެ މައްސަލައަކަށް ނުވާތީ ކަމަށް ބަޔާންކޮށެވެ.
އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވަނީ، އީގަލް ހިލްސް ކުންފުންޏަށް އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ނުދައްކާ ގޮތަށް 99 އަހަރަށް ބިން ދިނުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެ ބިން ތިންވަނަ ފަރާތްތަކަށް އަލުން ކުއްޔަށް ދިނުމާއި އެހެނިހެން މުއާމަލާތްތައް ކުރުމުގެ ފުރިހަމަ އިހުތިޔާރު ދީފައި އޮތުމަކީ ދައުލަތުގެ ސިޔާދަތީ ބާރާއި އިގްތިސާދީ މަސްލަހަތަށް ގެއްލުންވާނެ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު މިހާރު އޮތް ގޮތުން، ދައުލަތުގެ މިލްކިއްޔާތުގައިވާ ބިމެއް ބޭރުގެ ފަރާތަކަށް އެއްފަހަރާ 99 އަހަރަށް މިފަދަ ގޮތަކަށް ދޫކުރުމުގެ ބާރު ލިބިދޭ ސާފު ގާނޫނީ ހަމައެއް ނެތްކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި މި އެއްބަސްވުމަކީ ދައުލަތުގެ ބިމާއި ސަރަހައްދުގެ މައްޗަށް ސިޔާދަތީ ބާރު ދެމެހެއްޓުމާ ގުޅޭގޮތުން ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ހިލާފު މުއާމަލާތެއް ކަމަށް ވަކާލާތުކޮށްފައިވެއެވެ.
އެ މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ އެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލު އެއްބަސްވުމެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން، ކޯޓުން ވަކި ގޮތެއް ނިންމައި ހުކުމެއް އިއްވަންދެން، ދައުލަތަށް އިޔާދަނުކުރެވޭނެ ފަދަ ގެއްލުމެއް ވިޔަ ނުދިނުމުގެ ގޮތުން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ.

