ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރު އެޅުމަށާއި ގަތުމަށް ދޭ އިކުއިޓީ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

ހައުސިންގ މިނިސްޓަރ ޑރ ޢަބްދުﷲ މުއްޠަލިބް. ފޮޓޯ: ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަން ހޯދުމުގައި ބޭންކުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމަޖެއްސުމަށް ސަރުކާރުން އެހީތެރިވެދިނުމުގެ ގޮތުން ތައާރަފްކުރާ ”ހެލްޕް ޓު ބިލްޑް“ އަދި ”ހެލްޕް ޓު ބައި“ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހު ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްޠަލިބު ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމުގެ ތެރެއިން މި ދެ ސްކީމް އަންނަ މަހު އިއުލާނުކުރާނެ ކަމަށެވެ. ގިނަ އާއިލާތަކަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ މަހުން މަހަށް ދައްކަންޖެހޭ ލޯނުގެ އިންސްޓޯލްމަންޓް ނޫން ކަމަށާއި، އެއީ ބޭންކުތަކަށް އެންމެ ފުރަތަމަ ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމަޖެއްސުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސްކީމްތައް އަމަލީ ގޮތުން ހިންގުމަށްޓަކައި މިމަހުގެ 18 ވަނަ ދުވަހު މާލީ ހަތަރު އިދާރާއަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެފޯޑަބަލް ހައުސިން އިންސްޓިޓިއުޓުން މިނިސްޓްރީއަށް އެކުލަވާލަދިން ”މޯލްޑިވްސް އެފޯޑަބަލް ހައުސިންގ ރިފޯމް ސްޓަޑީ“ އާ ހަވާލާދެއްވައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދިރާސާކުރެވުނު އާއިލާތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޭބިސީތަކުގައި އެއްވެސް ވަރަކަށް ފައިސާ ރައްކާކުރެވިފައެއް ނުވެއެވެ. އަދި މަހަކު 3،000 ރުފިޔާއަށް ވުރެ އިތުރަށް ސޭވް ކުރެވެނީ ކޮންމެ ދިހަ އާއިލާއަކުން އެއް އާއިލާއަށެވެ.

މި ސިޔާސަތު އިޚްތިޔާރުކުރި ސަބަބު ބަޔާންކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ހަމައެކަނި އިމާރާތްކޮށްގެން ގެދޮރުވެރިކަމުގެ ވައުދު ފުއްދުމަކީ ދަތި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. ސަރުކާރުން އެއް ގެ އެޅުމަށް ހިނގާ ޚަރަދުން މި މޮޑެލްގެ ދަށުން ގާތްގަނޑަކަށް 5 އާއިލާއަކަށް ގެދޮރުވެރިވުމުގެ އިކުއިޓީ ހަމަޖައްސައިދެވޭނެ ކަމަށާއި، މިއީ އެއްފަހަރު ދޭ އެހީއަކަށް ވާތީ ދައުލަތުގެ ބަޖެޓުން 20 ނުވަތަ 25 އަހަރު ވަންދެން ފައިސާ ތާށިވެފައި ނުހުންނާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި އެހީއަކީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއް ކަމުގައި ވިޔަސް، މި ސްކީމްގެ ދަށުން ލިބޭ ގެދޮރު 20 އަހަރު ވަންދެން ނުވިއްކޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ. މިއީ ވިޔަފާރި އުސޫލުން އަވަސް ފައިދާ ހޯދުމުގެ ބަދަލުގައި އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ މި ސްކީމްތަކުގެ ޝަރުތުތަކާއި ކުރިމަތިލާނެ ގޮތުގެ ތަފްސީލު އަންނަ މަހު އާންމުކުރާނެ ކަމަށެވެ. އެހެންކަމުން، މި ސްކީމްތަކަށް އެދެން ބޭނުންވާ ފަރާތްތަކުން ބިމުގެ ލިޔެކިޔުންތައް ހަމަކުރުމަށާއި ބޭންކުތަކާ މަޝްވަރާކޮށްގެން ތައްޔާރުވަމުން ދިއުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: