އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ސަރުކާރެއްގައި ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ބެލުމުގައި ގޭގައި ވަގުތު ހޭދަކުރާ އަންހެނުންނަށް އެލަވަންސެއް ނުވަތަ ޕެންޝަނެއް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވުމަކީ އޭނާއަށް ތާއީދުކުރައްވާ އެންމެ ބޮޑު ސަބަބު ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާ ފައްޔާޒް އިސްމާއީލް މިހާރު އައްޑޫ ސިޓީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ”ސަންގު“ ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރޮޒައިނާ ވިދާޅުވީ، ގޭތެރޭގައި ތިބެގެން އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ ފައްޔާޒަށް ވަރަށް ބޮޑަށް ވިސްނުންފުޅު ބަހައްޓަވާ ކަމެއް ކަމަށެވެ.
އެގޮތުން ދަރިން ބަލައި، ގޭތެރޭގެ ޒިންމާތައް އުފުލާ، އަންހެނުން ކައިވެނިކޮށްގެން ދިރިއުޅުން ބިނާކޮށް، އުމުރުން ދުވަސްވުމުން ބައެއް ފަހަރު ވަރަށް ނިކަމެތި ހާލަތްތަކާ ކުރިމަތިލާންޖެހޭ އަންހެނުންނަށް އެންމެ ފީސިބަލް ގޮތެއް ބަލައި، އެ މަސައްކަތްތަކުގެ އަގުވަޒަންކުރެވޭނެ ފަދަ އެލަވަންސެއް ނުވަތަ ޕެންޝަނެއް ފައްޔާޒްގެ މެނިފެސްޓޯގެ ތެރޭގައި ހިމެނިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑަށް މި ވާހަކަ ވެގެން ދިޔައީ އަޅުގަނޑަށް މިހާތަނަށް ރިޔާސީ އިންތިހާބަށް ނިކުންނެވި ކެންޑިޑޭޓެއް ވިދާޅުވި އެންމެ ޓަޗިންގް ވާހަކައަށް. އޭގެން އަޅުގަނޑަށް އެނގުނީ އަޅުގަނޑުމެންގެ އަންހެނުންގެ ކަންކަމާ ދޭތެރޭގައި އަސްލު ފަޔާ ވަރަށް ވިސްނަވާކަން. އެހެންވީމަ އެއީ އަޅުގަނޑު ފަޔާއަށް ވޯޓު ދޭނެ އެއްކަންތައް،“ ރޮޒައިނާ ވިދާޅުވިއެވެ.
ފައްޔާޒް އިސްމާއީލް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނާ ބައްދަލުކުރައްވައި، ކުރިއަށް އޮތް ތަނުގައި ޕާޓީ ހިންގުމާއި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތްތަކާ ގުޅޭގޮތުން ދަނީ މަޝްވަރާ ކުރައްވަމުންނެވެ.

