ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭގެ ބޯޑުގެ އިންތިހާބު ޕީއެންސީގެ މެމްބަރުން ކާމިޔާބުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިހާބުކުރަންޖެހޭ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކާމިޔާބުކޮށްފިއެވެ.

ޕީއެންސީން އިންތިހާބު ކާމިޔާބު ކޮށްފައިވާކަން އެލްޖީއޭއިން ވަނީ ”ސަންގު“ އަށް ކަށަވަރު ކޮށްދެއްވާފައެވެ. 

މި އިންތިހާބުގައި ވޯޓުލުން ކުރިއަށްދިޔަ ދެ ދާއިރާގެ ގޮނޑިވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ބޯޑަށް އިންތިހާބު ކުރަންޖެހެނީ 3 މެންބަރުންނެވެ. އެއީ މުޅި ރާއްޖޭގެ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ މެންބަރެކެވެ.

މި އިންތިހާބުގައި ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަންޏެވެ. އެހެންވެ، އެ މަގާމަށް އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން، އިންތިހާބަކާ ނުލައި އޭނާ ވަނީ މީގެ ކުރިން އެލްޖީއޭގެ ބޯޑަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ރާއްޖޭގައި ވޯޓުލުން ކުރިއަށްގެންދިޔައީ ބާކީ އޮތް ދެ ދާއިރާ ކަމުގައިވާ ރަށު ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ ރައީސުން ތަމްސީލުކުރާ ގޮނޑިއަށެވެ.

ރަށު ކައުންސިލަރުންގެ މެދުގައި ނެގުނު ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރެއްވީ ޖުމްލަ 314 ވޯޓާއެކުގައެވެ. މިއީ ވޯޓުލީ މީހުންގެ 58.04 އިންސައްތައެވެ. މި ގޮނޑިއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ 227 ވޯޓެވެ.

މި ވޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ވޯޓު ހޯއްދަވާފައިވަނީވެސް ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ މެދުގައި ނެގުނު ވޯޓުގައިވެސް ކުރިހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓެވެ. ޕީއެންސީގެ ކެންޑިޑޭޓަށް 89 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 63 ވޯޓެވެ. އެހެންކަމުން މި ގޮނޑި ޕީއެންސީން ކާމިޔާބުކުރީ 26 ވޯޓުގެ ތަފާތަކުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަކީ ރާއްޖޭގެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، ގާނޫނީ އިމުގެ ތެރޭގައި ކައުންސިލްތައް ހިންގުމަށް ބާރުއަޅައި ޖަވާބުދާރީ ކުރުވާ މައި އިދާރާއެވެ. މި އިންތިހާބުގެ ނަތީޖާއާއެކު އެލްޖީއޭގެ ބޯޑުގައި ކައުންސިލްތަކާއި ޑަބްލިއުޑީސީތައް ތަމްސީލުކުރުމަށް ހޮވިވަޑައިގެންނެވި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތެއް މިހާރު ވަނީ ސަރުކާރު ހިންގާ ޕާޓީއަށް ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: