އަވަށްޓެރިންނަށް ޖެއްސުންކޮށް ފުރައްސާރަކުރުމާއި އާންމުންނަށް ބިރުދެއްކުމުގެ މައްސަލަތަކެއްގައި ހައްޔަރުކޮށް، ފަރުވާއަށް ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ހުއްޓައި އަހުމަދު ފައިރިޝް އެ ތަނުން ފިލައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކ. ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް އޭނާ ފަރުވާއަށް ބަދަލުކޮށްފައި ވަނިކޮށް ފިލާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ އޭނާ އެ މަރުކަޒުން ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށެވެ.
ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ފައިރިޝް ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާ ބަންދުގައި ބަހައްޓަން ނިންމީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. އެ އަމުރުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާން އޮއްވައި، އޭނާ ފަރުވާއަށް ހިންމަފުއްޓަށް ފޮނުވާލުމަށްފަހު ވަނީ ފިލާފައެވެ. ކޯޓުގައި ފައިރިޝް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މީގެ ކުރިންވެސް އެކި މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވެއެވެ.
ފައިރިޝް ހައްޔަރުކުރުމާ ހަމައަށް ކަންކަން ދިޔައީ އޭނާގެ ފަރާތުން އަވަށްޓެރިންނަށް ކުރިމަތިވަމުން ދިޔަ ޖެއްސުމާއި އުނދަގޫތަކަށް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައިގެން ދިއުމުން، އެ ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު މަގުމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ ގުޅިގެންނެވެ.
މާލޭގެ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި ފައިރިޝް ހިންގަމުން ދިޔަ އަމަލުތަކާ ގުޅިގެން ސައީދު ވިދާޅުވެފައިވަނީ، ހުރިހާ މުއައްސަސާއަކަށް މައްސަލަ ހުށަހަޅައިގެންވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުން އިހުތިޖާޖަށް ނުކުންނަން މަޖުބޫރުވީ ކަމަށެވެ. އަދި އޭނާ ހަޅުތާލު ހުއްޓާލާނީ ފައިރިޝްގެ އުނދަގޫ ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް އަލުން ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ސައީދު އޭރު ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި މަގުން ހިނގާބިނގާވެ އުޅޭ މީހުންގެ އިތުރުން ދުއްވާ އެއްޗެއްސަށް ފުރައްސާރަކޮށް، ޖެއްސުންކުރުމުގެ މައްސަލަ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ހިނގާފައިވާ ކަމަށް އަވަށްޓެރިން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ފައިރިޝްއާ ދެކޮޅަށް އެތައް މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެ ސަރަހައްދުގެ ރައްޔިތުން ވަނީ ހާމަކޮށްފައެވެ.
އާންމުންގެ ބޮޑެތި ޝަކުވާތަކަކަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފަރުވާއަށް ފޮނުވި ފައިރިޝް ފިލުމާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ވަނީ އަނެއްކާވެސް ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިފައެވެ.

