ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހަކު 60،000ރ. އިން މަތީގެ އާމްދަނީ ލިބޭ މީހުން އަމިއްލަ ކްލިނިކްތަކުން %15 ކޯ-ޕޭމަންޓް ދައްކަންޖެހޭ ގޮތަށް ނިންމައިފި

ރޯގާޖެހި ހުން އައިސްގެން އަންނަ ބަލި މީހުންނަށް ފަރުވާ ދިނުމަށް މީގެ ކުރިން ގާއިމު ކުރި ފްލޫ ކްލިނިކްއެއް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުން، ސިއްހީ ހިދުމަތް ދޭ އަމިއްލަ މަރުކަޒުތަކާއި ކްލިނިކްތަކުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމުގައި ހިދުމަތުގެ އަގުގެ 15 އިންސައްތައިގެ ފީއެއް (ކޯ-ޕޭމަންޓް) ނެގުމަށް ނިންމައި، އެކަން މިނިސްޓްރީ އޮފް ހެލްތުން އިއުލާންކޮށްފިއެވެ.

މި ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ ކުޑަކުރުމަށާއި، މާލީ ގޮތުން ފޯރުންތެރިކަން ހުރި ފަރާތްތަކުން ސިއްހީ ހިދުމަތަށް ކަނޑައެޅޭ މިންވަރަކަށް ހޭދަކުރަންޖެހޭ ގޮތަށް ނިޒާމު އިސްލާހުކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އެ ނިންމެވުމާ އެއްގޮތަށް ހެލްތު މިނިސްޓްރީން ރޭ ވަނީ ސަރުކާރުގެ ގެޒެޓްގައި ރަސްމީ އިއުލާނު ޝާއިއުކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފީ ނެގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ފިޔަވައި، އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދާ މީހުންގެ އަތުންނެވެ. އެހެންކަމުން، ސަރުކާރުގެ މައި ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުމުގައި އެއްވެސް އިތުރު ފީއެއް ނުނަގާނެއެވެ.

މީގެ އިތުރުން، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަންޖެހޭ ހާލަތްތަކުގައި، މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް އިތުރު ފީއަކާ ނުލައި ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ކަމުގައި ވިޔަސް، ގައުމަށް މުހިންމު ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތައް މި ފީ ދެއްކުމުން އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން އިސްތިސްނާވާ ދާއިރާތަކަކީ:

  • ޑޮކްޓަރުން އަދި މެޑިކަލް ދާއިރާގެ އެހެނިހެން ފަންނީ މުވައްޒަފުން
  • ޕައިލެޓުން އަދި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
  • އިންޖިނިއަރުން އަދި ސައިންސްގެ އެކި ދާއިރާތަކުގެ ފަންނީ މުވައްޒަފުން

މި ދާއިރާތަކުގެ މުވައްޒަފުން އިސްތިސްނާކުރުމުގެ މައިގަނޑު ބޭނުމަކީ، ގައުމަށް ބޭނުންތެރި ހާއްސަ ހުނަރުތައް ހުރި ފަންނުވެރިން ވަޒީފާތަކުގައި ދެމެހެއްޓުމަށާއި އެފަދަ ދާއިރާތަކަށް ހިތްވަރު ދިނުމެވެ.

ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އިސްލާހީ ފިޔަވަޅުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.

މިއީ އާސަންދަ ނިޒާމުގެ ހަރަދުތައް ކޮންޓްރޯލްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ނިޒާމު ހިންގުމަށްޓަކައި ސަރުކާރުން އަޅަން ފަށާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: