ރާއްޖޭގެ ތަރައްގީގެ މިސްރާބާއި ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ބަލާއިރު، ބިން ހިއްކުމާއި އާ ސިޓީތައް ބިނާކުރުމަކީ އަބަދުވެސް ބޮޑެތި ބަހުސްތަކެއް އުފެދޭ މައުޟޫއެކެވެ. ފަހަކަށް އައިސް ރަސްމާލެ މަޝްރޫއާ ގުޅުވައިގެން، ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ބިން ދޫކުރުމާއި، އެ ބިމުގެ އަގު ހުޅުމާލެއާ އަޅާކިޔައި ކުރެވޭ ހިސާބުތަކަކީ އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމެކެވެ. ނަމަވެސް ބިމެއްގެ އަގު ކަނޑައެޅުމުގައި ބަލަންޖެހޭ މާލީ އަދި އުމްރާނީ ހަގީގަތްތަކަށް ރިއާޔަތްކުރާއިރު، ހިއްކަމުންދާ ފަޅު ބިމަކާއި، އެތައް އަހަރެއްގެ އިންވެސްޓްމަންޓުން ފައްކާވެފައިވާ ސިޓީއެއްގެ ބިމާ އަޅާކިޔުމަކީ އިގްތިސާދީ ގޮތުން ފުށުއަރާ ކަމެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.
އެއްވެސް ބިމަކީ ހަމައެކަނި ވެލިގަނޑެއްގެ ގޮތުގައި އޮންނަ އިރު ބޮޑު އަގެއް ލިބޭނެ އެއްޗެއް ނޫނެވެ. ބިމެއްގެ އަގު އުފުލިގެންދަނީ އެތަނަކަށް ލިބިދޭ ކަނެކްޓިވިޓީ، ދެވޭ އަސާސީ ހިދުމަތްތައް، އަދި އެތަނެއްގައި ކުރެވޭ އިންވެސްޓްމަންޓްތަކުގެ މައްޗަށެވެ.
ހުޅުމާލޭގެ ބިމުގެ އަގު މިއަދު އިންތިހާއަށް އުފުލިފައިވަނީ ވޭތުވެދިޔަ އަހަރެއް ދެ އަހަރެއްގެ ތެރޭގައެއް ނޫނެވެ؛ އެއީ ދެ ދަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން އެތައް ބިލިއަން ރުފިޔާއެއް ހޭދަކޮށް، މަގުތަކާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ވިއުގަތަކާއި ބްރިޖް އަޅައި، މީހުން އާބާދުކުރުމުން އައި ބަދަލެކެވެ.
މިއާ ހިލާފަށް ރަސްމާލެއަކީ އަދި ކިރިޔާ ހިއްކުމުގެ މަރުހަލާގައި އޮތް ތަނެކެވެ. އެތަނުގައި އަދި އެއްވެސް ޒާތެއްގެ އަސާސީ އުމްރާނީ ހިދުމަތެއް ނެތެވެ.
ތިލަފުށީގެ މިސާލަށް ބަލާއިރު، ވިޔަފާރި ހިނގަމުންދާ އަދި މާލެއާ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ދާ ރަށަކުން ސިނާއީ ބޭނުމަށް އަކަފޫޓެއް ގާތްގަނޑަކަށް 1،750ރ. އަށް ވިއްކާއިރު، އެއްވެސް ހިދުމަތެއް ނެތް ރަސްމާލޭގެ ފަޅު ބިމެއް ތިލަފުއްޓާ އެއްވަރުގެ އަގަކަށް ނުވަތަ ހުޅުމާލޭގެ ރެސިޑެންޝަލް އަގުތަކަށް އަޅާކިޔުމަކީ މާކެޓްގެ ހަގީގަތްތަކާ ބީރައްޓެހި ވިސްނުމެއް ކަމަށް ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ވިދާޅުވާ ގޮތުގައި ސިޓީއެއް ތަރައްގީކުރާއިރު ހިއްކާ ކޮންމެ އަކަފޫޓަކީ ނުވަތަ ކޮންމެ ހެކްޓަރަކީ ސީދާ ވިއްކައިގެން ފައިސާ ހޯދޭނެ ބިމެއް ނޫނެވެ.
އެގޮތުން ދެމެހެއްޓެނިވި އަދި ދިރިއުޅެން އެކަށޭނަ ސިޓީއެއް ބިނާކުރުމަށްޓަކައި އެކުލަވާލާ ލޭންޑް ޔޫސް ޕްލޭނެއްގައި ބިމުގެ ބޮޑު ބައެއް ހާއްސަކުރަންޖެހެނީ އާންމު ހިދުމަތްތަކަށެވެ. އެގޮތުން ފުޅާ މަގުތަކަށާއި، ޕާކުތަކާއި ހުސްޖާގަތަކަށް، މިސްކިތްތަކާއި ސްކޫލްތަކަށް، އަދި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކަށް ބޮޑު ޖާގައެއް ކަނޑައަޅަންޖެހޭކަން މުއްތަލިބު ފާހަނގަކުރެއްވިއެވެ.
ހުޅުމާލޭގެ ތަޖުރިބާއަށް ބަލާއިރު ވެސް ބިމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ މިފަދަ އާންމު ޖާގަތަކެވެ. ރަސްމާލޭން އިންވެސްޓަރަކަށް ދޫކުރާ 500 ހެކްޓަރުގެ ބިމަށް ބެލި ނަމަވެސް، ވިއްކުމަށް ނުވަތަ ވިޔަފާރީގެ މުއާމަލާތްތަކަށް ހަގީގަތުގައި ލިބޭނީ ގާތްގަނޑަކަށް 239 ހެކްޓަރެވެ. ކަމަށް ،މުއްތަލިބު ވިދާޅުވިއެވެ. ބާކީ ބިން ހިމެނެނީ މުނިސިޕަލް އަދި އާންމު ހިދުމަތްތަކުގެ ތެރޭގައެވެ. އެހެންކަމުން މުޅި 500 ހެކްޓަރުގެ ކޮންމެ އަކަފޫޓަކީ ވަކި އަގެއްގައި ވިއްކޭނެ ބިމެއްގެ ގޮތުގައި ބަލައިގެން ސުމެއް ޖަހައިގެން ހަދާ ހިސާބުތަކަކީ ސައްހަ ހިސާބުތަކެއް ނޫން ކަމަށް ވެސް ހައުސިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.
އެންމެންވެސް ގަބޫ؛ުލު ކުރާނެ އެއް ހަގީގަތަކީ ބިމެއް ހިއްކުމަކީ ތަރައްގީގެ ފުރަތަމަ ފިޔަވަޅެވެ. ނަމަވެސް އެންމެ ބޮޑު ހޭދައެއް ހިނގަނީ އެ ބިމުގައި އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، ކަރަންޓު ވިއުގައާއި ސަބްސްޓޭޝަންތައް ބެހެއްޓުމާއި، ފެންވަރު ރަނގަޅު މަގުތައް ހެދުމަށް އެކަނި ވެސް ގާތްގަނޑަކަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖޭގެ މާލީ ހާލަތާއި ކުރީގެ ތަޖުރިބާތަކަށް ބަލާއިރު، މިފަދަ ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަކީ ދައުލަތުގެ ބަޖެޓަށް ކުޅަދާނަ ކަމެއް ނޫނެވެ. މިސާލަކަށް ގުޅިފަޅުން 230 ހެކްޓަރު ހިއްކާފައިވީ ނަމަވެސް، މަގުތަކާއި އަސާސީ މުނިސިޕަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް 400 މިލިއަން ޑޮލަރު ބޭނުންވާއިރު، އެ ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ރައްޔިތުން އެދޭ އަވަސް މިނުގައި އެ ބިންތައް ބޭނުންކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެތައް ހެކްޓަރެއްގެ ބިން ހިއްކާފައި އޮތަސް، ހިދުމަތް ނުދެވި އެތައް އަހަރެއް ވޭތުވެގެން ދިއުމަކީ ގައުމީ ފެންވަރުގައި ލިބޭ ގެއްލުމެކެވެ.
ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ކާމިޔާބުކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ނުވަތަ ބޭރުގެ އިންވެސްޓަރުންގެ އެހީތެރިކަން ހޯދުމަކީ ގިނަ ގައުމުތަކުގައި ކުރާ ކަމެކެވެ.
އިންވެސްޓަރުންނަށް ބިން ދޫކޮށްގެން، އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ބުރަ ދައުލަތުގެ ބަޖެޓުން ކުޑަކުރުމަކީ މޮޑެލްއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އުކުޅެކެވެ.
ނަމަވެސް މީގައި އެންމެ މުހިންމު ކަމަކީ އެއްބަސްވުންތަކުގެ ދެފުށް ފެންނަ މިންވަރާއި، ދިގު މުއްދަތުގައި ގައުމަށް ލިބޭ ފައިދާ ސާފުކޮށް ރައްޔިތުންނަށް އެނގުމެވެ.
އެއްކޮޅުން ބަލާއިރު ބިމުގެ އަގު ކަނޑައެޅުމުގައި ޒަމާނީ ސިޓީތަކުގެ ހަގީގީ އަގުތައް ނެގުމަކީ ގޯހެކެވެ. އަނެއްކޮޅުން ބަލާއިރު، ދައުލަތުގެ މިލްކިއްޔާތުގައި ހުރި އަގުހުރި ވަސީލަތްތައް ދޫކުރާއިރު، އޭގެ ބަދަލުގައި ލިބޭ އިންވެސްޓްމަންޓަކީ ދައުލަތަށް އެންމެ ފައިދާހުރި މިންވަރުކަން ކަށަވަރުކުރަންޖެހެއެވެ. ސަބަބަކީ ބިމަކީ ދިވެހިންގެ އެންމެ މަދު، އަދި އެންމެ އަގުބޮޑު ރައުސްމާލަށް ވާތީއެވެ.
ރަސްމާލޭގެ ބިމުގެ އަގާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި ހަގީގަތްތަކާއި އަންދާޒާތައް ވަކިކޮށް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. ހުޅުމާލެއަކީ މިއަދު އަގުބޮޑު ތަނަކަށް ވިޔަސް، އެއީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ނަތީޖާއެވެ.
ރަސްމާލެ އެ ފެންވަރަށް ގެންދިއުމަށްޓަކައި އަދި އެތައް ބިލިއަން ޑޮލަރެއްގެ މަސައްކަތް ކުރަން އެބައޮތެވެ. އެހެންކަމުން، މުސްތަގުބަލުގެ ޕްލޭންތައް އެކަށައަޅަންވާނީ ހަމައެކަނި ކަރުދާހުގައި ޖަހާ ބޮޑެތި އަދަދުތަކަށް ބަލައިގެން ނޫނެވެ؛ އުމްރާނީ ތަރައްގީގެ ބުރައާއި، މާލީ ގޮންޖެހުންތަކާއި، ބިމުގެ ހަގީގީ ބޭނުން ހިފޭނެ މިންވަރަށް ފުންކޮށް ވިސްނައިގެންނެވެ.

