ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖޭން އަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
މިފަދަ ކޮމިޝަނެއް އެކުލަވާލައްވާނެކަން އެމަނިކުފާނު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާނުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، ”އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން“ ގެ ނަމުގައި އުފެއްދެވި ކޮމިޝަނެކެވެ.
މި ކޮމިޝަން އުފެއްދެވީ މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް، ރާއްޖެއިން ކުރިއަށްދާނެ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކާ ގުޅިގެންނެވެ. އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ މި މައްސަލައިގައި ދިވެހިރާއްޖެއިން ކަންކުރި ގޮތުގެ ސަބަބުންނެވެ.
މީގެއިތުރުން، މި މައްސަލައިގައި ރާއްޖޭގެ މަސްވެރިކަމަށާއި، ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ މައްސަލަ ފުރިހަމައަށް ބައްލަވައި އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަކީ ކޮމިޝަން އެކުލަވާލެއްވި މައިގަނޑު މަޤްޞަދެވެ.
މި ކޮމިޝަނުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) އެވެ. ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
- އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް
- ޑރ. އާމިނަތު ޝާފިޔާ އާދަމް
- ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
- ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް
- އަލްފާޟިލް އަޙްމަދު ޢަލީމަނިކު
- އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު
ކޮމިޝަނުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިޓްލޮސްގެ ކޭސް ނަންބަރު 28 ގެ މައްސަލަ ހުށަހެޅުމާ ހަމައަށް އަދި އެ މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިއަށްދިޔަ ގޮތް ފުރިހަމައަށް ބެލުމެވެ. އަދި މި މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައްޔާއި، މައްސަލައާ ގުޅިގެން ހިނގައިދިޔަ އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، ޤާނޫނީ އަދި ފަންނީ ލަފާދިން ފަރާތްތަކުން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމެވެ.
ހަމައެއާއެކު، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން މި މައްސަލައިގައި ޝާމިލުވި އެންމެހައި މަސްއޫލުވެރިންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެން ތިބި ފަރާތްތަކުން އަމިއްލަ މަސްލަޙަތެއް ނުވަތަ އިހުމާލެއް އޮވެގެން ޢަމަލުކޮށްފައިވޭތޯ ބަލައި، އެފަދަ ކަންކަމުގެ ޙަޤީޤަތް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި ސަރުކާރަށް ލަފާއެރުވުމަކީވެސް މި ކޮމިޝަނުގެ މުހިންމު ޒިންމާއެކެވެ.

