މާލޭގެ އަވަށްޓެރިންނަށް އާންމު އުނދަގޫކުރާ މައްސަލަތަކަކާ ގުޅިގެން، ރައްޔިތަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމުން ހައްޔަރުކޮށް، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މަރުކަޒަށް ފަރުވާއަށް ގެންދިއުމުން އެތަނުން ފިލި އަޙްމަދު ފައިރިޝް މާލެއިން އަލުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ކ. ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް އޭނާ ފަރުވާއަށް ބަދަލުކޮށްފައި ވަނިކޮށް ފިލާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާ ފިލުމާ ގުޅިގެން މާލޭގައި އޭނާ އުނދަގޫކުރަމުން ދިޔަ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި އަނެއްކާވެސް ބޮޑު ކަންބޮޑުވުމަކާއި ބިރުވެރިކަމެއް އުފެދުނެވެ.
މީހުންނަށް ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ފައިރިޝް އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާން އޮއްވައި އޭނާ ފަރުވާއަށް ހިންމަފުއްޓަށް ފޮނުވާލުމުން އެތަނުން ފިލީއެވެ. ކޯޓުގައި ފައިރިޝް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ފައިރިޝް ހައްޔަރުކުރުމާ ހަމައަށް ކަންކަން ދިޔައީ، މާލޭގެ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި އޭނާ ހިންގަމުން ދިޔަ ޖެއްސުމާއި ފުރައްސާރައިގެ އަމަލުތަކަށް ކަމާބެހޭ އިދާރާތަކުން ހައްލެއް ނުލިބި ދިގުލައިގެން ދިއުމުން، އެ ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު މަގުމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ ގުޅިގެންނެވެ. ހުރިހާ މުއައްސަސާތަކަށް ޝަކުވާ ހުށަހަޅައިގެންވެސް ކުރިއެރުމެއް ނުލިބި، އޭނާ އިހުތިޖާޖަށް ނުކުތީ ފައިރިޝްގެ ފަރާތުން ދޮޅު އަހަރެއްހާ ދުވަސް ވަންދެން މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ފުރައްސާރަކުރުން ތަކުރާރުވަމުން ދިއުމުންނެވެ.
މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ފައިރިޝް އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭނާއާ މެދު ގާނޫނީ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

