ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ސާބިތުވެ އިންނެވި މެންބަރު

ޝެއާރކޮށްލާ ކަހަލަދޯ؟

އެ ބޭފުޅެއްގެ ޒިކުރާ އައުކުރުމަށް ގަސްތުކޮށްގެން ހުންނަތާ ދުވަސްކޮޅެއްނޫން، ހައެއްކަ މަސް ވޭތުވެގެން ހިނގައްޖެއެވެ. އެހެނަސް ކޮންމެވެސް، ސަބަބަކާހުރެ އަދި މިހާތަނަށް އެ މަނިކުފާނުގެ ޒިކުރާ އައުކުރުމަށްޓަކައި ގަލަން ނެގޭ ގޮތްވަނީ ނުވެފައެވެ. ނަމަވެސް ހިތުތެރޭގައި އެ މަނިކުފާނުގެ ޒިކުރާތައް އާވެއާވެ ހުރެއެވެ. ހަމަ އެ ފަދައިން ތިޔައިން ކޮންމެ ބޭފުޅަކު ވެސް، އެ ޝަޚުޞިއްޔަތުގެ ޒިކުރާ އަބަދުވެސް އައުކުރާކަން، އައުކުރާނެކަން އަޅުގަނޑަށް ޔަޤީނެވެ. އެ މަނިކުފާނަކީތޯއެވެ.

އާދެ! އެއީ ލާމަސީލު ޝަޚުޞިއްޔަތެކެވެ. ޤާބިލިއްޔަތު ބޭފުޅެކެވެ. އިންސާނިއްޔަތުކަމުގެ މިސާލެކެވެ. ހުއްރިއްޔަތުގެ ޙަޤީޤީ މައުނަ ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ޖުމްހޫރިއްޔަތަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. ދިވެހި ޤައުމު ދުށް އާދަޔާޚިލާފު ހިންގުންތެރިއެކެވެ.

ދިވެހި ޤައުމަށްޓަކައި އެތައް ބުރައެއް އުފުއްލެއްވި ހިންމަތްތެރިއެކެވެ. ދިވެހި ޤައުމަށް އެ ޚިދުމަތްތަކުގެ އަގު އަދާނުކުރެވޭނެ  ޚިދުމަތްތެރިއެކެވެ.

އާދޭހެވެ. އެއީ ޔަމަނުކަރައިގެ ހަޟަރަމައުތުގެ ބާޢަލަވީ ނުވަތަ ބަޢުލަވީ ދަރިކޮޅުގެ ކަތްޕެއްކަމަށްވާ މަލާބާރީ އާޢިލާގެ މީހެއްކަމަށް ބުނެވޭ ކޯލާޑި ސައްޔިދު މުޙައްމަދު ހޮޅިނަޚާ މަލާބާރީގެ ފުތް ޙަސަން ބޮޑުހަކުރާ މަނިކުފާނާއި، އަތިރީކަމަނާފާނުގެ ޙަސަން ހޮޅިހަކުރާ މަނިކުފާނުގެ ވީރުޢަލިދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ކީހި އިބްރާހިމްދީދީގެ ވީރު ޙަސަންދީދީގެ ޢަލީ މަލިމް މަނިކުފާނުގެ މަލިންގޭ ޙަސަންދީދީ ވެލާނާ މަނިކުފާނުގެ ވެލާނާގެ މުޙައްމަދުދީދީގެ ވެލާނާ އަޙްމަދުދީދީއާއި، ފުވައްމުލަކު ގަނޑުވަރު މޫސާދީދީގެ ޢާއިޝާދީދީގެ ދަރިކަލުން އިބްރާހިމް ނާޞިރެވެ. އާދެ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ސުއްމުވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

ފުވައްމުލަކުގައި ދުނިޔޭގެ އަލިކަންދެކެވަޑައިގަތް އިބްރާހިމް ނާޞިރު ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވީ މަދަރުސަތުއް ސަނިއްޔާ، އާދެ މިހާރުގެ ނަމުންނަމަ މަޖީދިއްޔާ ސުކޫލުންނެވެ. އެއަށްފަހު 1945 މާޗް 23 ގައި، ލަންކާއަށް ވަޑައިގެން، އެ ތަނުގެ ސެންޓް ލޯރެންސް ސްކޫލުން ޢިލްމު އުނގެނިވަޑައިގަތެވެ. އެ ތަނުގައި އެކަށީގެންވާ މުއްދަތެއްގައި ތަޢުލީމު ހާސިލުކުރައްވަން މަޑުކުރެއްވުމަށްފަހު، 1949 ޖެނުއަރީ 18 އިގައި އެނބުރި ރާއްޖެ ވަޑައިގަތެވެ.

ދިވެހިންގެ ޤައުމުގެ ނައު ހޭރިޔާކޮށް އަމާންކަމުގެ ކަނޑުގައި ދަތުރުކުރައްވާނެކަން ކުރިން އެއްވެސް މީހަކަށް މޭރުންނުވި، ޙިކްމަތްތެރި ލީޑަރު މާލެ ވަޑައިގެން އެންމެ ފުރަތަމަ ފުރުއްވެވީ ސިފައިންގެ އޮފިސަރެއްގެ މަޤާމެވެ. އެއީ 1949 ފެބްރުއަރީ 29 ގައެވެ. އެއަށްފަހު ފުރުއްވި މަޤާމުތަކުގެތެރޭގައި، ވަޔަރުލެސް އޮފީހާއި ވުޒާރަތުއް ސިއްހާގެ މަޤާމާއި، މަޖީދީ ކުތުބުހާނާގެ ވެރިކަމާއި، ވުޒާރަތުލް މުއާސަލާތުގެ މަޤާމާއި، އިލެކްޓްރިކް އޮފީހުގެ ވެރިކަމާއި، ވުޒާރަތުލް މާލިއްޔާގެ ވަކީލުކަމާއި، މަޙްކަމަތުލް އަމަންޢާންމުގެ ވަކީލުކަން ހިމެނެެއެވެ.

މީގެ އިތުރުން، ރައްޔިތުން މަޖިލީހުގެ ހެންވޭރު މެންބަރުކަމާއި، ހެންވޭރު އަވަށުވެރިކަމާއި، ވަޒީރުލް އަޢުޡަމްގެ ނާއިބުގެ ބަދަލުކަމާއި، ސިފައިންގެވެރިކަމާއި، މަޙްކަމަތުލް އަމީންޢާންމުގެ ވެރިކަމާއި، ވަޒީރުލް މާލިއްޔާގެ ނާއިބުކަމާއި، މުނިސިޕަލް ކައުންސިލްގެ ރައީސްކަމާއި، ވަޒީރުލް އަޢުޡަމްގެ ޤާއިމު މަޤާމުކަމާއި، އައްޑޫ ލިއެޒަން އޮފީހުގެ މާލޭގެ ވެރިކަން ވެސް ހިމެނެއެވެ.

ހަމަ އެހެންމެ ވަޒީރުއް ދާޚިލިއްޔާކަމާއި، ވަޒީރުލް އަޢުޡަމްކަމާއި، ކަސްޓަމްގެ ވެރިކަމާއި، މަޙްކަމަތުލް އަޝްޣާލުގެ މަޤާމާއި، ވަޒީރުލް މަޢާރިފްކަމާއި، ވަޒީރުއްތިޖާރާ ވައްތަންވީނކަމުގެ އިތުރުން އައްޑޫގެ މައްސަލަ ހަމަޖައްސާ ވެރިއަކަށް ވެސް ހުންނެވިއެވެ.

އެއަށްފަހު 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، އެ މަނިކުފާނު ދިވެހިރާއްޖޭގެ ރައީސްކަމަށް އިސްވެވަޑައިގަތެވެ.

އެހެނަސް، 1968 ވަނަ އަހަރާއި ހަމައަށް، އެ މަނިކުފާނު އެ ވަޑައިގެންނެވީ ޤައުމަށްޓަކައި، ދީނަށްޓަކައި އެތަކެއް ޤުރުބާނީއެއް ވެވަޑައިގެންފައެވެ. ތާރީޚުގެތެރެއަށް ޢިބްރަތްތެރި ދަރުސްތަކެއް ދޫކުރެއްވުމަށްފަހުގައެވެ. އެ ހުރިހައި ދަރުސްތަކަކީ، އެއިން ފިލާވަޅު ލިބިގެންފި ކަތަކަށް، ނުހަނު މޮޅު ދުނިޔަވީ ފަރުވާއެކެވެ. އާޚިރަތަށް ދާންއޮތް މަގަށް އަލިކަމެއް ގެނެސްދޭނެ އަލިގަދަ ވޮށްތަކެކެވެ. އަދި ކީއްތަ، އެ ޚިދުމަތްތަކަކީ، ބުރަދަނެއްހުރި “ހައިބަބޮޑު” ޚިދުމަތްތަކެއްމެއެވެ. މިހައި ހިސާބުން، މާޒީގެ ޢިބުރަތްތެރި ދަރުސަކަށް ނަޒަރެއް ދެއްވެވުންކީއްތޯއެވެ.

“ތާރީޚު އެ ނުރައްކާތެރި ދަނޑިވަޅު ތިޔަބޭފުޅުން ހިތްޕުޅަށް މިއަދު ނިކަން ގެންނަވަބައްލަވާށެވެ. ރާއްޖޭގެ ވަޒީރުންގެ މަޖްލިސް އެއްވެ އޮތީ އެންމެ މަދުވެގެން ސަތޭކަ އަހަރަށް ދިވެހިރާއްޖެ މުޅިން އަޅުވެތިކޮށްލުމުގެ ކެހިވެރި ލިޔުމެއް ޤަބޫލުކުރުވުމުގެ މަކަރުގައި، ބެއްދޭފަދަ ގޮތެއްގައެވެ. ދިވެހި މިނިވަންކަން އޮތީ މެންދުރުގެ އިރު، ނަސީބު އެ ދައްކަނީ ކޮންފަދަ މުސްތަޤުބަލެއްތޯ ބެލުމުގެ އިންތިޒާރުގައެވެ.

ދިވެހި ތަރުޖަމާ މެންބަރުން އައްސަވައިފޫއެވެ. އިސްދަށަށް ޖެއްސެވުމާއި ސުކޫތެއްގެ ކުޑަ ވަގުތުކޮޅެކެވެ. ދެން އިވުނީ އެއްވެސް ޖެހިލުމެއްނެތި ފިސާރި ހަރުދަނާކަމާއި މަތިވެރި ޢަޒުމެއްގައި ވާހަކަދެއްކެވި މެންބަރެއްގެ އަޑުފުޅެވެ. އެ ބޭފުޅަކީ އޭރު މަޖްލިސްގައި އިންނެވި އެންމެ ޒުވާން މެންބަރެވެ. މިއަދު އަޅުގަނޑުމެން އެ ބަޠަލަކަށް ޓަކައި، ފަޚުރުވެރިވާ ދިވެހި ދައުލަތުގެ ވަޒީރުލް އަޢުޒަމް ޞާހިބުއްދައުލާ އަލްފާޟިލް އިބްރާހިމް ނާޞިރެވެ. އެ މަނިކުފާނު ކެރިހުންނަވައިގެން ހުށައެޅުއްވީ އެކަށީގެންވާ މިންވަރަށް ވިސްނެވުމަށްފަހުގައި ނޫނީ ދިވެހި ދައުލަތް އެ އެގްރީމެންޓުގައި ސޮއިކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. މަޖްލިސްގެ އެއް މެންބަރަކު ފިޔަވައި އެހެން ހުރިހާ ބޭފުޅުންމެ މިގޮތަށް ވަރުގަދައަކަށް ތާއީދުކުރެއްވިއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ސ.ދ.އަލްފާޟިލް އިބްރާހިމް ނާޞިރުގެ ވާހަކަފުޅަށް އެންމެ ޞަރީޙަކޮށް ހަރުއަޑުފުޅުން ތާއީދުކުރެއްވީ އޭރުގެ ވަޒީރުލް އައުޤާފް ފަޟީލަތުއްޝައިޚް އަލްމަރުޙޫމު އިބްރާހިމް ރުޝްދީ އަލް އަޒްހަރީއެވެ. މާތް ރަސްކަލާނގެ އޭނާއަށް ރަޙުމަތްލައްވާށިއެވެ.”[އަލްއުސްތާޛު އިބްރާހިމް ޝިހާބު، ވިޔަފާރި މިއަދު، 30 ޖުލައި 1965]

އެހެންނަމަވެސް، ދިވެހިރާއްޖެއަށް ގެއްލުންހުރި، އެ އެގުރީމެންޓާއި ދެކޮޅަށް، ވާހަކަދެއްކެވި މެންބަރު އަޅުގަނޑުމެންގެ ލޮބުވެތި ސުއްމުވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ފިސާރި ސާބިތުކަމާއެކު ކެރިހުންނަވައިގެން، ޖަވާބުދާރީވެ ވަޑައިގަތުމުން ހާމަވެގެންދަނީ، ޤައުމަށް ޓަކައި، ދީނަށްޓަކައި، ރައްޔިތުންނަށްޓަކައި އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތް، ސާފު މަތިވެރި ލޯތްބެވެ. އެއިން އަންގައިދެނީ، އެހެންބައެއްގެ އަތްމައްޗަށް، ޤައުމު ދޫނުކުރައްވާނެކަމުގެ ވަރުގަދަ ދަލީލެއްކަމުގައެވެ.

އެހެންނަމަވެސްތޯއެވެ. މިއަދުގެ މަޖިލީހޭތޯއެވެ. ސުބުޙާނަﷲ އެވެ. މާޒީގެ މިފަދަ ޢިބްރަތްތައް ދެނެވަޑައިގެން ތިއްބެވީ ކިތައް މެންބަރުންބާއެވެ. އެއިން އެއްޗެއް ހާސިލުކުރައްވައިގެން ތިއްބެވީ ކިތައް މެންބަރުންބާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޙަގީގަތާއެއްގޮތަށް ލިއުއްވާފައިވާ ތެދުވާހަކަފުޅުތަކެއް މަރުޙޫމު އިބުރާހިމްނާޞިރުގެ ފުރާނަފުޅަށް ޖައްނަތުލްފިރުދައުސުގެ ދާއިމީ ނިޢުމަތް ކީރިތިﷲ މިންވަރުކުރައްވާށި.އާމީން

  2. ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސެ ލިޔެފައިވަނީ ހަގީގަތާ އެއް ގޮތަކަށް ނޫން. އެއީ ދެވަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް. ދެވަނަ ރައީސަކީ މައުނޫން. ވަރަށް ސަލާމް. ނާޞިރަކީ ވިޜަނަރީ ބޭފުޅެއް. ޔާމީނާއި ނާޞިރަކީ އެންމެ ވިޝަނަރީ ދެ ބޭފުޅުން. އެކަމަކު. ނާސިރަކީ ފަތުރުވެރިކަން ތަޢާރަފުކުރައްވައި އެ ވިޔަފާރީން ދައުލަތަށް އެއްވެސް އެއްޗެއް ނުހޮޢްދެވި ރައީސެއް. ނޫސްވެރިކަން ކޮންޓްރޯލްކުރައްވައި ހަމައެކަނި އެ މަނިކުފާނުގެ ނޫސް “މޫންލައިޓް” ނެރުއްވި ބޭފުޅެއް. ފިލްމުދެއްކުން އެހެން މީހުންނަށް ހުއްދަ ނުދެއްވައި އޮލިމްޕަސް ނުއަގުގައި ބައްލަވައިގަނެ ހަމައެކަނި މުޅި ރާއްޖޭގައި އެ މަނިކުފާނުގެ ސިނާމާ ހިންގެވި ބޭފުޅެއް. ލަންކާގައި ހުންނަ ދައުލަތުގެ އެމްބަސީއަކީ ނާޞިރުގެ ވިޔަފާރި އެޖެންޓްގެ ގޮތުގައި ބޭޏުންކުރެއްވި ވެރިއެއް. ދައުލަތަށް 7.50 އަށް ޑޮލަރު ގަނެ، ބޮޑު އިސްޓޯރުން ހުރިހާ ޑޮލަރެއް 3.50 ގެ ރޭޓުން ބައްލަވައިގަތް ވެރިއެއް. ދައުލަތުގެ 99 ބިމެއް ނުއަގުގައި ބައްލަވައިގަނެ އަމިއްލަ ކުރެއްވި ވެރިއެއް. ނަމަވެސް، ރޭޑީއޯ އާއި ޓީވީގެ ޚިދުމަތް ތަޢާރަފުކުރެއްވީ އެ މަނިކުފާނު. އެކަމަްޓަކައި ސެލިޔުޓްކުރަން. އިނގިރޭސިންނާ މުޢާމަލާތުކުރައްވައި އަޅުވެތިކަމުން ސަލާމަތްކުރެއްވީ އެމަނިކުފާޏު. ތަހުނިޔާ ދަންނަވަން. ހަމަ އެ ފަދައިން އިންޑިއާގެ ނުފޫޒުން ސަލާމަތްވެ އޮންނާނެ ވަރުގަދަ އިޤުތިޞާދެއް މި ރާއްޖޭގައި ޤާއިމުކުރައްވާްން ޔާމީންކުރެއްވި މަސައްކަތް ޚާއިނުންގެ ބަޔަކު އަމިއްލަ އެދުމަށްޓަކައި ފަނުފުލުން ދުއްވައިލައި އިންޑިއާގެ އުނގަށް އިބޫއާއި ޝާހިދު ވެއްޓިގެންފައި ވިޔަސް ނާޞިރަކީ އިންޑިއާގެ ވޯރާއިންގެ އަތްދަށުން ވެސް ޤައުމު ސަލާމަތްކުރެއްވި ވެރިޔާ. އޭނާގެ ޤައުމީ ވިސްނުމާހުރެ ޚިދުމަތުގެ ވަރުގަދަކަމުން އެ މަނިކުފާޏުގެ ކޮރަޕްޝަންގެ އަ،ަލުތައް ވެސް މަޢާފުކޮށްފިން. މާތް ﷲ ނާޞިރަށް ފުއްސެވުމާއި ރުއްސެވުން މިންވަރުކުރައްވާށި! އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: