އެޗްޑީސީއަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގެ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލްކޮށް، އެތަނުގައި އެއްވެސް ވިޔަފާރިއެއް ނުކުރަން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސް އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ، ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާތީ، އެ އެެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދީ، އެއްބަސްވުމުގެ އިޖުރާއަތުގެ ތެރޭގައި ކަމަށެވެ.
އެ ކޯޕަރޭޝަނުން އެފަދަ ނިންމުމެއް ނިންމަނީ އާންމުންނަށް ހިދުމަތް ދޭން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގައި ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނެފައިވަނީ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވީހާ ވެސް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ.

