ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަކުގައި ކަޝްފުވެފައިވީ ތަރި އެ ވިދައިލީ ލޮކްޑައުންއާއެކީގައެވެ.

އަޒްޙީލް އަޙްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެ އަޑު އިވުމުން، އަޅުގަނޑަށް ކުރެވުނު އިޙްސާސް ބަޔާންކުރުމަށް އަޅުގަނޑުގެ ގަލަން ޢާޖިޒެވެ. އެ އަޑު އިވުމުން، އަޅުގަނޑުގެ ހިތަށް ކުރި އަސަރު ދަންނަވަން، އަޅުގަނޑަކަށް ކުޅަދާނައެއްނޫނެވެ. ސަބަބަކީ، ސިއްރަކީ އެ އަޑުގައި ހުރި މޫސީޤީ ގޮތެވެ. އެ އަޑުގައި އެކުލެވިފައިވާ އަސަރެވެ. އެ އަޑުއަހަން ފަސޭހަވުމާއި، އެ އަޑުގެ ސަބަބުން ހިތާއި ނަފުސަށް ލިބުނު ތާޒާކަމާއި އަާރޯކަމެވެ.

މީގެ ކުރިއަކުން އަޅުގަނޑު އެ އަޑެއް ނާހަމެވެ. އަދި އެ އަޑުގެ ޒަރީޢާއިން ދިވެހިންގެ ހިތްތަކަށް ފިނިކަން ލިބިފައިވާކަމެއް މީގެ ކުރިއަކު ނުވެސް އެނގޭމެއެވެ. ނަމަވެސް ތަޤުދީރު ރޭވިރޭވުމާއެކީ، ފާއިތުވެދިޔަ އާދިއްތަ ދުވަހުގެ އިރުއޮސްފުހުނީ، ފުރަތަމަ ފަހަރަށް އެ އަޑު އަހައިލުމުގެ ނަސީބުލިބުމާ އެކުއެކީގައެވެ. އެ ހިނދު ހިތަށް އެރީ ކީކޭކަމަށްތޯއެވެ. އެ ހިނދު އަޅުގަނޑުގެ ހަނދާނުގެ މަރުކަޒުގައި ޓަކިޖެހީ ކިހިނެއްކަމަށްތޯއެވެ.

އަޅުގަނޑުގެ ހަނދާންތައް ސޮއްސައިލީ ވޭތުވެދިޔަ ރޯދަމަސްތަކަށެވެ. އެ ރޯދަމަސްމަހުގައި، އަޅުގަނޑުގެ ހިތަށް، ތަސައްލީ ލިބިދިން ހިތްގައިމު އަޑުގެވެރިޔާ ޢަބްދުﷲ ޙަސަންގެ މަދަހަތަކުގައި ހިމެނޭ ފޮނިފޮނި އަސަރުގަދަ ބައިތުތައް އެހެރަ ކިޔުއްވައިލާ ގޮތުގެ މައްޗަށެވެ.

އެއްވެސް ޝައްކެއް ނެތެވެ. ހޮޅުދޫ ޢަބްދުﷲ ނުވަތަ ޢަބްދުﷲ ޙަސަންއޭ ދެންނެވީމާ އެ ބޭފުޅަކީ ކޮންބޭފުޅެއްކަން، ނޭނގޭ ބޭފުޅަކު ތިޔައިގެތެރޭގައި ހުންނަވާނެއޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.

ނަމަވެސް އަޅުގަނޑު މި އުޅެނީ ޢަބްދުﷲ ޙަސަންގެ ވާހަކަ ދަންނަވައިލާކަށް ނޫން އިނގޭތޯއެވެ. ޢަބްދުﷲ ޙަސަންގެ ކުޅަދާނަކަމަށް އިހުތިރާމުކުރުމަށްފަހު، އަޅުގަނޑު މި އުޅެނީ، އެ ބޭފުޅާއަށް ދޫނުކުރައްވާނޭ ފަދަ އެހެން ބޭފުޅެއްގެ ވާހަކަ ދަންނަވައިލާށެވެ. ޢަބްދުﷲ ޙަސަންގެ މަދަޙަތަކުގައި އެ ހުންނަ ފަދަ އަސަރެއްހުރި އަޑުގެވެރިޔާ އަޒްޙީލް އަޙްމަދުގެ ވާހަކަ ދަންނަވައިލުމުގެ ނިޔަތުގައެވެ.

ގދ.ފިޔޯރީއަށް އުފަންވެވަޑައިގަތް އަޒްޙީލް އަޙްމަދަކީ، ކޮވިޑް-19 އިގެ ސަބަބުން މާލޭސިޓީ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި ދިވެހި ލޮބުވެތި އެތައް ރައްޔިތެއްގެ ހިތަށް ފިނިކަން ގެނެސްދެއްވާފައިވާ ބޭފުޅެކެވެ. އަދި ކީއްތަ! އެ ލޮބުވެތި ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ވެސް މެއެވެ.

އައިލެންޑް އޭވިއޭޝަންގެ ބޯޑު ޑިރެކްޓަރ އަދި ނަކަތަ ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު އަޒްޙީލަކީ ތަޢުލީމީ ޒުވާނެކެވެ. އެމްއީއެސް އިން ތަޢުލީމު ހާސިލުކުރެއްވި އަޒްޙީލަކީ، ހޮބީއެއްގެ ގޮތުގައި އޮންލައިން ކުރު ކޯސް(ސްކިލްޑް ބޭސްޑް) ތައް ހައްދަވަމުންދާ ފިސާރި ޒުވާނެކެވެ. އެންމެ ތުއްތުއިރުއްސުރެ މަދަޙަ ކިޔުއްވުމަށް ޝައުޤުވެރިވެލައްވައެވެ. ސަބަބަކަށް މެދުވެރިވީ އަޒްޙީލްގެ މަންމަ ފާޠިމަތު ލަޠީފާއާއި، މަންމައާއި އެއްމާބަނޑު އާމިނަތު ސަޢީދާއެވެ. އާދެ! އަޒްޙީލްގެ މަންމަފަރާތުގެ ބޮޑުދައިތައެވެ. އަޒްޙީލު ބުނުއްވި ގޮތުގައި މަންމައާއި ބޮޑުދައިތައާއި ދެބެންނަކީ، މަދަޙަ ކިޔުއްވުމަށް ކުޅަދާނަ ދެ ކަނބަލުންނެވެ. އޮމާން ރީތި އަޑެއްގެވެރި ދެ ކަނބަލުންނެވެ. ހަމައެއާއެކު އަޒްޙީލުގެ ކާފަ، ގދ. ވާދޫ ގައްދަޑުގޭ އަލް މަރުުޙޫމް މުޙައްމަދު ދީދީ (މުދިންދީދީ) އަކީ ވެސް އެހާމެ އަޑު ރީތި ބޭފުޅެކެވެ. މި ގޮތުން އަޒްޙީލުގެ ހިތުގައި މަދަޙަ ކިޔުއްވުމުގެ ޝައުޤުވެރިކަން އުތުރިއަރައިގަތެވެ. މަންމައާއި ބޮޑުދައިތަ ފަދައިން، މަދަޙަ ކިޔުއްވުމަކީ، އަޒްޙީލުގެ ހިތްހަމަޖެހިލުއްވުން ކަމުގައި ވެގެންދިޔައެވެ.

https://www.facebook.com/103372854699531/posts/109495284087288/?sfnsn=mo&d=n&vh=e

މަދަޙަ ކިޔުއްވުުމުގެ އިތުރުން އަޒްޙީލް އަކީ، ލަވަ ކިޔުއްވާ ބޭފުޅެއްވެސް މެއެވެ. މަދަރުސީ ދައުރުން ފެށިގެން ލަވަކިޔުއްވަމުން ގެންދަވާ ބޭފުޅެއްމެއެވެ. އަޒްޙީލް ވަނީ، ސްކޫލު ކުދިންގެ ލަވަ މުބާރާތުގައި ވެސް ބައިވެރިވެލައްވާފައެވެ. މި ގޮތުން އަޒްޙީލުއާއި އެއްކޮށް އެމްއީއެސްގެ ގުރޭޑް ދިހައެއްގައި ތަޢުލީމު ހާސިލުކުރައްވަން އުޅުއްވި މަޢުރޫފް(މިހާރު ވިލާ އެއަރ ގެ ކެޕްޓަން) އާއި، ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ ގެ އެދިވަޑައިގަތުމުގެ މަތިން، އަޒްޙީލު ވަނީ 2000 ވަނަ އަހަރުގެ ސްކޫލު ކުދިންގެ ލަވަ މުބާރާތުގައި ބައިވެރިވެލައްވާފައެވެ. އެ މުބާރާތުގައި ބައިވެރިވެލައްވައިގެން ލަވަކިޔުއްވި އަޒްޙީލަށް ވަނައެއް ލިބިނުލެއްވި ކަމުގައިވިޔަސް، ގަދަ ފަހެއްގެތެރޭގައި ހިމެނުންވެގެންދިޔައީ އަޒްޙީލްގެ އުންމީދު އައުވެގެންދިޔަ ކަމެއްކަމުގައެވެ.

ޒަމާނުގެ އޮޅިތައް ގިރާކޮށް މިއަދާ ހަމައަށް އައިއިރުވެސް އަޒްޙީލުގެ އެންމެ ބޮޑު އެކުވެރިއަކަށްވީ މަދަޙައާއި ލަވައެވެ. ލަވައޭ ދެންނެވިކަމުގައިވިޔަސް މިއުޒިކާނުލައި އިނގޭތޯއެވެ. އަޒްޙީލު ބުނުއްވި ގޮތުގައި ޢާންމުގޮތެއްގައި މަދަޙައާއި ލަވަ ކިޔުއްވާ އުޅުއްވަނީ ގޭގައެވެ. މި ގޮތުން ޢާއިލާގެ ބޭފުޅުންގެ އެދިލެއްވުމުގެ މަތިން، އެންމެ ފުރަތަމަ އަޒްޙީލުގެ ހިތްގައިމު މަދަހަތައް ޢާއިލީ ވައިބަރ ގުރޫޕުގައި ހިއްސާކުރައްވަމުން ގެންދެވިއެވެ. ހަމައެއާއެކު ޢާއިލާގެ އެދިލެއްވުމާއެކީގައި، މި ހުސްވި ރަމަޟާން މަހުގައި “Azheel-Fiyoaree” ގެ ނަމުގައި ފޭސްބުކް ޕޭޖެއް ވުޖޫދުކުރެއްވިއެވެ. މިހާ ހިސާބުން، ލަވައާއި މަދަހައިގެ ފަލަކުގައި ނިވާވެފައިވާ ތަރި އާދެ، އަޅުގަނޑުމެންގެ ލޮބުވެތި އަޒްޙީލުގެ ހިތްގައިމު މަދަޙަތަކާއެކު، މި ދިވެހި އުދަރެހުގައި “ފިޔަޖަހަން” ފެއްޓިއެވެ. އަޒްޙީލުގެ މަދަޙަތަކުން ފުރަބަންދު(ލޮކްޑައުން) ގައި ތިބި ދިވެހިންގެ ހިތްތަކަށް ތަސައްލީ ލިބިގެންދިޔައެވެ. ޤައުމީ ލަވަތަކާއި، އިޖުތިމާޢީ މައުޟޫޢުގެ ލަވަތަކުން ދިވެހިންގެ ހިތްވަރު އާކޮށްދެއްވިއެވެ. މި ގޮތުން އަޒްޙީލު އެންމެ ފުރަތަމަ ރެކޯޑުކުރެއްވި މަދަޙައަކީ މަރުޙޫމް މުޙައްމަދު ރަޝާދުގެ “އަބަދު ސާފު ނޫރޭ” މި މަދަޙައެވެ.

https://m.facebook.com/story.php?story_fbid=659329164916897&id=100025194574169&sfnsn=mo&d=n&vh=e

“އަބަދުވެސް އެހެން ގޭގައި އުޅޭއިރު ލަވައާއި މަދަޙަ ކިޔަން. ޢާއިލީ ވައިބަރ ގްރޫޕަށް ފުރަތަމަ ލާން ފެށީ. ދެން އެ ބޭފުޅުން ވެސް އެދިލެއްވީ ފޭސްބުކް ޕޭޖެއް ހަދަން. ނަމަވެސް ފޭސްބުކަށް މަދަޙަ ކިޔާފައި ލީ. ލޮކްޑައުން އާއި ގޭގައި ހުންނަން ޖެހުމުން. ދެން  ޕްރޮޑަކްޓިވް ކަމެއް ކުރުމާއެކު މުޖުތަމަޢުއަށް ކަމެއް ކޮށްދިނުމުގެ ގޮތުން.އެ ގޮތުން އެންމެ ފުރަތަމަ ފޭސް ބުކަށްލީ މަރްޙޫމް ރަޝާދު ކިޔުއްވާފައިވާ ‘އަބަދު ސާފު ނޫރޭ’ މި މަދަޙަ” އަޒްޙީލް

މި ގޮތުން، އަޒްޙީލު ވަނީ، މިހާތަނަށް ސާޅީހަކަށް މަދަޙަ ކިޔުއްވާފައެވެ. އެ މަދަޙަތަކުގެ ތެރޭގައި ކުރީގެ މަޝްހޫރު މަދަޙަ ކިޔުންތެރިންކަމަށްވާ އަލްމަރުޙޫމް ޢަބްދުﷲ ޙަސަންގެ ބައެއް މަދަޙަތަކާއި، އަލްމަރުޙޫމް މުޙައްމަދު ރަޝާދުގެ ބައެއް މަދަޙަތައް އަޒްޙީލު ވަނީ ކިޔުއްވާފައެވެ. އޭގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ހައްދަވާފައިވާ ޢާއިލީ ލަވައެއްކަމަށްވާ “މަންމަގެ ލޮލާ ލޮލުގެ ނޫރޭ ތިއީ”  ވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ ކޮވިޑް-19 އާއި ގުޅިގެން، ދިވެހި ޤައުމަށް އެކި ސިފަސިފައިގާ ޚިދުމަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ މިންނެއް މަސައްކަތްތައް ސިފަކުރައްވާ އަލްފާޟިލް އަޝްރަފް ހެއްދެވި “ސާފު ދޮންވެލި” މި ލަވައަކީ ވެސް، އަޒްޙީލުގެ ހިތްގައިމު އަޑުން މި މުޖުތަމަޢުއަށް ފަތުރައިލެއްވި ވަސްމީރު ހުވަނދެއްފަދަ ލަވައެކެވެ.

https://www.facebook.com/103372854699531/posts/103461924690624/?sfnsn=mo&d=n&vh=e

މަދަޙަ ކިޔުއްވުމުގައި ލަފުޒުތައް އަސަރާއެކު ކިޔުއްވުމަށާއި، އަކުރުތަކުގެ މަޚްރަޖު އަދާކުރެއްވުމަށާއި، މައޫޟޫއާއި ގުޅޭ ޓޯންއަކުން އަޑު ގެންގުޅުއްވުމަށް ޚާއްސަ ސަމާލުކަމެއްދެއްވާ އަޒްޙީލް އަކީ، މާ ގިނަ ފަރިތަކުރެއްވުންތަކަކާއި ނުލައި މަދަޙަ ކިޔުއްވާ ބޭފުޅެކެވެ. އަޒްޙީލު ބުނުއްވި ގޮތުގައި މަދަޙަ ރެކޯޑުކުރެއްވުމުގެ ކުރިން ދެފަހަރަކު އެ މަދަޙައެއްގެ އަސްލު މަދަޙަ އަޑުއައްސަވައެވެ.

“އާންމު މަދަޙަތައް ވީމާ މާ ބޮޑު ޕްރެކްޓިސް އެއް ނޯވޭ. ރޯދަމަހު އަޅުގަނޑު މިކަން ފެށީ މީހުންގެ ތަރުހީބުވެސް ލިބޭތީއާއި، އަދި އަޅުގަނޑުމެން އެންމެން ވެސް މިހެން ބަންދުވެފައި ތިބޭއިރު ހެޔޮބަސް އެކުލެވޭ މި ފަދަ މަދަޙަ އަޑުއަހަން ބޭނުންވާނެތީ ރޯދަމަހު ހަމަ ކޮންމެ ދުވަހަކުވެސް ބެލީ 1 ނުވަތަ 2 މަދަހަ ޕޭޖަށް ލާން. އެހެންވީމަ ޕްރެކްޓިސް އަކަށް ވަގުތެއްނޯވޭ. ނަމަވެސް 1 ނުވަތަ 2 ފަހަރު ވަރު އޮރިޖިނަލް މަދަހަ އަޑުއަހައިލަން ރެކޯޑް ކުރުމުގެ ކުރިން. ރެކޯޑް މި ކުރަނީ އެންޑްރޮއިޑް ފޯނަކުން. އެއަށްފަހު އޯޑިޔޯ އޮޑަސިޓީ ކިޔާ ސޮފްޓް ވެއަރ އަކުން އެޑިޓް ކޮށްލަނީ.” އަޒްޙީލް

އަޒްޙީލު ބުނުއްވި ގޮތުގައި، މި ކަމުގައި ޢާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ނުހަނު ފުރިހަމަ ގޮތުގައި ލިބިލައްވައެވެ. މި ގޮތުން ބަލާއިރު، އަޒްޙީލްގެ ފޭސްބުކް ޕޭޖް ހިންގަމުން ގެންދަވަނީ، އަޒްޙީލްގެ ކޮއްކޮ އިނާޔަތު ސަޢީދުގެ ފުރިހަމަ އެއްބާރުލެއްވުމާ އެކީގައެވެ. އަޒްޙީލްގެ މަދަޙަތަކުގެ ވީޑިއޯ ހައްދަވަނީ ވެސް އިނާޔަތު ސަޢީދެވެ. ހަމައެއާއެކު ޢާއިލާގެ ދެ މެންބަރުންކަމުގައިވާ ސުހައިލާއި ޔާސިރުގެ އެހީތެރިކަން ވެސް ލިބިއްލައްވާކަމަށް އަޒްހީލު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އަޒްޙީލުގެ މަންމައާއި ބައްޕައާއި ދެފަރާތުގެ ޢާއިލާގެ މެންބަރުންނާއި، އަޒްޙީލުގެ ލޮބުވެތި އަނބިމީހާއާއި ދަރިންގެ އެހީތެރިކަން ލިބިލައްވާކަމަށް ވެސް އަޒްޙީލު ފާހަގަކުރައްވާފައިވެއެވެ. ހަމަ އެ ފަދައިން، އަޒްޙީލުގެ ދެބެންގެދެދަރި ދައްތައެއްކަމަށްވާ ފާޠިމަތު ލަޠީފަކީ، އަޒްޙީލުގެ މި ދާއިރާގައި ނުހަނު އެއްބާރުލުންދެއްވާ ހިތްވަރުދެއްވާ ދައްތައެކެވެ.

https://m.facebook.com/story.php?story_fbid=659409318242215&id=100025194574169&sfnsn=mo&d=n&vh=e

“އަޅުގަނޑުގެ ކޮއްކޮ އިނާޔަތު ސަޢީދާއި ދެމީހުން ވެގެން ޕޭޖް މި ހިންގަނީ. އިނާޔަތު ވީޑިޔޯ ހެދުމާއި ޕޭޖްގެ އެހެނިހެން ކަންކަން. ޕޭޖަށްލުމުގެ ކުރިން އަޅުގަނޑުގެ ދެ ކަޒިންއަކަށް ޗެކް ކޮށްލަން ފޮނުވާލަން. ސުހައިލު އަދި ބޭބެ ޔާސިރު. އެދެމީހުން އޯކޭ ދިނީމަ އެވީ ވީޑިޔޯ ހަދަން. އެހިސާބުން އިނާޔަތަށް ވައިބާރކޮށްލަނީ. ދެން އާއިލާގެ މެމްބަރުން ވަރަށް ބޮޑަށް ހިތްވަރު ދޭ. ރަނގަޅު ކަމެއްކަމަށް ދެކޭ. އަންހެނުންގެ އެހީތެރިކަން ލިބޭ. އަޅުގަނޑުގެ ކުދިން ކުޑަ. އެކަމަކުވެސް އެ ދެކުދިން ވެސް ބަލާނެ ރެކޯޑްކުރާ ގަޑީގައި އަޑެއްބަޑެއް ނީއްވާ ވޭތޯ. ބޮޑު ދަރިފުޅު 11 އަހަރު. ބުނާނެ ހަމަ ބައްޕަ ތި ކުރަނީ މިކަހަލަ ކްރައިސިސް ދަނޑިވަޅެއްވައި ސޮސައިޓީ އަށް ވަރަށް ރަގަޅު ކަމެކޭ. ކުޑަ ދަރިފުޅު 4 އަހަރު ކިތަންމެ ގިނަ އިރު ވިޔަސް އެ ދަރިފުޅު ވެސް ބަލާނެ އުނދަގޫ ނުކޮށް އަޑެއް ނުލައްވާ ހުންނާނެ. އެހެން ވީމަ އެއީ އެ ދަރިފުޅު މިކަމުގައި އެހީތެރިވުން ކަމަށް ވަރަށް ބޮޑަށް ދެކެން. މަންމަ ފަރާތު އަދި ބައްޕަ ފަރާތުގެ ވެސް. ޚާއްސަކޮށް އަޅުގަނޑު ވަރަށް ލޯބިވާ ކަޒިން ދައްތަ ފާތިމަތު ލަޠީފް ވަރަށްބޮޑަށް ސަޕޯޓް ކުރައްވާނެ. ދެން ކޮއްކޮ އިނާޔަތު އަޅުގަނޑުގެ އަންހެނުން ދެ ކުދިން. ޕޭޖް އަށް ލުމުގެ ކުރިން އަޅުގަނޑުގެ ދެ ކަޒިން އަކަށް ޗެކް ކޮށްލަން ފޮނުވާލަން. ސުހައިލު އަދި ބޭބެ ޔާސިރު. އެދެމީހުން އޯކޭ ދިނީމަ އެވީ ވީޑިޔޯ ހަދަން. އެހިސާބުން އިނާޔަތަށް ވައިބާކޮށްލަނީ.” އަޒްޙީލް

މި ގޮތުން ޢާއިލާގެ ފުރިހަމަ އެއްބާރުލުމާއެކީގައްޔާއި، މުޖުތަމަޢުގެ ސަޕޯޓާއި އެކީގައި އަޒްޙީލް އެ ގެންދަވަނީ، ރީތި މަދަޙަތަކެއް އިއްވައިދެމުންނެވެ. އަދި މި ނޫނަސް ހިތްގައިމު މަދަޙަތަކެއް ތިޔަބޭފުޅުންނާއި ހަމައަށް ގެނެސްދެއްވަން މަސައްކަތް  ކުރައްވަމުންނެވެ. މި ގޮތުން، ކުޅަދާނަ ދެ ޝާއިރުންކަމަށްވާ ޅ.ހިންނަވަރު ހާޝިމް ޢަލީއާއި، ކުޅުދުއްފުށި ސިޓީގެ އަޙްމަދު މުނައްވަރުގެ މަދަޙައިގެ ޅެންތަކަށް، މަދަޙަ ކިޔުއްވުމަށް ތަަަަަަަަަަަަަަަަަަަަަަަައްޔާރުވެލައްވަމުންނެވެ. 

އަޅުގަނޑު އެދެނީ، އަޒްޙީލަށް މި ދާއިރާގަައި އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ. އަޒްޙީލުގެ ރީތި މަދަޙަތަކުން، އަނެކުންގެ ހިތަށް އުފާ ލިބިދިނުމެވެ. މާތް ﷲ އަޒްހީލަށް އުފާވެރިކަން މިންވަރުކުރައްވާށި! އާމީން!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ދެން މިހާވަރަށް މީހަކު ޕުރަމޯޓްކުރަން ހާސަރު ނުދަމާ ތިޔަ ބުނާ މަދަހައެއް އަޑު އަހާލައި ޖަޖުކޮށްލަން ލިންކެއް ނޫނީ އޯޑިއޯކޮޅެއް ހިމަނާލިނަމަ.. އެބައި ނެތުމުން ތިޔަކުރީ ހުޝާމަތު ނޫނީ ޕީއާރު ސްޓަންޓެއްކަހަލަ އެއްޗެއްކަމަށް ބެލިދާނެ

  2. އަޅާ ބުނޫ ވަހާކާކޫ އަޒުހީލުބޭ މަޝްހޫރު ވެގޭ ދާ! އަޒްހީލުބޭގެ މަގުސަދު ސާފު ކޮށްދެއްވިނަމަ މިލުޔުން ފުރިހަމަވީސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: