މުޅި ދުނިޔެ އެ ވައިރަހާއި ހަނގުރާމަކުރަމުންދާ ކޮވިޑް-19 މިއަދު މިވަނީ ދުނިޔޭގައި ވަކިހިއްޕާލާފައެވެ. ދުނިޔޭގެ ކަންކޮޅުތައް ރަމަތަކޮށްލާފައެވެ. ދުނިޔޭގެ އިޤުތިޞާދަށް ފަސޭހަ މަގަކުން އިސްއުފުލައިނުލެވޭނެ ދަރަޖައަކަށް ފޮނުވާލާފައެވެ. ދުނިޔޭގެ އަހުލުވެރިންގެ ޙަޤީޤީ ބާރު އެބައިމީހުންނަށް ވިސްނައިދީފައެވެ.
ނަމަވެސް އަދިވެސް ބޮޑާކަންދެއްކުން ނޫންކަމެއްނެތެވެ. ފިލާވަޅެއް ލިބުނުހެނެއް ހިއެއްނުވެއެވެ. އަދި ކީއްތަ، ފެނިދެނިވާ ކަންތައްތަކުން ހާމަވަނީ ފިލާވަޅެއް ވެސް ބޭނުންނުވާހެންނެވެ.
އެއްވެސް ޝުބުހައެއް ނެތް ގޮތުގައި ދުނިޔެ މިވަނީ، ޚާއްސަ ގޮތެއްގައި ރާއްޖެ މިވަނީ ކިބުރުވެރިވުމާއި، ދެކޮޅުވެރިކަމާއި، ފިތުނަފަސާދައިގެ ހާާއްޔަކަށްވެފައެވެ. އެހެންނޫންނަމަ މިއަދު މި ދުނިޔެ އޮންނާނީ މި ހާލަތުގައެއް ނޫން ދޮގެއްތޯއެވެ. ދުނިޔެ އޮންނާނީ މި ދަރަޖައަށް ވެއްޓިފައެއްނޫން އެހެންނޫންތޯއެވެ. ބަލިތަކާއި އާފާތްތަކުން، ޚާއްސަ ގޮތެއްގައި ކޮވިޑް-19 އިން ވެސް އަރައިގަތީސް ނޫންތޯއެވެ. ނަމަވެސް އަޑަށް ބާރުލައްވައިފައި ދުލަށްއައިހާ އެއްޗެއްކިޔުއްވާ ހިތަށްއެރިގޮތެެއް ހައްދަވަމުން ގެންދަވާއިރު އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އާފާތުގެ ކުރިމަތީގައި އިސްއުފުލައިލާނެ ބާރެއް ނުލިބެއެވެ. މި ގޮތުން ބަލާއިރު މި ޤައުމުގެ ހާލަތު ކިރިޔަކިރިޔާ އޮތްއިރު، މުޖުތަމަޢުގެ ޙާލުހުރީ ކިހިނަކުންތޯއެވެ. އަޅުގަނޑުމެންގެ ގިނަބަޔަކުގެ ޢަމަލުތައްހުރީ ކިހިނެއްތޯއެވެ.
އަޅުގަނޑު ވަރަށް ވިސްނައިފީމެވެ. ތެދުތެދަށް ދަންނަވާނަމަ ކޮވިޑް-19 އިގެ ބިރުވެރިކަން ޤައުމުން ފިލައި ހިނގައްޖެއެވެ. މިހާރު އޮތީ އެހެން ބިރެކެވެ. ހަމަ އެންމެ ބިރެކެވެ. ވެރިކަން ލިބިވަޑައިނުގެންފާނެތީ އެކަމާ ގަންނާކުރައްވާ ބިރެވެ.
އަމިއްލައެދުންފުޅާއި އެއްގޮތަށް، ކަންކަން ނުހިނގާފާނެތީ ގަންނާކުރައްވާ ބިރެވެ.
ދުނިޔޭގެ ބައެއް މީހުން ކަންކަންކުރަން ބޭނުންވީމާ އިސްލާމްދީން ހަތިޔާރަކަށް ނަގައެވެ. ނުވަތަ ކޮންމެވެސް އެހެން އެއްޗެކެވެ. މި ފަހަރު މި އޮތީ މާ ތަފާތު އެއްޗެކެވެ. އާދެ! އަޅުގަނޑުމެން އަބަދުހެން އޭގެ ވާހަކަ ދައްކަމުން އަންނަ ކޮވިޑް-19 އެވެ.
އަޖާއިބުހީވެއެވެ. ހިނިއަންނަގޮތް ވެސް ވެއެވެ. ސަހަރޯހީވާ ފަހަރު ވެސް އައުދެއެވެ. އެހެރަ ފެންނަ މަންޒަރުތަކުން ހިތާމަވެސް ކުރަމެވެ. މިއަދު ފެންނަމުން މިދަނީ، ކޮވިޑް-19 މި ނަން ބޭނުންކުރައްވައިގެން، އާސްމާނަށް އަރާވަޑައިގަންނަވަން އުޅުއްވާ މަންޒަރެވެ. މިސާލެއްގެ ގޮތުން ”ކޮވިޑް-19 އަކީ މިވެނި ބޭފުޅަކު އިމްތިޙާނުކޮށްލެއްވި ވަރުގަދަ ކާރިސާއެއް“ ނުވަތަ ”ކޮވިޑް-19: އެވެނި ބޭފުޅަކު ނަމޫނާ ދައްކަވައިފި“ މިފަދަ މިފަދަ ބަސްތަކުން އިނގޭތޯއެވެ.
ދެން އޮތީ އޭގެ އަނެއްކޮޅެވެ. ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި، ކޮވިޑް-19 އިން ރާއްޖެއަށް އަރައިނުގަނެވިގެން މި އުޅެނީ، މުޖުތަމަޢުތެރޭގައި ހުންނަންޖެހޭ ވަކި ބޭފުޅަކު މަދުވުމުން ޔޯލައެވެ.
ފުކެއް ބޮޑުވަރު އިނގޭތޯއެވެ. އަޅުގަނޑުމެންނަށް ފެންނަމުންދަނީ، ޤައުމުގެ މައިސޯބުންގެ އަރާރުންވުމެވެ. ބަހުގެ ހަމަލާތައް ރައްދުކުރައްވައި ދެން ތިއްބެވި ބޭފުޅުންނަށް ކުޑައިމީސް ބަސްތައް ބޭނުންކުރައްވަމުން ގެންދަވާ މަންޒަރެވެ. ފުރަައްސާރައިގެ ބަސްތައް ރައްދުކުރައްވަމުން ގެންދަވާ މަންޒަރެވެ. އަދި ކީއްތަ، ގިނަ ބޭބޭފުޅުންނަށް، ލިޔުއްވެވެނީ ކޯއްޗެއްކަން، ވިދާޅުވެވެނީ ކީކޭކަން ނުވެސް އެނގިވަޑައިންގަންނަވާމެއެވެ.
ޖުމްހޫރިއްޔަތަކީ ކޮބައިކަމެއް އެނގިވަޑައިނުގަންނަވާމެެއެވެ. ޤައުމިއްޔަތަކީ ކޮބައިކަމެއް، ހުއްރިއްޔަތަކީ ކޮބައިކަމެއް، އިންސާނިއްޔަތުކަމަކީ ކޮބައިކަމެއް، އެނގިވަޑައިނުގަންނަވައެވެ.
ކަން މިހެން ހުރިއިރު، ސިޔާސީ ލީޑަރުންނަށް ކުފޫހަމަވޭތޯއެވެ. ނޫނެކެވެ. އަޅުގަނޑު އިސްވެ ދެނނެވި ފަދައިން ޢަމަލުތައް ހުންނަވާ ބޭފުޅުން އެއްވެސް ހާލެއްގައި ސިޔާސީ ލީޑަރުންނަކަށް ކުފޫހަަމައެއް ނުވެއެެވެ. އިންސާފުގެ ތިލަފަތަކަށްލައްވައި ވަޒަންކޮށްލެއްވުމުން މީގެ ދެކޮޅު ފެނިވަޑައިގަންނަވާނެއެވެ.
އެއްވެސް ޝައްކެއްނެތެވެ. ޤައުމުގައި މި އޮތީ ”ބަނާނާ ރިޕަބްލިކެކެވެ.“ ހިތާމައަކީ، މީގެ ސަބަބުން ގެއްލުން ލިބެމުންދަނީ ނިކަމެތި ރައްޔިތުންނަށްކަމެވެ. ހަމަގައިމުވެސް މީގެ ގެއްލުމެއް، މީގެ އަސަރެއް ވެރިންގެ ދަރިދަރިކަލުންނާއި، ދަރިދަރިކަނބަލުންނަކަށް ނުލިބޭނެއެވެ. އަދި ކީއްތަ އެ ފަދަ ޚާންދާނެއްގެ އެންމެ ދުރަށް ދިޔަޔަސް އޭގެ އަސަރެއް ނުފޯރާނެއެވެ. އެ ބޭފުޅުން ތިއްބަވާނީ އުފަލާއި އަރާމުގައެވެ. ގަނޑުވަރުތަކުގައެވެ. ދާންމަތިކޮޅުތަކުގައެވެ. ތަނަވަސް ސުފުރާތަކުގައި އިންސާފުކުރައްވަ ކުރައްވައެވެ. މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ބޮޑެތި އަދަދުތަކުން، އެ ބޭފުޅުންގެ ތިޖޫރީތައް ފުރި ބަންޑުންވާން ގާތްވެފައިވާ ހާލުގައެވެ.
ތެދެކެވެ. ހިތާމައިގައި ތިބޭނީ ރައްޔިތުންނެވެ. ބޯހިޔާވަހިކަން ނުލިބި ނުވަތަ އަލިފާންފޮށްޓެއްވަރުގެ ތަންކޮޅެއްގައި ވެސް އުޅޭނީ ނިކަމެތި ރައްޔިތުންނެވެ. އަނގަޔާ އަތާއި ދިމާނުވާނީ ވެސް ނިކަމެތި ރައްޔިތުންގެއެވެ. މުސާރަ ނުލިބިގެން ދެކޮޅަށް ދުވާނީ ވެސް ނިކަމެތި ރައްޔިތު މީހާއެވެ.
ކަންމިހެން ހުރިއިރު، މައި ސޯބުތައް އެނބުރޭގޮތުން، ޤައުމު ހުއްޓުމަކަށް އަންނަ ވަގުތު ކައިރިވެއްޖެއެވެ. ޤައުމު އިނދަޖެހެން ގާތްވެއްޖެއެވެ.

