މާލޭ ސަރަހައްދުގައި އަޅާފައިވާ ލޮކްޑައުނަށް ލުއިތަކެއް ދިނުމާއެކު، އެ ލުއިތަކުގެ ތެރޭގައި ހިމެނިފައިވާ ވިޔަފާރިތަކަށާއި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކަށް ހުއްދަ ވެސް، ފުލުހުން މެދުވެރިކޮށް ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ.
ލޮކްޑައުންއަށް ލުއިތަކެއް ދިންތާ ހަފްތާއެއް ވެފައިވާއިރު، އިތުރު ވިޔަފާރިތައް އޮޕަރޭޓުކޮށް ހުޅުވުމުގެ ހުއްދަ ވަނީ ދޫކުރަން ފަށާފައެވެ. އެކި ކަންކަމަށް އެދި ހުށަހަޅާ ހުއްދަތަށް ތަފާތު އެކި އިދާރާތަކަށް ހުށަހަޅަން ޖެހުނުއިރު، އަނެއްކާވެސް ވިޔަފާރިތަކާއި އިޖްތިމާއީ ހިދުމަތް ދޭ ފަރާތްތަކުގެ ހުއްދަތައް ފުލުހުން މެދުވެރިކޮށް ހޯދާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.
މީގެ ކުރިން އެ ހުއްދަތަކަށް އެދި ހުށަހަޅަން ޖެހެނީ މާލޭ ސިޓީ ކައުންސިލަށެވެ. އެއަށްފަހު ހުށަހަޅާ ލިޔެކިޔުންތައް ބަލާ އޭގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ހުއްދަތައް ދޫކުރުމުގެ ޒިންމާ އޮތީ ފުލުހުންނަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ފުލުހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ހުއްދަތައް ދޫކުރަން ފަށާފައިވާކަމަށް ބުނެފައެވެ. އަދި ފުލުހުންގެ ޕޯޓަލްގައި މިހާރު ”ބިޒްނަސް ޕާޓްމިޓް“ ކެޓަގަރީ ވެސް ވަނީ ހިމަނާފައެވެ.
ހުއްދަތައް ފުލުހުން ދޫކުރަން ފެށުމާއި ގުޅޭގޮތުން ބަޔާނެއް ނެރެ ސިޓީ ކައުންސިލުން ބުނެފައިވަނީ ލޮކްޑައުންއަށް ދިން ލުއިތަކުގައި ވިޔަފާރި ކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަތައް ދޫކުރުމަށް ނިންމާފައިވަނީ އެފަދަ ހުއްދަތައް ހޯދުމަށް އެދޭ ފަރާތްތަކުން ކައުންސިލަށް ހުށަހެޅުމުން ކަމަށެވެ. އަދި އެއާއި އެކު އެ ލިޔުންތައް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅައި ވެރިފައި ކުރުމަށްފަހު އެ މައުލޫމާތު ފޮނުވަނީ ފުލުހުންނަށް ކަމަށެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މީގެ ކުރިން އަމަލު ކުރި ގޮތުންނަމަ ސިޓީ ކައުންސިލުން ފޮނުވާ މައުލޫމާތުތައް ވެރިފައި ކުރުމަށްފަހު ހުއްދަތައް ދޫކުރީ ފުލުހުން ކަމަށެވެ.
ސިޓީ ކައުންސިލުން ބުނެފައިވައިވަނީ ހުއްދަ ދިނުމަށް ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލާއި ހާވާލުކޮށްފައިވަނީ މޭއި މަހުގެ 29 ވަނަ ދުވަހުކަމަށެވެ. އަދި ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން ހޯދަންޖެހޭ މައުލޫމާތުތައް އެއްކުރެވޭނެ ގޮތަށް ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށް ޕޯޓަލްއެއް ހެދި އެ ޕޯޓަލްއަށް ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ 10 އެއް ޖެހުމާއި ހަމައަށް ހުށަހަޅާފައިވާ 3،480 އެޕްލިކޭޝަން ބެލުމަށްފަހު ތަރުތީބުކޮށް ވެރިފައި ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި 2،090 ކުންފުންޏަކާއި 9،207 މުވައްޒަފުންގެ މައުލޫމާތުތައް ހިމެނޭކަމުގައި ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ ކައުންސިލުން ހޯދާފައިވާ މައުލޫމާތުތަކުގެ އެހީގައި ފުރަބަންދަށްފަހު ހުޅުވޭއިރު މާލޭ ސިޓީގެ ވިޔަފާރިކުރާ ތަންތަނާއި މަސައްކަތް ކުރާ މީހުންނާއި ކުރާ ގޮތް ހެދިފައިވާ ގަވައިދުތަކާއި އެއްގޮތަށް މަސައްކަތް ކުރޭތޯ ބަލަމުން ގެންދާނެ ކަމަށެވެ.

