ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ ބައްދަލުވުމުގައި، މެމްބަރުން ވަނީ ލިސްޓު އެކުލަވާލުމުގައި ލަސްތަކެއް އުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އާތިފާ ވިދާޅުވީ ފްލެޓު ލިބޭ މީހުންގެ ލިސްޓުތައް ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. އަދި ލިސްޓު އެސެސްޓް ކުރުމުގެ މަސައްކަތް ކުރަނީ ކޮމިޓީން އާއި ގުޅިގެން ކަމަށާއި ފްލެޓުތަކާއި ގުޅިގެން އުފައްދާފައިވާ ކޮމިޓީން ކުރިޔަށް ގެންދަނީ ހާލަތު ބެލުމުގެ މަސައްކަތް ކަމަށެވެ. އޭގެ އިތުރުން މިނިސްޓްރީއިން ދަނީ ލިސްޓުގައިވާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގެއެއް ހުރިތޯ ބެލުމުގެ މަސައްކަތްކަމަށް އާތިފާ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ވަނީ، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ފްލެޓުގެ މައްސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ އިންސާފުވެރިކޮށްތޯ ބެލުމަށް ހާއްސަ ކޮމިޓީއަށް އުފައްދާފައެވެ.
އާތިފާ ވިދާޅުވީ މިނިސްޓްރީގައި ހުރިހާ ރަށެއްގެ ގެދޮރުގެ ޑޭޓާ އެކުލެވޭ މައުލޫމާތުތައް އެބަހުރި ކަމަށެވެ. އަދި އެ ޑޭޓާ ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކުގައި ވުދާޅުވިއެވެ. މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން މަސައްކަތްތަކަށް ދަތިތަކެއް އައި ނަމަވެސް، އޭގެ ކުރިން ކޮމިޓީން ދެ ހަފްތާގެ ތެރޭގައި އެސެސްމެންޓުގެ މަސައްކަތް ނިމެނޭކަމުގެ މައުލޫމާތު ދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ސީދާ ވަކި ތާރީހެއް ނުދެއްވާ އާތިފާ ވިދާޅުވީ ޑޭޓާ ޕްރެސް ކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެހެން ކަމުން އުންމީދު ކުރަނީ ޖުލައި މަސް ނިމެންވާއިރަށް ފްލެޓުތައް ހަވާލުކުރެވޭ ވަރު ވާނެކަމުގައި ކަމަށް އާތިފާ ވިދާޅުވިއެވެ.
”ހާލަތު ބެލުމުގެ މަސައްކަތް ކޮމިޓީން ކުރާއިރު، އަޅުގަނޑުމެން މިނިސްޓްރީން މި ދަނީ ޑޭޓާ ޕްރޮސެސް ކުރުމުގެ މަސައްކަތް. އެ މަސައްކަތް ވެސް 90 ޕަސެންޓް ނިމިފައި އޮތީ. އެހެންވީމަ އަޅުގަނޑުގެ އުއްމީދު ކުރަނީ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް“ އާތި
ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ.
ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށް ވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަހައްދުގައި ތިބި ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެޅި އެ ފްލެޓްތައް ދޫކުރާ ލިސްޓުގައި ކޮރަޕްޝަން އެކުލެވޭ ކަމަށާއި، އެ ލިސްޓުގައި އޮތީ އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ ގާތް މީހުން ކަމަށް ތުހުމަތު ކުރެވުނެވެ. އަދި މި މައްސަލަ ބަލައި ފްލެޓްތައް ސީދާ ހައްގުވާ މީހުނަށް ހަވާލު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

