ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމަށް 77 އަހަރު ވެގެންދިޔަ ހިނދު، “ރީނދޫ ނޫސްވެރިކަން” ޤައުމު ހިސާރުކޮށްފި

ރާއްޖޭގައި ފުރަތަމަ ނެރުނު ނޫސްކަމަށްވާ "ސަރުކާރުގެ ޚަބަރު" ގެ ފޮޓޯއެއް. ފޮޓޯ:ނެޝަނަލް އާކައިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ނޫސްވެރިކަމަށް 77 އަހަރުވެގެންދިޔަ ހިނދު، އަޅުގަނޑުގެ ހިތުގައި އުފެދޭ އިޙްސާސްތައް ބުނެދޭނީ، ކޮން ފަދައަކުންބާއޭ ހިތަށް އަރައެވެ. މިއަދު އަޅުގަނޑުގެ ހިތުގައި ހިނގަމުންދަނީ، ހަމައެކަނި އުފާވެރިކަމުގެ ޝުޢޫރެއްނޫނެވެ. އަދި ކީއްތަ، ނޫސްވެެރިކަމަށް 77 އަހަރު ފުރިގެންދާ ހިނދު އުފާވާ ފަދައިން، ހިތާމަކޮށް ކަންބޮޑުވެސް ވެއެވެ.

މިއަދަކީ… އާދެ ޖޫން މަހުގެ ފަސްވަނަ ދުވަހަކީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ނޫހެއް ވުޖޫދުވި ދުވަހެވެ. ދުނިޔޭގެ މަންޒަރުތައް ލޮލަށްނުފެނި ނިދީގައި ތިބި ދިވެހިން ހޭލައްވާލި “ސަރުކާރުގެ ޚަބަރު” ވުޖޫދުވި ދުވަހެވެ. މި ނޫސް ވުޖޫދުވެފައިވަނީ، މީލާދީ ސަނަތުން 1943 ވަނަ އަހަރުގެ ޖޫންމަހުގެ 03 ވަނަ ދުވަހުއެވެ.

ކޮންމެ ހިޖުރީ މަހެއްގެ ފުރަތަމަ ދުވަހުގައި ނުކުތް މި ނޫހުގެ އެޑިޓަރަކީ، އަޅުގަނޑުމެންނަށްޓަކައި އެކި ރޮނގުރޮނގުން ޚިދުމަތްކޮށްދެއްވާފައިވާ، ސުއްމުުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުކަން މި ދަނޑިވަޅުގައި ފާހަގަކޮށްލަން ޖެހެއެވެ. އެހެނީ، އެ މަނިކުފާނަކީ ނިދާފައި ތިބި ދިވެހިން ހޭލައްވާލުމަށްޓަކައި އެތައް މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ހެންވޭރު މީރުބަހުރުގޭ އަލްމަރުޙޫމް މުޙައްމަދު އިސްމާއީލްދީދީ އަކީ މި ނޫހުގެ އެޑިޓަރުގެ ނާއިބުކަން ވެސް މި ފުރުސަތުގައި ފާހަގަކޮށްލަމެވެ.

މި ނޫހުގެ މަޤުޞަދަކަށްވެފައި އޮތީ، އެ ދުވަސްވަރު ދުނިޔޭގައި ހިނގަމުންދިޔަ ދެވަނަ ބޮޑު ހަނގުރާމައިގެ ޚަބަރުތައް ރާއްޖޭގެ ރައްޔިތުންނަށް އަންގައިދެެއްވުމާއެކު، ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދިޔަ ކަންތައްތަކާ ގުޅިގެން  ސަރުކާރުން އަޅުއްވަމުންދިޔަ ފިޔަވަޅުތައް ރައްޔިތުންނަށް އަންގައިދެއްވުމެވެ.

ސަރުކާރުގެ ޚަބަރު ވުޖޫދުވުމުގެ ކުރިން ވެސް، ރާއްޖޭގައި ޢިލްމީ، އިޖްތިމާޢީ މަޢުލޫމާތުތައް ހިމެނޭ މަޖައްލާތައް ދައުރުވަމުން ދިޔައެވެ. މި ގޮތުން ބަލާއިރު، “އަލް އިޞްލާޙު” އާއި، “ނަޔާ ޚިޔާލު” އަދި “ހުޅެވި ހަނދު” ފަދަ މަޖައްލާތައް ހިމެނެއެވެ. އެހެންނަމަވެސް އިސްވެ މި ދެންނެވި މަޖައްލާތަކަކީ، ނޫހެއްގެ ސިފައިގާ ނެރުނު މަޖައްލާތަކަކަށް ނުވާތީ، ނޫސްވެރިކަމުގެ ތާރީޚު ގުނަންފަށާފައިވަނީ ސަރުކާރުގެ ޚަބަރާއި ހިސާބުންނެވެ.

ނަމަވެސް، ސަރުކާރުގެ ޚަބަރަށްފަހު، ދިވެހި ނޫސްވެރިކަމުގެ ދުނިޔެއަށް އަގުހުރި އެތައް ނޫހެއް ނިކުމެފައިވެއެވެ. މި ގޮތުން 1956 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގައި ވުޖޫދުވި ދިވެހިންގެ ފުރަތަމަ ދުވަހު ނޫސް “ވިޔަފާރި މިއަދު” މި ނޫހަކީ ވެސް ފާހަގަކޮށްލެވޭފަދަ އަގުހުރި ނޫހެކެވެ. އާދޭހެވެ. މިއީ ދުވަހާއި މެދުގައި އަޅުގަނޑު އުފާވާ ހަމައެހެންމެ އެކަމާމެދު ފަޚުރުވެރިވާ އެންމެ ބޮޑު ކަންތައްތަކެވެ.

އާދެ! ޒަމާން ތަރައްޤީވެ، ޢިލްމީ ހަރުފަތްތައް ގިރާކުރަމުންދާއިރު، ދިވެހި ނޫސްވެރިކަމުގެ ދުނިޔެ މިވަނީ އެތައް ނޫހެއް ލޮލުންދެކެ، ބައެއް ނޫސްތައް ލޯމަތިން ގެއްލިގެން ގޮސްފައެވެ. މި ގޮތުން ބަލާއިރު، މިއަދު ވެސް، ތަފާތު އެތައް ނޫހެއްގެ މަންޒަރުތައް ލޮލަށް ފެންނަމުން މިހިރަ ދަނީއެވެ. ނަމަވެސް ހިތާމަކުރަންޖެހޭ އެތައްކަމެއް މިއަދު ހުރިކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރުބަލާ  އިންޑެކްސްގައި، ދިވެހިރާއްޖެއަށް 19 ދަރަޖައިގެ ކުރިއެރުމެއް މިއަހަރު ލިބިފައިވެއެވެ. ނަމަވެސް ފެނިދެނިވާ ކަންތައްތަކުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ ޙަޤީޤީ މާނައިގާ އޮތްކަމަކަށް އަޅުގަނޑަކަށް އެއްބަހެއް ނުވެވެއެވެ. ސަބަބުތައް ބައިވަރެވެ. ދަންނަވަންތޯއެވެ. މިއީ ހަމައެކަނި އަޅުގަނޑު ޤަބޫލުކުރާގޮތެއް ނޫން އިނގޭތޯއެވެ. އަޅުގަނޑުފަދަ އެތައް ދިވެހި ރައްޔިތުން ޤަބޫލުކުރާ ޙަޤީޤަތެއްމެއެެވެ.

މި ގޮތުން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް އަވަސްކަޅިއެއް ހިންގައިލާއިރު އެންމެ ބޮޑު އެއްޗަކަށް ފެންނަނީ ކޮރަޕްޝަން އައިސް ނޫސްތައް ހިޞާރުކޮށްލާފައިވާ މަންޒަރެވެ. އަޅުގަނޑު ނޫސްވެރިކަމުގެ މިނިވަންކަން މާނަކުރާގޮތުގައި، ނޫސްވެރކަމުގެ މިނިވަންކަންގެއްލިދަނީ ހަމައެކަނި ނޫސްވެރިންނަށް އަނިޔާކޮށް، ނުވަތަ ނޫސްވެރިން ގެއްލުވާލައިގެން ކަމަކަށް ޤަބޫލެއް ނުކުރަމެވެ. އެ ކަންތައް އެ ގޮތަށް އޮތުމާއެކު ކޮރަޕްޝަންއަކީ ވެސް ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވައިލާ އެންމެ ބޮޑު އެއްކަމެވެ.

ފަހެ ނޫސްތަކުން އެބައިމީހުން ހިތަށް އެރި ގޮތަކަށް، މައުޟޫޢުތައް ގެނެސް، އެކަކު އަނެކަކަށް ފުރައްސާރަތައް ރައްދުކޮށް، އަނެކުން ބަދުނާމުވާގޮތަށް ކަންކަންކުރުމަކީ، އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭ ޒާތުގެ ކަމެއްނޫނެވެ. ހަމަގައިމުވެސް އެ ގޮތަށްގޮތަށް ލިޔާ ނޫސްވެރިންނަކީ މިނިވަން ނޫސްވެރިކަމުގެ ދާއިރާތެރޭގައި މަސައްކަތްކުރާ ނޫސްވެރިންކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަދި ކީއްތަ، އެ ނޫސްވެރިން އެ ބީދައިން ކަންކަންކުރުމުގެ ފަހަތުގައި، އާދެ އަނދިރި ފަރުދާގެ ފުރަގަހުގައި ކަޝްފުވެގެން ހުންނަ ފަރާތެއްވާކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ވީމާ މިނިވަން ނޫސްވެރިކަމެކޭ ބުނެވިދާނެތޯއެވެ.

ނޫނެކެވެ. އެއަށް ކިޔާނީ ރީނދޫ ނޫސްވެރިކަމެވެ. ނުވަތަ “ރީނދޫ ޖަރނަލިޒަމް” އެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުގައި، ރީނދޫ ނޫސްވެރިކަމަކީ، އޭގައި އެއްވެސް އޮއްޓަރެއްނެތް، ޒިންމާދާރުކަމެއްނެތް ނޫސްވެރިކަމެވެ. އެފަދަ ނޫސްތަކުން ތެދު ދޮގެއް ނުބަލާނެއެވެ. ލިޔެފައި ހުންނާނީ، އެންމެ މަގުމަތީ އާދައިގެ ބަހުންނެވެ. އެ ބާވަތުގެ ނޫސްތަކުން، ޢާންމުންގެ ސަމާލުކަން ހޯދުމަށް ތަނެއްދޮރެއް ދޮރާަށްޓެއް ނުބަލައި ބޮޑެތިވެގެންވާހައި ސުރުޚީތައް ބޭނުންކޮށްގެން ރައްޔިތުން ވާވައްދަން އުޅޭނެއެވެ. އަސްލެއްނެތް ޚިޔާލީ ފޮޓޯތައް ބޭނުންކޮށް އަނެކުންގެ އަގުވައްޓާލާނެއެވެ. މި ނޫނަސް މިފަދަ ކިތަންމެ ކިތަންމެ ކަމެއް އިނގޭތޯއެވެ.

ޙަޤީޤަތަކީ މިއީކަމަށްވާއިރު، ރާއްޖޭގެ ނޫސްވެރިކަން އެންމެ ފުރިހަމަ މާނައިގާ މިނިވަންވެފައި އޮތްކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. އަދި މިކަމާ ހިތާމަކޮށް ކަންބޮޑުވާ ވާހަކަ ވެސް ދަންނަވަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: