ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ކަމެއް ނެތް އޮތީ ނުފޫޒް

ނޫސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ނޫސްވެރި ކަމަށް 77 އަހަރު ފުރިގެންދިޔައިރު ރާއްޖޭގެ ނޫސްވެރިކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ނޫސްވެރިކަން ކުރާ ވައްޓަފާޅި ވެސް މިވަނީ ބަދަލުވެފައެވެ. ތަރައްގީވެފައިވާ މި ދުނިޔޭގައި ހަބަރު ފެތުރުމާއި އަދި މައުލޫމާތު ލިބިގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ރާއްޖޭގެ ނޫސްވެރިކަމުގައި ބަދަލުވުމެއް ނެތް ހަގީގަތެއް އޮވެއެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ކޮންމެ ލޮޅުމެއް ރާއްޖޭގެ ނޫސްވެރިންނަށް މީޑިއާތަކަށް އެކި އިރު އެކި މިންވަރަށް އެކި ގޮތަށް ކުރަމުންދާކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެހެން ދިމާވާން ޖެހޭ ސަބަބުތަކެއް ވެސް އެބަހުޓެވެ. 

ރާއްޖޭގައި ނޫސްވެރިކަން ކުރާ ގިނަ މީހުންނަކީ އަމިއްލަ ކޮންމެވެސް އުފަލެއް ޙާޞިލު ކުރަން މަސައްކަތް ކުރާ މީހުން ކަމަށް ބައެއް ފަރާތްތަކުން ބުނާބުނުމަކީ ސަބަބެއް ކަމަށް ވެދާނެއެވެ. ނޫސްވެރިން އެ މީހުންގެ އެދުން ބޭނުންވާ ކަންކަން  ޙާޞިލު ކުރަނީ ޢާއްމުންނަށް ބޭނުންވާ ނުވަތަ ބޭނުންވާ ކަމަށް އެމީހުންނަށް ފެންނަ މަޢުލޫމާތު ފޯރު ކޮށް ދީގެންނެވެ. މި މަސައްކަތުގެ ތެރޭގައި ހުންނަ ހުރަސްތައް ވަރަށް ގިނަ އެވެ. އެންމެ ބޮޑަށް ހިތާމަ ކުރަން ޖެހޭ ކަމަކީ ނޫސްވެރިޔާ ކުރިމަތި ލާން ޖެހޭ އެންމެ ބޮޑު މައްސަލަ ތަކުގެ ތެރޭގައި އާއްމުންގެ ފަރާތުން އަންނަ މައްސަލަތައް ހިމެނޭ ކަމެވެ. އަދި ވަކި ހާއްސަކޮށް ސިޔާސީ ގޮތުން ރާއްޖޭގެ މީޑިއާތަކަށް ނުފޫޒް ފޯރާކަމީ އެއްވެސް މީހަކަށް ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ. 

ރާއްޖޭގެ ނޫސްވެރިންނަށް އެންމެ ބޮޑެތި ގިންޖެހުންތަކާއި ކުރިމަތިލާން ޖެހުނު އެއް ދުވަސްވަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްތަކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރަށް ފާޑުކިޔުމަކީ ބޮޑު ކުށެކެވެ. ސަރުކާރާއި ދެކޮޅަށް ލިޔެފައިވާ ލޮޔުމެއް ހިފައިގެން ޒާޕްކުރާ ތަނަކަށް ގޮސް އެއިން އިތުރު ޗާޕެއް ކޮށްފިނަމަ ދެން ދާން ޖެހެނީ ޖަލަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު ނޫސްވެރިންގެ ތެރެއިން އިންސާފް ނުލިބޭ ނޫސްވެރިން މަދަެއް ނޫނެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް އަމިއްލަ ދިފާއަށް ކަމެއް ކުރުމުގެ ފުރުސަތެއް ނުލިބެއެވެ. ސަރުކާރުން ނިންމާ ނިންމުން އެއީ ފަހުގެ ނިންމުމެވެ. 

ރާއްޖޭގެ ނޫސްވެރިންނަށް އެންމެ ބޮޑު މިނިވަން ކަމެއް ލޮިބިގެން ދިޔައީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އިފެއްދުމުގެ ހުއްދަ ލިބިގެން ދިޔަ ދަނޑިވަޅާއިއެކުގައެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މީޑިއާތަކަށް ނޫސްވެރިންނަށް މިނިވަންކަން ދެވިގެންދިޔައިރު އެ ބާރު ދޫކޮށްލެވުނީ ހުދޫދެއް ނެތި ކަމަށެވެ. އޭގެ ސަބަބުން ފެންނަމުން ދިޔައީ މީޙުންގެ އަބުރު ކަތިލާ މަންޒަރެވެ. 

މީޑިއާއަކީ ނޫސްވެރިންނަކީ ބަޔެއްގެ ތެރޭގައި އޮންނަ ކަމެއް، އެހެން ބަޔަކަށް ތަޢާރުފުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ވަސީލަތެވެ. އެ ގޮތުން މުޅި ދުނިޔެއަށް ބަދަލުގެންނަމުން މިދާ ޑިމޮކްރަސީގެ އުޞޫލުތަކަކީ މިއަދު ދިވެހިންގެ ތެރޭގައި ވެސް ތަޢާރުފުކޮށްފައިވާ އުޞޫލުތަކެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއާސާސީ އިޞްލާޙުކުރުމުގެ ގޮތުން ތަޢާރުފުކޮށްފައިވާ ޕާޓީ ނިޒާމަކީ މީގެ މިސާލެކެވެ. ދިވެހިންނަށް ޕާޓީ ނިޒާމާއި އޭގެ ފައިދާ ނުވަތަ ޕާޓީ ނިޒާމުގެ ޚިޔާލު އައީ ކިހިނެއްތޯ ސުވާލުކޮށްފި ނަމަ ދިވެހިންގެ ޖަވާބަކަށްވާނީ މީޑިއާކަން ޔަޤީނެވެ.

ވެރިކަމުގައްޔާއި ވެރިކަން ހިންގުމުގައި ދިވެހި ރައްޔިތުންނަށް ފައިދާހުރި ހަމަހަމަ އުޞޫލެއް ޤާއިމްކުރުމަށްޓަކައި ޤާނޫނު އިޞްލާޙުކުރުމަށް ސަރުކާރަށް ވިސްނަންޖެހުނީ މީޑިއާގެ ސަބަބުން ދިވެހިންނަށް ސިޔާސީކަންތައްތަކާއި ވެރިކަންހިންގަންވީ ރަނގަޅުގޮތް އެނގި ސާފުވުމުގެ ސަބަބުންނެވެ. އިރެއްގައި ސަރުކާރުން ރައްޔިތުންގެ ޙައްޤުތަކަށް އިހުމާލުވީމާ އެކަން ރައްޔިތުންނަށް ނޭނގުނަސް މިހާރު ދިވެހީންނަށް އެކަން އެނގޭނެ އެވެ. މީޑިއާގެ ސަބަބުން ދިވެހިރައްޔިތުން މިވަނީ އެ ރޮނގުންވެސް ހިސާބަކަށް ހޭލުންތެރިވެފައެވެ. ދިވެހި މީޑިއާއިން ހޭލުންތެރިނުކުރި “ޚުދުމުޚުތާރު” ޑިމޮކްރަސީ މިއަދު މިވަނީ ދުނިޔޭގެ މީޑިއާއިން ޒަމާނީ “ޑިމޮކްރަސީ”އަށް ހޭލުންތެރިވެފައެވެ. މިއީ މީޑިއާގެ ސަބަބުން ދިވެހިންނަށް ފަހަކަށް އައިސް ފޯރި އެންމެ ބޮޑު އަސަރެވެ.

ނޫސް މަޖައްލާއަކީ، ފައިދާވާގޮތަށް ހިންގާ ވިޔަފާރިއަކަށް ވުރެ ބޮޑަށް، މަސްއޫލިއްޔަތަކާއި ޒިންމާއެއް އުފުލަންޖެހޭ މުއާޞަލާތީ ވަސީލަތެކެވެ. އެއީ ހަމަ އެކަނި ހުސް ވަގުތުތައް ފުރާލަން މީހުންނަށް ކިޔާލާނެ އެއްޗެއް ހުށަހަޅައިލަން ކުރާ ކަމެއް ނޫނެވެ. ނޫސްވެރިކަމުން، މުޅި މުޖުތަމަޢުގެ ޙަޔާތަށް އަސަރު ފޯރުވަ އެވެ. އެ އެއްޗެއްގައި ޝާއިޢު ކުރާ ލިޔުންތަކުގެ ބާވަތުން، އެދެވޭ  އަސަރާއި، ނޭދެވޭ އަސަރު ފޯރުވަ އެވެ. މީހުން ޢިލްމުވެރިކުރުވާ ފަދައިން، މީހުން ފާސިދު ކޮށްދީފާނެ އެވެ. ލޯތްބާއި އެކުވެރިކަމާއި، ހަމްދަރުދީ އަށަގަންނުވާ ފަދައިން، ނަފުރަތާއި ދުޝްމަންކަމާއި ހިތިކަން އުފައްދައިދީފާނެ އެވެ.

އެހެންވީމާ، ނޫސް މަޖައްލާ ނެރެންވާނީ،  ވިސްނާފަ އެވެ. އެކުވެރިކުރުވުމުގެ މަޤުޞަދުގައި ނަމަ، ދެކޮޅުވެރިކަމާއި، ޙަސަޔަށް ތަންދީގެން ނުވާނެ އެވެ.  ނޫހުގެ އެންމެ އިސްވާޖިބަކީ، ޚަބަރު ފެތުރުމެވެ. ވާނުވާ އޮޅުން ފިލުވައިދިނުމެވެ. އަންނަމުންދާ ބަދަލުތަކާއި ލަފާކުރާ ލަފާކުރުންތަކަށް ކިޔާމީހުން ތައްޔާރު ކޮށްދިނުމެވެ. އެއާ ޚިލާފަށް ވަކި ސިޔާސީ ޕާޓީއެއްގެ ސިޔާސަތާއި ކުރިޔަށް ރާވައިފައިވާ ކަންތައްތަކާއި، ކުރިމަގުގެ ތަޞައްޥުރު ހާމަ ކުރުމަށް ނޫސް މަޖައްލާ ނެރެ އެވެ. އެފަދަ ނޫސް މަޖައްލާތަކުން ސަރުކާރުގެ ނުވަތަ ވަކި ސިޔާސީ ޕާޓީ އެއްގެ ކަންތައްތައް ދޯދިޔާކަން ހާމަ ކޮށްދީފައި ހުރެ އެވެ. ހަމަ ބުއްދިޔަށާއި، ވިސްނުމަށް ގެނެވޭ ގޮތަށް ހަމަ ދައްކައިގެން ޢިލްމީ ގޮތަކަށެވެ.

އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢު ކުޑަކަމާއި އެކަކު އަނެކަކަށް ދަންނަލެއް ބޮޑުކަމާއި، އެއް ޢާއިލާ އަނެއް ޢާއިލާއާ ގުޅިފައިވާލެއް ބޮޑުކަމުން ނޭދެވޭ ނޫސްވެރިކަމުން ނިކުންނަ ނަތީޖާ ވިހައެއް ފަދައިން މުޅި މުޖުތަމަޢަށް ފޯރުވައިފާނެ އެވެ. އެ ވިހަ ނައްތައިލަން ދަތިވާނެ އެވެ. ޒާތީވުމަށް ވުރެ ތެދު ޙަޤީޤަތް ހާމަ ކުރަން މަސައްކަތް ކުރުމުން ނޫސްވެރިކަމުގެ މަޤުޞަދު ޙާޞިލްވާލެއް ރަނގަޅުވާނެ އެވެ. ލިޔުންތެރިންނާއި ނޫސްވެރިންގެ ޒިންމާއަކީ މުޖުތަމަޢުގައި ހުރި ނޭދެވޭ ބަލިތައް ނައްތައިލުމެވެ. ރައްޔިތުންނަށް ހެޔޮ ގޮތް އޮޅުން ފިލުވައި ދިނުމެވެ. ތެދު ހާމަ ކޮށްދިނުމެވެ. އެހެން ނަމަވެސް ހަގީގަތަކީ ނޫސްވެރިންނަށް ސިޔާސީ މީޙުންނާއި އެ ނޫން ވެސް މީހުންގެ ކިބައިން މިނިވަން ކަމެއް ނެތުމެވެ. މިނިވަން ކަމެއް ނެތެވެ. އޮތީ ނުފޫޒެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: