ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެއިން ބިން ދިނުމާ ދެކޮޅަށް އަލައްބާރަށް ސިޓީއެއް!

"ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އެއްވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި އާންމު ވޯޓެއް ނެގުމުގެ ކުރިން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިނުކުރުމަށް އެދި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ”ދިވެހިންގެ ބިން ދިވެހިންނަށް“ ހަރަކާތުން ރަސްމީކޮށް ސިޓީއެއް ފޮނުވައިފިއެވެ.

ކެންދޫ ދާއިރާގެ ކުރީގެ މެމްބރު އަލީ ހުސައިން ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި ވަނީ، މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި މިހާރު ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މި މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު އަލުން ވިސްނުމަށާއި، ރައްޔިތުންގެ ތާއީދު އޮތް މިންވަރު ކަށަވަރުކުރުމަށް ފެންނަނުފެންނަ ވޯޓެއް ނަގަންދެން، މިކަމާ ގުޅޭ އެއްވެސް މާލީ ނުވަތަ އެނޫންވެސް އިލްތިޒާމެއްގެ ޒިންމާ ނުނެގުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

މގެ އިތުރުން، މި މަޝްރޫއުގެ މިހާރުގެ ޝަރުތުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ފުށުއަރާ ކަންތައްތަކެއް ކަމަށާއި، ރައްޔިތުންގެ ހަގީގީ ހިޔާލު މިކަމުގައި ހޯދާފައި ނުވާތީ، މުސްތަގުބަލުގައި އަންނަ ވެރިކަމެއްގައި މި އެއްބަސްވުން މުރާޖައާކުރުމުގެ ނުވަތަ އެއްކޮށް އުވާލުމުގެ ފުރުސަތު ބޮޑުކަންވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މި މުއާމަލާތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތުތަކަށް އުނިކަން އައިސް، އަމިއްލަ ވަޒަނުގައި ދިވެހިން ނިކަމެތިވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެދާނެކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

ރަސްމާލެ މަޝްރޫއާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގާރާރެއް ހުށަހަޅައި ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެފަދަ އެއްވެސް ވޯޓެއް ނުނަންގަވާނެކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމާ ގުޅޭ ވިޔަފާރީގެ މައިގަނޑު ޝަރުތުތަކުގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ބިން ދޫކުރުމަށްޓަކައި ގެންނަންޖެހޭ ގާނޫނީ އިޖުރާއަތުތައް ރައްޔިތުންގެ މަޖިލީހަށް ވަނީ ރިއަލް އެސްޓޭޓް ބިލުގެ ގޮތުގައި ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: