ރަސްމާލެ މަޝްރޫއުއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން، އެ މަޝްރޫއާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލުމަށް މި މަހުގެ 26 ވާ ބުރާސްފަތި ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުމެ އެއްވުމެއް ބާއްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ފުށިދިއްގަރު ފަޅުގައި ބޭރު ބަޔަކާ ގުޅިގެން ސަރުކާރުން ހިންގަން ރާވާފައިވާ ރެޒިޑެންސީ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް އުފެދެނީ އެ މަޝްރޫއާ ގުޅޭގޮތުން ވާނުވާ ރައްޔިތުންނަށް ސާފުނުވާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވުނު އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސްއަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ކޮންގްރެސްގައި ބަލައިގެންފައިވާ ”ބޮޑުބަދަލު“ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ބޮޑެތި ކަންކަން ހިންގުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށެވެ. އެގޮތުން ކަންކަން ރައްޔިތުންނަށް ހުށަހަޅައި، މައުލޫމާތު ދެވި، ރައްޔިތުން އެކަމާމެދު ދެކޭގޮތަކަށް ކަންކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ވެރިންނަށް ކަންކަމަކީ ރަނގަޅު ކަންކަމުގެ ގޮތުގައި ފެނިދާނެ، ތަސައްވަރު ކުރެވިދާނެ. އެހެންނަމަވެސް އެ ތަސައްވަރުތައް ރައްޔިތުންނަށް ސާފުނުވާ ކަމަށް ވަނީނަމަ ކަންކަން ދާނީ ކާމިޔާބު ނުވެ. ކަމެއް ކާމިޔާބު ކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު އޮންނަންވާނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މެދުގައި މި މަޝްރޫއާ ގުޅޭގޮތުން ބަހުސްކުރެވި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި އެކަން ކުރިއަށް ގެންދިއުމަކީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވަނީ ތަނަވަސްކަމާއި ހާސްކަމެއް ނެތި އުޅެވޭނެ ގޮތްތަކެއް ކަމަށާއި، ރައްޔިތުންނަށް ހުށަނާޅާ، ރައްޔިތުން ގަބޫލުނުކުރާ ތަސައްވަރެއް ބަލައިނުގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީން މަގުމައްޗަށް ނުކުތުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ޕާޓީގެ އަމާޒަކީ މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އިހްތިޖާޖަށް ނުކުތުން ކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނާ ގުޅިގެން އިހްތިޖާޖުކުރަން ދަންނަ ޕާޓީއެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އެ އެއްވުމަށް ނުކުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

