ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެއްޓަށް ގެއްލުންވާނެ، އެކަމަކު މީ އިގްތިސާދަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމުން ތިމާވެއްޓަށް ގެއްލުންވާނެ ކަމަށާއި ނަމަވެސް ނަމަވެސް ގުޅީފަޅު ހިއްކުމަކީ އިގްތިސާދަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގުޅީފަޅުގެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ކަންބޮޑުވުން އެތައް ބަޔަކު ފާޅުކުރަމުންދަނިކޮށް، ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ  ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ގުޅީފަޅުން ބޮޑުބައެއް ހިއްކަން ފެށުމުން ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެ މަޝްރޫޢު ސަބަބުން ތިމާވެއްޓަށް އަސަރުކުރިޔަސް އެކަން ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އެތަނުގައި ޤާއިމްކުރާ ކޮމާޝަލް ޕޯޓު އެޅިގެން ނޫނީ ދެން އިތުރަށް ދިވެހިރާއްޖޭގެ މުދާ އެތެރެކޮށް ބޭރު ކުރުމުގެ ދޮރާށި އިތުރަށް ތަރައްގީ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީ އާއި އީޕީއޭގެ ވެރިންނާވެސް އެކު، ބޭއްވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އެ މަސައްކަތަކީ ސަރުކާރަށް ގަބޫލު ކުރެވިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ ފުޅީފަޅު މަޝްރޫޢާއި ގުޅިގެން ފާހަގަވާ ކަންތައްތައް އަމިއްލަ ފަރާތްތަކުން ވެސް އަދި މަޖިލީހުގެ މެމްބަރުން ވެސް ވަރަށް ރަނގަޅަށް ބަލަމުން ގެންދަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ގުޅީފަޅުގެ ފުންމިނާއި އަދި އެތަނަށް ހިނގާނެ ޚަރަދާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ މީ ރާއްޖޭގައި އެންމެ ފުންކޮށް ތަނެއް ހިއްކާ ފުރަތަމަ ފަހަރު ކަމަށާއި ނަމަވެސް ސިންގަޕޫރު ފަދަ ގައުމުތަކުގައި މިހާ ފުންތަންތަން ހިއްކާފައި އެބަހުރި ކަމަށެވެ.

އަސްލަމް ވިދާޅުވީ ގުޅިފަޅު ހިއްކުމަށް އެންމެ އަގު ބޮޑު ރޭޓުން ބަލާނަމަ އަރަނީ 120 މިލިއަން ޑޮލަރު ކަމަށާއި ކައިރިން ވެލި ނެގޭ ނަމަ 100 މިލިއަން ޑޮލަރަށް ކުޑަ ވާނެ ކަމަށެވެ.

ޕްރޮޖެކްޓް ހިންގަން ނިންމީ މާލޭގައި އޮތް ޕޯޓް ކުޑަވުމުގެ ސަބަބުން މާލެ ކައިރިން އެފަދަ ބަނދަރެއް ހެދުމަށް އެންމެ ރަނގަޅު ތަނަކީ އެ ރަށް ކަމަށް ފެންނާތީ ކަމަށާއި މިއީ ފުން ފަޅެއް ހިއްކުން ނަމަވެސް އޭގެ ފައިދާ ކުރިއަށް އޮތްތަނުގައި ރާއްޖެ އަށް ލިބޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: