ބާޒާރުގައި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ދިޔަނުދީ ހިފެހެއްޓުމުގައި ސަރުކާރު ފެއިލްވަމުން އަންނަކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ފައިސަލް މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓު ކިތަންމެހާވެސް ދިގު ކުރެވިދާނެއެވެ. ނަމަވެސް ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް މަތިވަމުން އަންނައިރު، އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމުގައި ސަރުކާރު ފެއިލްވަމުންދާ ކަމަށްވެސް ފައިސަލް ވަނީ އެ ޓްވީޓުގައި ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، ޑޮލަރު ލިބުމުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ނާންނަ ކަމަށާއި، ވިޔަފާރިތަކަށް ޓީޓީއެއް ނުހެއްދޭކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައިއެވެ. އަދި ނަތީޖާއެއްގެ ގޮތުން ސަޕްލައި ދަށްވެ، ތަކޭތީގެ އަގު އިންތިހާއަށް މައްޗަށް ދާކަމަށް ވިދާޅުވެފައިއެވެ.
”އިއްޔެއާ ހަމައަށް ކެރެޓު ކިލޯއެއްގެ އަގު ހުރީ 170ރ. ގައި.“ ފައިސަލް
މީގެ އިތުރުން ފައިސަލް ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި މި އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު، އެއްގަމު މަހުގެ ބާވަތްތަކުގެ އަގު %23.97 މައްޗަށް ގޮސްފައިވާއިރު، ތަރުކާރީގެ އަގު ވަނީ %22.16 މައްޗަށް ގޮސްފައި ކަމަށެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، މި ސަރުކާރު އޮތްހާ ހިނދަކު ތަކެތީގެ އަގުތައް އުފުލުމަށް ހުއްޓުމެއް ނާންނާނެކަމީ، މިއަދުގެ ހަގީގަތް ކަމަށެވެ. އަދި އަގުތަށް ތިރިކުރަން މި ސަރުކާރުން ނިންމި އެއްވެސް ނިންމުމަކުން މިހާތަނަށް ރަނގަޅު ނަތީޖާއެއް ފެނިފައި ނުވާކަމަށްވެސް ފައިސަލް ވަނީ ފާހަގަކުރައްވައިފައެވެ.

