ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފުންނަށް މުސާރަދޭ ގޮތާއި، އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ސުވާލު އުފައްދައިފި އެވެ.
ބަޖެޓު ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރަ އާއި ހިންގުމުގެ ހަރަދުތަކަކީ ދައުލަތުގެ ބަޖެޓުން ދޭންޖެހޭ އެއްޗެއް ނޫން ކަމަށާއި، ބަޖެޓުން ކުންފުނިތަކަށް ދޭނީ ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅާ މިންވަރު އެކަނިކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބަޖެޓުގައި ހިމެނެނީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ ހަރަދުތައްކަމަށާއި، ދައުލަތުގެ މާލިއްޔަތު ގާނޫނޫނުގައި އޮންނަ އުސޫލުތަކަށް ބަލާއިރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެތެރޭގެ ހަރަދުތައް ސީދާ ދައުލަތުގެ ބަޖެޓު ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އަދި އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުގެ މުސާރަތައް ވެސް ބަޖެޓު ކުރެވިފައި ނުހުންނާނެކަން ފާހަގަކުރައްވައި ވިދާޅުވީ، ބަޖެޓުން ފެންނަން ހުންނާނީ ސަރުކާރުން އެސްއޯއީތަކަށް ކޮންޓްރިބިއުޓް ކުރަން ކަނޑައަޅާ މިންވަރު އެކަނި ކަމަށެވެ.
އެހެންކަމުން ކޮންމެ ކުންފުންޏަކުން ވެސް މުވައްޒަފުންގެ މުސާރަ ހަމަޖައްސަން ޖެހޭނީ އެ ކުންފުންޏެއްގެ އެތެރެއިން ނުވަތަ އެ ކުންފުންޏަކުން ހިންގާ މަސައްކަތްތަކުގެ ތެރެއިން މެނޭޖުކޮށްގެން ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ. މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން ޝަމްހީދު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މާލީ ހާލަތާ ގުޅުވައި ސުވާލު އުފައްދަވާފައެވެ. އެގޮތުން ޝަމްހީދު ވިދާޅުވީ އާރުޑީސީގެ އެކައުންޓުގައި ފައިސާ ނެތްކަމަށާއި، އެހެން ނަމަވެސް އެ ކުންފުނިން ބަރާބަރަށް މުސާރަ ދެމުންދާ ކަމަށެވެ.
އަދި ބަޖެޓު ސަޕޯޓެއްގެ ގޮތުގައި ނުވަތަ ލޯނެއްގެ ގޮތުގައި މަހަކު 200 މިލިއަން ރުފިޔާ އާރުޑީސީއަށް ސަރުކާރުން ދޭނަމަ، އެކަން ބަޖެޓުގެ ކޮންމެވެސް އައިޓަމެއްގެ ގޮތުގައި ފެންނަން ޖެހޭނެކަމަށް ޝަމްހީދު ވިދާޅުވިއެވެ. އާރުޑީސީން އެއް ބިލިއަނެއްހާ ރުފިޔާ މުސާރައަށް ހަރަދުކުރާއިރު އެ ފައިސާ ހޯދާ ގޮތެއް ސާފުވާން ޖެހޭނެކަމަށާއި، ބޭންކުތަކުން ލޯނު ނަގައިގެން އެކަން ކުރާނަމަ ނުވަތަ ސަރުކާރުން ދޭ ފައިސާއެއް ވާނަމަ އެކަން ހާމަވާން ޖެހޭނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ އާރުޑީސީން ވެސް ސަރުކާރުގެ އެކިއެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ހަރަދުގެ ގޮތުގައި ސަރުކާރުން ދޭންޖެހޭ ފައިސާ އެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ކެޕިޓަލްގެ ގޮތުގައި ދޫކުރާ ފައިސާ ހިމެނޭނީ ބަޖެޓުގައިކަމަށާއި، ހިނގަމުންދާ އަހަރު ދޫކުރެވުނު މިންވަރާއި ކުރިއަށް އޮތް އަހަރަށް ކަނޑައަޅާފައިވާ މިންވަރު ވެސް ބަޖެޓު ފޮތުން ސާފުކޮށް ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކެޕިޓަލްގެ ގޮތުގައި ފައިސާ ނުދޭ ހާލަތްތަކުގައި ކޮންމެ ކުންފުންޏަކުން ވެސް ކަންކަން ހަމަޖައްސަން ޖެހޭނީ އެ ކުންފުންޏަކަށް އަމިއްލައަށް ލިބޭ އާމްދަނީ ނުވަތަ އިންޓަރނަލީ ޖެނެރޭޓެޑް ރެވެނިއުގެ ތެރެއިންނެވެ. އަދި ފައިނޭންސް ހޯދުމުގެ އިހުތިޔާރުތައް ކޮންމެ ކުންފުންޏަކަށް ވެސް އޮންނާނެ ކަމަށާއި، އެ އޮޕްޝަންތައް ބޭނުންކޮށްގެން ނުވަތަ އާމްދަނީގެ ތެރެއިން މެނުވީ މުސާރަ ނުދެވޭނެކަމަށް ޒަރީރު ވިދާޅުވިއެވެ.
ރައްދުގައި ޝަމްހީދު ވިދާޅުވީ ޒަރީރު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށެވެ. އެގޮތުން އާރުޑީސީގެ ކުއާޓަލީ ފައިނޭންޝަލް ރިޕޯޓުގައި، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ކުންފުންޏަށް 60 މިލިއަން ރުފިޔާގެ ލޯނެއް ދީފައިވާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ފިނޭންސް މިނިސްޓްރީގެ އެއްވެސް ރިޕޯޓަކުން އެފަދަ ވާހަކައެއް ނުވަތަ އެ ފައިސާ ދިން ކަމުގެ ރެކޯޑެއް ފެންނަން ނެތް ވިދާޅުވި އެވެ.

