އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވަން އިއުލާނުކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށާއި، އެ ދެ ބޭފުޅުން ޕްރައިމެރީއަށް ނިކުންނެވީ ވެސް އެމަނިކުފާނުގެ ތާއީދާއެކު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ފައިސަލްއާއި އާޒިމްގެ ތާއީދުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން، ”ސަންގު ޓީވީ“ އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ކެންޑިޑޭޓުން ބައިވެރިވި މި އިވެންޓުގައި ރައީސް ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޑީޕީގެ ޕްރައިމެރީއާ ގުޅޭގޮތުން ރަސްމީކޮށް ފައިސަލް އަދި އާޒިމަށް ތާއީދުކުރެއްވީތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ، މިވަގުތު އެންމެ ފުރަތަމަ ކުރިއަށްދަނީ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ކަމަށެވެ. އަދި ރިޔާސީ ޕްރައިމެރީ އޮންނާނީ އޭގެ ފަހުންކަމަށާއި، ރިޔާސީ ޕްރައިމެރީއަށް ފައިސަލް ކުރިމަތިލައްވަން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިއީ ފައިސަލްއާއި އާޒިމްގެ ކެމްޕެއިނާއި ރަސްމީކޮށް ގުޅުންތޯއާއި، އިންތިހާބަށް ފައިސަލް ނިކުންނެވީ މަޝްވަރާ ކުރުމަށްފަހުތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ޕްރައިމެރީއަށް ކުރިމަތިލައްވަން އިއުލާނެއް ކުރައްވާފައިނުވާނެ ކަމަށެވެ.
އަޅުގަނޑު ތާއީދު. އަޅުގަނޑު ތާއީދުކޮށްގެން ކުރިމަތިލައިގެން އެތިބީ
މިހާރު ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކުގައި ފައިސަލް އަދި އާޒިމްގެ ޝިއާރަކަށް ”ޓީމު އެމްޑީޕީ“ ބޭނުން ކުރާތީ ކުރިޔަށް ގައުމީ މަޖިލިސް އިންތިހާބުގައި ވެސް، އެމަނިކުފާނު ހުންނެވީ ސީދާ އެ ޓީމާއެކުތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ތާއީދުކުރައްވާ ގިނަ ކެންޑިޑޭޓުން އެ ހަރަކާތުގައި ބައިވެރިވެވަޑައިގެން އެބަތިއްބެވި ކަމަށެވެ. އަދި ވަކިންވެސް އެމަނިކުފާނު ތާއީދުކުރައްވާ ބޭފުޅުން ތިއްބެވިކަން ފާހަގަކުރައްވައި، ޓީމުގައި ކުރިމަތިލައިގެން އުޅެނީ 200 އަށްވުރެ ގިނަ ކެންޑިޑޭޓުންކަމަށް ލަފާކުރެވޭ ކަމަށާއި، އެ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުން ހިމެނޭކަމަށް ވިދާޅުވިއެވެ.
ތަކުރާރުކޮށް ފައިސަލް، އާޒިމަށް ތާއީދުތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ، އެ ދެ ބޭފުޅުން ކުރިމަތިލައްވާނެކަން މިހާރުވެސް އޮތީ އިއުލާންކުރައްވާފައި ކަމަށެވެ. އަދި ވިދާޅުވީ ދެބޭފުޅުން ވެސް ގޮތް ނިންމީ އެމަނިކުފާނާއި އެކީ ކުރެވުނު މަޝްވަރާގެ މަތީންކަމަށެވެ. އެހެންކަމުން ދެބޭފުޅުންނަށް ފުރިހަމައަށް ތާއީދު ކުރާކަމަށް ވިދާޅުވި އެވެ.

