ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަބަ” ލިޔަން އިނގޭތޯ މަބްރޫކް! ނޫން އެބަ ލިޔަން..

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެންފެށިފަހުން، ދަޢުލަތުގެ އެކިއެކި ވުޒާރާތަކުންނާއި، ދަޢުލަތުގެ އެކި އިދާރާތަކުންނާއި،  ކުންފުނިތަކުން، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަވާ ދުވަހެއް ނާދެއެވެ. ނޫސްވެރިންގެ ބައްދަލުވުންތައްވީ އިތުރެވެ. މި ގޮތުން، ކޮންމެ ދުވަހަކު ވެސް އެންމެ ގިނައިން ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީ، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުންނެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުންތަކާއެކު، މި  ރާއްޖޭގެ ކުދިބޮޑު އެންމެންނާއި އެންމެ އެކުވެެރި ނަމަކަށްވީ، ކޮވިޑް-19 ޓާސްކު ފޯހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒުގެ ނަމެވެ. 

މި ގޮތުން، ނޫސްތަކުގެ ފަލަ ސުރުޚީތަކުން މަބްރޫކް ޖާގަ ނުހޯއްދަވާ ދުވަހެއް ނާދެއެވެ. ވާނީވެސް އެހެންނޫންތޯއެވެ. މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ކޮންމެ މީހަކު ވެސް، އެންމެ އަވަސްވެގަންނާނީ، ދެންމެވީ ކޮންކަމެއްތޯ ވެސް ބަލައިލާށެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ހާމަކުރާ އެންމެ ފަހުގެ މަޢުލޫމާތުތައް އަޑުއަހައިލުމަށެވެ.

ނަމަވެސް، މަބްރޫކްގެ ނަން ކިޔެމުން، ލިޔަމުން އަންނަ މި ދުވަސްވަރުގައި، މަބްރޫކާ ބެހޭގޮތުން ދައްކާލަންޖެހޭ ވަރަށް ވެސް މުހިންމު ވާހަކައެއް އެބައޮތެވެ. 

އާދޭހެވެ. އަޅުގަނޑު މި ދަންނަވަނީ، ސަރުކާރުން މަބްރޫކާއި މަތިކުރައްވާފައިވާ މަސްއޫލިއްޔަތު އަދާނުކުރައްވާ ވާހަކައެއް ނޫނެވެ. އަދި ކީއްތަ، އަޅުގަނޑު މި ދަންނަވަނީ، ޤައުމުގެ އެއް އަސާސް ކަމުގައިވާ “ދިވެހި ބަހަށް” އިހުމާލުވެވަޑައިގަންނަވާފައިވާ ވާހަކައެވެ. މަބްރޫކްގެ ބަސްމޮށުންތެރިކަން ހުންނެވި ގޮތުގެ ވާހަކައެވެ. އެ ބޭފުޅާ އެ ވިދާޅުވާ އެއްޗެއްގެ ސަބަބުން، މިއަދުގެ މުޖުތަމަޢުއަށް ނުރަނގަޅު މެސެޖެއްދެއްވަމުން ގެންދަވާ ވާހަކައެވެ. އެ މެސެޖުގެ ސަބަބުން، އަންނަން އޮތް ޖީލުތަކަށް އޭގެ އަސަރުކުރާނެ ވާހަކައެވެ. މަގާމުގެ ހައިސިއްޔަތުންނެވެ. ތަރުޖަމާނުވީމައެވެ.

މި ގޮތުން މަބްރޫކް ވަރަށް ގިނައިން ވިދާޅުވާ އެއްޗެއް ފާހަގަކޮށްލާނަމެވެ. “އަބަ ބަލަން” ނުވަތަ “ތި ކަންތައް އަބަ ބަލަން” މި ވިދާޅުވަނީ ކޯއްޗެއްތޯއެވެ.

އާދެ، މަބްރޫކް އެހެން ވިދާޅުވުމުން، ކޮންމެ މީހަކަށް ވެސް އެ ވިދާޅުވާން އުޅުއްވާ އެއްޗެއް ފަހުމުވާނެއެވެ. ވިދާޅުވާން އެ އުޅުއްވަނީ، “އެބަ ބަލަން” ނުވަތަ “ތި ކަންތައް އެބަ ބަލަން” ކަމުގައި ވެސް، ފަހުމުވާނޭމެއެވެ. ނަމަވެސް، “އަބަ ބަލަމޭ” ވިދާޅުވެގެން، އަނެކުންނަށް އެ ފަހުމުވިޔަސް، އެއީ ބަހުގެ ގަވާއިދާއި ހަމަތަކާއި، އުސޫލުތަކާއި، މުޅިން ޚިލާފު ގޮތެކެވެ. ހުތުރު ގޮތެކެވެ.

އެހެން ގޮތަކުން “އަބަ” އަށް ނަޒަރު ހިންގާލައިފިނަމަ އެއީ މުޅިން އެހެން އެއްޗެކެވެ. “އަބަ” އިގެ މާނައެއްކަމުގައި، ދިވެހި ބަސްފޮތް ބުނަނީ، “ވިދިވިދިގެން” ނުވަތަ “ކެނޑިނޭޅި” މި ދެ މާނައެވެ. އޭގެ އިތުރުން އައްޑޫ ބަހުރުވައިގެތެރޭގައި ހިމެނޭ، “އަބު” މި މާނައެވެ. އައްޑޫ ބަހުން މި ލަފުޒުގެ
ފުރަތަމަ މާނައަކަށް، ދިވެހި ބަސްފޮތުގައި އޮތީ، ލަކުޑި ނުވަތަ މަޢުދަންފަދަ ތަކެތިން، އެއްކޮޅު ފަތިކޮށް ހަދައިފައި އޮންނަ އެއްޗެއްކަމަށެވެ. ދެވަނަ މާނައަކަށް އޮތީ، ބައެއްތަކެތި ފޭކުރާން ނުވަތަ ބާރުކުރާން ޖަހާ އެތިކޮޅުކަމަށެވެ.

މީގެ އިތުރުން، ހައްދުންމަތީގެ ބަހުރުވައިގެ ތެރޭގައި ވެސް “އަބަ” މި ލަފުޒު ބޭނުންކޮށް އުޅެއެވެ. މި ގޮތުން ހައްދުންމަތީގައި މި ލަފުޒު ބޭނުންކޮށްއުޅެނީ، އިސްވެ މި ދެންނެވި “އަބު” ގެ މާނައިގައެވެ. ކަންމިހެން ހުރިއިރު މަބްރޫކް އެ ވިދާޅުވާ “އަބަ ބަލަން” މިއީ އެއްވެސް ހާލެއްގައި ހަމަޖެހޭ އެއްޗެއްނޫނެވެ.

ދެން ވެސް މި ފާހަގަކޮށްލަނީ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ޢާންމުގޮތެއްގައި މަބްރޫކް ވިދާޅުވާ އެއްޗެކެވެ. “ޓިކެޓް ގަންނަވައިލައިގެން” މިއީ ކޯއްޗެއްކަމަށްތޯއެވެ. އާދޭހެވެ. ޓިކެޓް ގަންނާނީއެވެ. ނުވަތަ ބައްލަވައިގަންނަވާނީއެވެ. ނޫންނަމަ ޓިކެޓް ނަންގަވައިގެން ތިއްބެވި ބޭފުޅުންނޭ ވެސް ދެންނެވިދާނެެއެވެ.

އެހެންކަމުން “ޓިކެޓް ގަންނަވައިލައިގެން” މިއީ ވެސް ބަހުގެ ހަމައާއި މުޅިން ޚިލާފުގޮތެކެވެ. “ގަންނަވައިލުން” މިއީ ޓިކެޓު ގަތުމަށް މާތްބަހުން ނުވަތަ ދިވެހި ބަހުގެ އެއްވެސް ދަރަޖައެއްގައި ބޭނުންކުރާ ގޮތެއްނޫނެވެ. އަދި ކީއްތަ، “ގަންނަވައިލުން” މާނައެއްކަމުގައި ވަނީ،  ކޮށްޕައިލުމާއި، ވައްދައިލުމެވެ. މި ގޮތުން ބަލާއިރު، “ޓިކެޓް ގަންނަވައިލައިގެން” މި ގޮތަށް ބޭނުންކުރެވޭނެ އެއްވެސް ހަމައެއް އެބައޮތްތޯއެވެ.

ހަމައެއާއެކު ދެން ވެސް މި ފާހަގަ ކޮށްލަނީ، ވަރަށް ވެސް ގިނައިން މަބްރޫކް ވިދާޅުވާ އެއްޗެކެވެ. “ތިޔަ ދެންނެވި އެއްޗެއް ސާފެއްނުވި” ނުވަތަ، “ތިޔަ ދެންނެވި ސުވާލު އަދި އެއްފަހަރު” މިފަދަ ގޮތްގޮތަށް ވިދާޅުވުމަކީ މަބްރޫކްގެ އާދައެކެވެ.

ނަމަވެސް، އެއީ ރަނގަޅުގޮތެއް ނޫނެވެ. ދިވެހި ބަސް ދަރަޖަކޮށްފައިވާ ގޮތަށް ބެލިޔަސް، މަބްރޫކް އެ ވިދާޅުވާ ގޮތެއް އެއްވެސް ހަމައަކުން ރަނގަޅެއްނޫނެވެ. އެހެންކަމުން މަބްރޫކް އެ ވިދާޅުވާ ގޮތުގެ ރަނގަޅު ގޮތަކީ، “ތިޔަ ވިދާޅުވި އެއްޗެއް ސާފެއްނުވި” ނުވަތަ “ތިޔަ ބުނުއްވި  އެއްޗެއް ސާފެއްނުވި” ނޫންނަމަ “ތިޔަ ބުނި އެއްޗެއް ސާފެއްނުވި” މިހިރަމިހިރަ ގޮތްގޮތަށެވެ.

އާދޭހެވެ. އަނެކުންނާއި މުޚާޠަބުކުރުމުގައި، އަޅުގަނޑު ދަންނަވާނީއެވެ. ތިޔަ ބޭފުޅުން ވިދާޅުވާނީއެވެ. ނުވަތަ އަޅުގަނޑު ނަންގަންނާނީއެވެ. އަދި ތިޔަ ބޭފުޅުން ބުނުއްވާނީއެވެ.

ކަންމިހެން ހުރިއިރު، މިހިރަމިހިރަ ކަންކަމަކީ އަޅުގަނޑުމެން ވިސްނައިލަންޖެހޭ ކަންތައްތަކެވެ. އެ ކަންކަމާމެދު ފުންކޮށް ފިކުރު ހިންގާންޖެހޭ ކަންކަމެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި، ދިވެހިންގެ ފަޚުރެވެ. ދިވެހިންގެ ޝަރަފެވެ. ދިވެހިންގެ ޚާއްސަގޮތެވެ.

އެހެންކަމަށްވުމާއެކު، ބަހަށް ލިބޭ މިފަދަ އުނިކަންކަން ނުވަތަ ފޫނެބެދޭވަރުގެ ގެއްލުންތަކުން “ބަސް” ރައްކާތެރިކުރަން ޖެހެއެވެ. ޚާއްސަގޮތެއްގައި، ދިވެހި ސަރުކާރުން މިކަމަށްޓަކައި ޚާއްސަ ސަމާލުކަމެއްދޭންޖެހެއެވެ.

އަޅުގަނޑު މި ވާހަކަތައް މިހެން ދަންނަވާއިރު، ބަހުގެ ޢިލްމު ލިބިވަޑައިގެންފައިވާ ބޭބޭފުޅުން ވެސްވަނީ، އެކިސިފަސިފައިގާ، އެކި މިންވަރަށް މަބްރޫކަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ނަމަވެސް، އަދިއެއް އިސްލާހެއްނުވެއެވެ.

ރައީސް އޮފީހުގެ “އަންޑަރސެކްރެޓަރީ އޮފް ކޮމިއުނިކޭޝަންސް” ގެ މަޤާމުގައި ހުންނަވާ ބޮޑު ތަރުޖަމާނަކަށް ތަރުޖަމާނެއް ބޭނުންވީމާ ކަމަކުނުދާނެއެވެ. އިސްލާހްކޮށްލާށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: