ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އެއްޗެއް ގެނައުމުންވީ ހަމަ އެއްވެސް ފައިދާއެއް ނެތެވެ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް ނަޒަރު ހިންގާލާއިރު އުފެދޭ ސުވާލަކީ ޑިމޮކްރަސީ، ދިވެހިންނަށް ހޯދައިދިނީ ގެއްލުންތޯ؟ ނުވަތަ ފައިދާތޯ؟ މިއީ މިއަދު އުފައްދަން ޖެހިފައިވާ ސުވާލެކެވެ. ހާއްސަކޮށް ރާއްޖޭގައި ކޮންމެ އިންތިހާބަކާ ދިމާކޮށް ޑިމޮކްރެސީގެ ފޮތިތައް ދަމައި ހައްގުތަކުގެ ވާހަކަ ދެއްކުމަކީ މިކިޔާ ޑިމޮކްރެސީއަކާ މެދު ވިސްނަން ޖެހޭ މައިގަނޑު އެއްސަބަބެވެ.

 ޝައްކެއްވެސް ނެތެވެ. މިނިވަން ކަން ހަމަ ކޮންމެ އިންސާނަކުވެސް ބޭނުންވާނެއެވެ. އެއީ އިންސާނާގެ އަސާސީ ޙައްޤެކެވެ. ވުމާއެކު ވެރިކަމެއް ކުރުމަށް އެންމެ ރަނގަޅު ނިޒާމަކަށްވެސް ވާނީ އެ މިނިވަންކަން އެންމެ ފުރިހަމަޔަށް ހޯދައިދޭ ނިޒާމެކެވެ. ޑިމޮކްރަސީ އަކީ މި މަޤުޞަދުގައި ޔޫނާނުން ތަޢާރަފުކުރި ވެރިކަމުގެ ނިޒާމެކޭ ބުނާތީ އަޑުއަހަމެވެ. މި ނިޒާމު ބަދަލުވަމުން ތަރައްޤީވަމުން އައިސް މިއަދު މިވަނީ ” ފައްކާ ” ވެފައެވެ. އެހެން ނަމަވެސް މިފައްކާ ނިޒާމު ގަތުމަށް އަޅުގަޑުމެން ދިވެހިން ދިން އަގަކީ މިޔާ އެންމެ އެކަށީގެންވާ އަގު ބާވައޭ އަޅުގަމޑުގެ ހިތައްއަރައެވެ.

އަނެކުންނަށް ކުރާ އިޙުތިރާމެވެ. ލަދުވެތިކަމެވެ. ތިމާއާއި އެއްވަރަށް އަނެކާއަށް ލިބެންޖެހޭ ޙައްޤުތަކެވެ. އަނެކާގެ ޢިއްޒަތާ ކަރާމާތެވެ. ކުރުކޮށް ދަންނަވާނަމަ ” ރިވެތި އަޚުލާޤު ކަމުގައި ހިމެނޭ ހުރިހާކަމެއް ” އަޅުގަނޑުމެން މިތިބީ އޭގެ އަގަކަށް ދީގެންނެވެ. ބަދަލުގައި ލިބުނީކޯއްޗެއްތޯ ވިސްނާލީ ކިތައް މީހުންބާވައޭ އަޅުގަނޑިގެ ހިތައްއަރައެވެ.

މިއަދު ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މި ޑިމޮކްރަސީ ހޯދައިދިން މިނިވަންކަމާއެކު ޙަރަކާތް ތެރިވާތަނެވެ. އަނެކާ ބަދުނާމުކޮށް އަގުވައްޓާ ލުމާއި، ދޮގު ވާހަކަ ދެއްކުމާއި، މުޖުތަމަޢުގައި ބައިބައިވުން އުފެއްދުމާއި ތިމާގެ މޮޅުވާހަކަ ދެއްކުމުގައި އަވަދިނެތި ޙަރަކާތްތެރިވާ މަންޒަެރެވެ. ތެދާއި ދޮގު، އަސްލާއި ވަހުމް އޮޅުވާލުމާއިގެން މަޝްޣޫލް ވެފައިވާތަނެވެ. މާދަމާގެ ދަރިން މިއަދުގެ ތާރީޚު ދިރާސާކުރާއިރު އޮޅުންބޮޅުންބޮޑު ޖަންގައްޔެއްގެ ތެރެއަށް ވަންނާނެވަރު ތަސައްވަރުކުރެވޭ ސިކުނޑިއެއް މިޤައުމުގައި ވޭބާވެއޭ ހިތައްއަރައެވެ. އެއްކަމެއްގެ ވާހަކަ އެތައް ގޮތަކަށް ލިޔެ ޙަޤީޤަތް އޮޅުވާލާއިރު، އެއީވެސް ޑިމޮކްރަސީ ގެނެސްދިން މިނިވަންކަމޭ ބުނާ މީޙުން ވެސް މަދެއް ނޫނެވެ.

މިކަންކަމާމެދު ވިސްނާލުމުން ޤައުމުގެ ތާރީޚަށްވެސް މި “ޑިމޮކްރަސީ”، ޚިޔާނާތްތެރިވަނީއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ޒަމާނީ ޑިމޮކްރަސީ މިޤައުމަށް ފުންމާލީ ދާދި މިދާކަށް ދުވަހުއެވެ. އަދި ފައިން ލޮނުވެސް ހިކުނުހެނެއް ހީއެއް ނުވެއެވެ. އެކަމަކު ތިންލައްކައެއްހާ މީހުންއުޅޭ މިޤައުމުގައި ކޮންމެ އިނގިއްޔަކަށް ސިޔާސީ ޕާޓީ އޮތްފަދައެވެ. ކޮންމެ ޕާޓީއަކުންވެސް މަސައްކަތްކުރަނީ ތިމާމެން މަތިފަޑިޔަށް އަރައި ދެންތިބިމީހުން ގަންބާލައި ” ކަރުބުޑުގައި ހިތިރަހަ ލައްވާލެވޭތޯ” އެވެ.

މިއާ ގުޅިގެން މިހާރު ފެތުރިގެން ގޮސްފައިވާ ބިރުވެރި ކަމަކީ ސިޔާސީ ޕާޓީ ތަކުން އެ ޕާޓީތަކުގެ މަޤްޞަދު ޙާޞިލްކުރުމަށް ގޭންގުތަކުގެ ބޭނުން ހިފާކަމެވެ. ކުށްކުރުން ހުއްޓުވުމަށް އެންމެ އިސްރޯލެއް އަދާކުރަންތިބި މީހުން، ފައިސާ ދީގެން ކުށް ކުރުވަނީއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. “ޑިމޮކްރަސީގެ ހުތުރުކަމުގެ ” ހައްދެއްވެސް ނެތީއެވެ. 

އެހެން ނަމަވެސް ޑިމޮކްރަސީ އަކީ ވެރިކަން ކުރުމަށް އޮތް އެންމެ ފުރިހަމަ ނިޒާމު ކަމުގައި ވަކާލާތުކުރާ މީހުން ވަރަށްވެސް ގިނަވާނެއެވެ. ބޮޑެތި ޖަމުޢިއްޔާ ޖަމާޢަތްތަކެވެ. ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކެވެ. އެހެންކަމުން މި ނިޒާމަކީ ގޯސް ނިޒާމެކޭ ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް މިނިޒާމުގެ ސަބަބުން ދިވެހިންނަށް ލިބުނު ފައިދާއާއި ގެއްލުން އަޅާބަލައިފިނަމަ ބުރަވާނީ ގެއްލުމުގެ ކޮޅަށް ކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ ޑިމޮކްރަސީގެ ބޭނުން ނަހަމަގޮތުގައި ބަޔަކު މީހުން ހިފާތީއެވެ. އަނެކުންނަށް ކަމޭހިތުމާއި އޯގާތެރިވުން ކަފުންކުރީތީއެވެ. ބަހުންނާއި ޢަމަލުން އަނެކުންގެ ޙައްޤުތަކަށް އަރައިގަންނާތީއެވެ. ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަ ދެއްކުމުގައި އިންތިހާ ދަރަޖައިގެ ” ތަރައްޤީ ” ހޯދާފައި ވާތީއެވެ. ބޮޑެތި ކުށްކުރުމަށް ހިތްވަރުދީ އެހީތެރިވާތީއެވެ. މިހެން ގޮސް އެތައް ކަމެކެވެ.

 ދިވެހިންގެ އުޞޫލަކީ ހެދޭގޯހާމެދު ހިތާމަކުރުމެވެ. ގޯހެއް ހެދިދާނެކަމަށް ވިސްނައި ދުރާލާ ފިޔަޅު އެޅުމަކީ މަދުން ނޫނީ ދިވެހިން ނުކުރާ ކަމެކެވެ. ޑިމޮކްރަސީ އަކީ ކޮންއެއްޗެއްކަން އެނގޭ މީހުންނަށްވުރެ ނޭނގޭ މީހުން މިޤައުމުގައި އަދިވެސް މާގިނަވާނެއެވެ. އެހެން ނޫންނަމަ އެންމެ ފުރަތަމަ “ޕާޓީ” އެކޭ ނުބުނާނެ. ” އެވެ. މަގޭ ޕާޓީން ހިކަންޖެއް ކުރިމަތިލިޔަސް މަ ހޮވާނީ އޭނާ”އެކޭ ނުބުނާނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: