ވަރަށް ވެސް ބޮޑު ސުވާލެކެވެ. މި ޤައުމުގައި ތިއްބެވީ ސިޔާސީ ލީޑަރުންތޯ، ނުވަތަ ސިޔާސަ ލީޑަރުންތޯއެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށް އަޅުގަނޑު އެންމެ ފުރަތަމަ ވެސް ޖެހިލާނީ، ”ސިޔާސީ“ އަކީ ކޯއްޗެއްތޯއާއި، ”ސިޔާސަ“ އަކީ، ކޯއްޗެއްތޯ ބަލައިލުމަށެވެ. ސިޔާސީ އަކީ، ޤައުމުގެ ކަންތައްތައް އިންތިޒާމުކުރުމާގުޅޭ ނުވަތަ ސިޔާސަތާގުޅޭ ކަންކަމެވެ. ސިޔާސަތަކީ، ފަރުދަކު ނުވަތަ، ޖަމާޢަތަކުން ނޫންނަމަ ސަރުކާރަކުން، އެ އުސޫލުތަކަށް ތަބާވެ ޢަމަލުކުރާ އުސޫލުތަކެވެ. ސިޔާސައަކީ، ބަސް ޤަބޫލު ނުކުރުމެވެ. ގަދަފަދަކަމާއި އާރާއި ބާރު ދެއްކުމެވެ. ހަމައެހެންމެ ”ލާނެތްކަން“ މިއީ ވެސް ސިޔާސައިގެ މާނައެކެވެ.
ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިލުމުން އަސްލު ސިޔާސީ ލީޑަރުންނަކީ، ކޮބައިކަން ފެނިގެންދެއެވެ. މިހެން މި ދެންނެވީ އިސްލާމީ ޤައުމުތައް ފިޔަވައި، ޣައިރު ދީނަށް ތާއީދުކުރުމުގެ ގޮތަކުންނޫނެވެ. އަދި ކީއްތަ، އެބައިމީހުންނަކީ، އިސްލާމުންނޫން ކަމުގައިވިޔަސް ޤައުމާއި ރައްޔިތުންދެކެ ލޯބިވެއެވެ. ޤައުމުގެ ކުރިމަގަށް ކުރެވެން އޮތީ ކޮންކޮން ކަންތައްތަކެއްތޯ ބަލައި ރޭވުންތެރިކަމާއެކު ކުރިއަށް ދަތުރުކުރެއެވެ. ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަކީ ކޮބައިތޯ ބަލައި، އެ ބޭނުންތައް ފުއްދައިދެއެވެ. އުފަންވި ފަސްގަނޑު ކުޑަކުޑަ އަގަކަށް، އެހެން ބަޔަކަށް ވިއްކައިލާކަށް ބޭނުމެއްނުވެއެވެ. އަދި ކީއްތަ، އެފަދަ ޤައުމުތަކުގައި އޮންނަ ސަރުކާރަކަށް، އެ ޤައުމެއްގެ އިދިކޮޅު ޕާޓީއަކުން ފާޑުކިޔުންތައް އަމާޒުކުރިނަމަވެސް ސާބިތުކަމާއެކު ބަލައިގަނެއެވެ. ނަމަވެސް ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށްވެފައި، މިއިން އެއްވެސްކަމެއް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވޭތޯއެވެ. ސަރުކާރުން އިދިކޮޅަށް، އިދިކޮޅުން ސަރުކާރަށް، ނުވަތަ އެއްޕާޓީން އަނެއްޕާޓީއަށް ފާޑުކިޔުމުން އެ ބަލައިގަނެވޭތޯއެވެ. ސިޔާސީ ލީޑަރުންގެ ނަމުގައި އުޅުއްވާ ބޭފުޅުންނަށް، ހަޖަމުކުރެއްވޭތޯއެވެ.
އެމެރިކާގެ ޕޮލިޓީޝިއަން އަދި ލޯޔަރު ހިލަރީ ކްލިންޓަން ވިދާޅުވީ ކީކޭތޯއެވެ. އާދެ، ސަރުކާރެއް ހިންގުމަށްޓަކައި ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮންނަންޖެހޭކަމަށެވެ. ތެދުފުޅެއްމެއެވެ. އެއިރެއްގަ އޮންނަ ސަރުކާރަކަށް ފާޑުކިޔާނެ ހަރުދަނާ ޤާބިލް ސިޔާސީ ޕާޓީއެއް އޮންނަން ޖެހެއެވެ. ގައުމު ހަމަ މަގަށް އަޅުވައި، ކުރިމަގު ބައްޓަންކުރުމަށްޓަކައި، އެފަދަ ސިޔާސީ ޕާޓީއެއްގެ ބޭނުން ނުހަނު ބޮޑެވެ.
ނަމަވެސް، ދިވެހިރާއްޖޭގެ ހާލަތަކީ ކޮބައިތޯއެވެ. މި ރާއްޖެއިން ފެނިގެން މިދަނީ ސިޔާސީ ލީޑަރުންތޯ ނުވަތަ ސިޔާސަ ލީޑަރުންތޯއެވެ. ނުވަތަ ސިޔާސީ ޕާޓީތޯ، ނުވަތަ ސިޔާސަ ޕާޓީތޯއެވެ. މިހެން ނުދެންނެވޭ ވަރެއްނޫނެވެ. އަބަދުވެސް ފެންނަނީ، އެއްބޭފުޅަކު އަނެއްބޭފުޅަކަށް ފުރައްސާރަ ކުރައްވާ މަންޒަރެވެ. އެއްޕާޓީއަކުން އަނެއް ޕާޓީއަކަށް ހަޖޫޖަހާ މަންޒަރެވެ. މި ފަހަކަށް އައިސް ރާއްޖެއިން ފެނުނު ސިޔާސީ ލީޑަރުންގެ ޢަމަލުތައް ހުރީ އެހެންނެވެ.
ފަހުގެ ތާރީޚެއްގައި ފެނިގެން މިދަނީ އެފަދަ މަންޒަރުތަކެވެ. މި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ޢަމަލުފުޅުތައް ހުންނަވާ ގޮތުން، ބައެއްފަހަރު އެއީ ސިޔާސީ ލީޑަރެއްތޯއޭ ހީވާ ފަހަރު ވެސް ދަނީ މަދެއްކޮށެއްނޫނެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާތެރެއިން ފެންނަ މަންޒަރުތަކަކީ ވެސް، މި ވާހަކަތަކަށް ލިބޭ އިތުރު ބުރުހާނެކެވެ. ސިޔާސީ ލީޑަރުންނަކީ، ނުވަތަ ސިޔާސީ ބޭފުޅުންނަކީ، ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުން އެއްކިބާކޮށްފައި، މަޖިލީހުގެ އިދާރާގައި ޖަރީމާ ހިންގަވަންޖެހޭ ބޭފުޅުންތޯއެވެ. ނުވަތަ މަޖިލިސްތެރޭގައި ހުންނަ ގޮނޑި މޭޒު ފަދަ ތަކެތީގެ މައްޗަށް އަރުއްވައި، ފިތުނަފަސާދަ އުފައްދަވަންޖެހޭ ބޭފުޅުންތޯއެވެ. ނުވަތަ ރައްޔިތުން މަޖިލީހުގެ ރައީސްއަކީ، މަޖިލީހުގައި މާރާމާރީއެއް ހިނގަމުންދާއިރު، ބޮލުން އިޝާރާތްކުރައްވަން އިންނަވަންޖެހޭ ބޭފުޅެއްތޯއެވެ. ސިޔާސީ ލީޑަރުންނަކީ، ދެން ތިއްބެވި ބޭފުޅުން ފްރޭމްކޮށްގެން ތޭރިތަކުގެތެރެއަށް ފޮނުވައިލައްވަން ތިއްބަވާ ބޭފުޅުންތޯއެވެ. ނުވަތަ އަނިޔާކުރުމަށް އެހެން ބޭފުޅުންނަށް އަމުރުކުރައްވަން ހުންނަވާ ބޭފުޅުންތޯއެވެ. ނޫންނަމަ ސިޔާސީ ލީޑަރުންނަކީ، ރައްޔިތުންގެ ކުރިމަތީގައި، ކުޅިވަރުކުޅުއްވަން ތިއްބަވާ ބޭފުޅުންތޯއެވެ.
ވޭތުވެދިޔަ ތަނުގައި، ސިޔާސީ ލީޑަރުންގެ ގޮތުގައި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އެ މަނިކުފާނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ފެނިގެން ހިނގައްޖެއެވެ. މިނޫނަސް ނަން މަޝްހޫރުވި އެތައް ލީޑަރުންނެއް ފެނިގެންދިޔައެވެ. ނަމަވެސް އޭގެތެރެއިން، ސިޔާސީ ލީޑަރުންނާއި، ސިޔާސަ ލީޑަރުންނަކީ އޮޅޭ ހިސާބަށް ހިނގައްޖެއެވެ. ހަމަގައިމުވެސް އެ ހަރުދަނާކަމެއް، އެ ޤާބިލްކަމެއް، އެ ހިތްވަރެއް، އެ އިޚުލާޞްތެރިކަމެއް ހުރި ބޭފުޅެެއްްނެތެވެ.

