ކ.ހުރާގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަަސައްކަތްތައް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ހާމަކުރިގޮތުގައި، ހުރާގެ ބިން ހިއްކުމުގެ މަސައްކަތްތައް ނިންމާލާފައިވަނީ، މާޗްމަހުގެ 25 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، ހުރާގެ ފަޅުން 23 ހެކްޓަރު ހިއްކާފައިވާކަމަށާއި، 1626 މީޓަރުގެ ރިވެޓްމެންޓް މަސައްކަތްކޮށްފައިވާކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މީގެއިތުރުން، 152 މީޓަރުގެ ބްރޭކް ވޯޓާ އަޅާފައިވާކަމަށް ވެސް އެމްޓީސީންވަނީ ހާމަކޮށްފައެވެ.
2018 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުގައި، އެމްޓީސީސީއާއި ހަވާލުކޮށްފައިވާ، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސައް 33.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން، ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް 71 މިލއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި މަޝްރޫޢުއަށް ޖުމްލަ 105 މިލއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
އެމްޓީސީސީގެ މި މަޝްރޫޢު ނިމިފައިވާއިރު، އެ ކުންފުނިން އަންނަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި، ބޮޑެތި މަޝްރޫޢުތައް ހިންގަމުންނެވެ. މި ގޮތުން، ހއ.ހޯރަފުށީގައި ތަރައްޤީކުރަން ފަށާފައިވާ، ވައިގެ ބަނދަރުގެ 83 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ހަމައެއާާއެކު ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި، 30 އެނދުގެ ވާރޑް ޢިމާރާތެއް އެޅުމާއި، އޯޕީޑީ ސަރަހައްދު މަރާމާތުކުރުމާއި، ހޮސްޕިޓަލުގެ މައި ޢިމާރާތާއި، އޮފީސް ޢިމާރާތާއި، އުފަން ހިޔާ ވޯކްވޭ އަކުން ގުޅުވައިލުމުގެ އިތުރުން، ލެބޯޓްރީ އަޕްގްރޭޑްކުރުމަށްޓަކައި އުފަންހިޔާއަށް ބަފަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، ތާރުއަޅައިގެން ހަދަމުން އަންނަ އައްޑޫ ސިޓީގެ ހުޅުދޫ/މީދޫގެ ބޮޑުމަގުގެ މަސައްކަތްތަކުގެ 80 ޕަސެންޓްގެ މަސައްކަތް ނިމިފައިވާއިރު، އަންނަ އޯގަސްޓު މަހުގެ ނިޔަލަށް އެ މަސައްކަތްތައް ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

