ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 22 ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 22 ޕޮޒިޓިވްވެފައިވާކަމަށެވެ.
މި ގޮތުން، ހޮނިހިރުދުވަހުގެ 18:00އިން ފެށިގެން، މިއަދުގެ 18:00 އާއި ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެތެރޭގައި ހިމެނެނީ، 09 ދިވެހިންނާއި، ބަންގްލަދޭޝްގެ 09 މީހުންނާއި، ނޭޕާލްގެ 02 މީހުންގެ އިތުރުން، އިންޑިއާ މީހަކާއި ތައިލެންޑްގެ މީހެއްކަމަށް އެޗްޕީއޭއިން ރިޕޯޓްކޮށްފައިވެއެވެ.
އެޗްޕީއޭގެ ޑޭޝްބޯޑުގައި ވާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެތެރޭގައި، 83 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން، 92 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ރިޕޯޓުކުރި ގޮތުގައި، ކޮވިޑް-19 ޖެހިގެން ފަރުވާހޯދަމުންއައި އިތުރު 94 މީހަކަށް ޝިފާ ލިބިފައިވާކަމަށާއި، ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 1311 އަށް އިތުރުވެފައިވާކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. އަދި އެކްޓިވްކޭހުގެ އަދަދަކީ މިހާރު 714 ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް މިވަނީ، 2035 އަށް އިތުރުވެފައެވެ. މީގެ އިތުރުން، 341 މީހަކު ކަރަންޓީނު ފެސިލިޓީތަކުގައި ތިބިއިރު، 462 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިކަމަށް އެޗްޕީއޭއިންބުނެއެވެ.
ކޮވިޑް-19 އިގައި މިހާތަނަށް ރާއްޖެއިން 8 މީހުން ނިޔާވެފައިވެއެވެ. އޭގެތެރެއިން 04 މީހުންނަކީ ދިވެހިންކަމަށްވާއިރު، ދެން ނިޔާވެފައިވަނީ، ބަންގްލަދޭޝްގެ 04 މީހުންނެވެ. މި ގޮތުން ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ، 83 އަހަރުގެ އަންހެނަކާއި، 80 އަހަރުގެ ފިރިހެނަކާއި، 88 އަހަރުގެ ފިރިހެނެއްގެ އިތުރުން، 89 އަހަރުގެ އަންހެނެކެވެ.
ބަންގްލަދޭޝްއިން ނިޔާވެފައިވަނީ، 54 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެއްގެ އިތުރުން، 38 އަހަރުގެ މީހެކެވެ.
ކޮވިޑް-19 އިގެ ނުރައްކާތެރިކަމުގެތެރެއިން ރާއްޖެއިން 2035 މީހަކު ޕޮޒިޓިވްވެ 08 މީހަކު ނިޔާވިކަމުގައި ވިޔަސް، ވައިރަހުގެ ނުރައްކާތެރިކަން ދަނީ، އަދިވެސް އިތުރުވަމުންކަމަށް ސައިންސްވެރިން ބުނެފައިވެއެވެ. މި ގޮތުންް ބަލާއިރު، ވޭތުވެދިޔަ ދެތިންދުވަހެއްގެތެރޭގައި، ދުނިޔޭގެ ކަންކޮޅުތަކުން ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ. މުޅި ދުނިޔެއިން މިހާރު،ޖުމްލަ 7,939,988 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، ޖުމްލަ 433905 މީހަކު މިހާރުވަނީ ނިޔާވެފައެވެ. އޭގެތެރެއިން ރަނގަޅުވެފައިވަނީ، 4,078,668 މީހުންނެވެ.

