ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ހޮސްޕިޓަލުގައި އެޑްމިޓު ކުރުމަށްފަހު މިހާރު ދޫކޮށްލައިފިއެވެ.
ޑީޖީ މައިމޫނާ އާލާސްކަންފުޅާއި އުޅުއްވާތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދޭން ފަށާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތައް ފެތުރެމުންނެވެ. މި ވާހަކަތަކާއި ގުޅިގެން ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެގެ ވަގުތެއްގައި މައިމޫނާ ހޮސްޕިޓަލުން ފަރުވާ ހޯއްދެވި ކަމަށެވެ. އަދި ކުޑަވަގުތުކޮޅަކަށް އޮބްޒަވޭޝަންގައި ބޭއްވުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ
މައިމޫނާއާއި ހަވާލާދީ މަބްރޫކް ވިދާޅުވީ، އެއީ ކޮވިޑާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި މައިމޫނާގެ ހާލުކޮޅު ރަނގަޅުކަމަށްމަބްރޫކްވި ދާޅުވިއެވެ.
މައިމޫނާގެ ހާލުކޮޅާއި ގުޅޭގުޅޭގޮތުން އިތުރު ތަފްސީލެއް މަބްރޫކް ނުދެއްވައެވެ. ނަމަވެސް ވިދާޅުވީ އެޑްމިޓު ކުރީ ސީރިއަސް ހާލަތެއް ދިމާވެގެން ނޫން ކަމަށެވެ.
މައިމޫނާއަކީ ކޮވިޑުގެ ސަބަބުން އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އިއުލާނުކޮށް ތަންފީޒު ކުރަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފިޔަވަޅުތަކާއި ގުޅޭގޮތުން ބޮޑެތި ނިންމުންތައް ނިންމާ ފަރާތެވެ. މި މުއްދަތުގެ ތެރޭގައި ރަށްތަކާއި ގެތައް މޮނީޓަރިންގެ ހާލަތަށް ގެނައުން އަދި ހާލަތަށް ގެންނަ އިތުރު ބަދަލުތައް ނިންމަވާނީ އެކަމަނާއެވެ.
ބައްޔާއި ގުޅިގެން އަޅަންޖެހޭ ޖެހޭ ހުރިހާ ފިޔަވަޅަކީ ވެސް މައިމޫނާގެ ބެއްލެވުމުގެ ދަށުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެވެ.

