ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު ވެލިދޫން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، މި މަހުގެ 19 ވަނަ ދުވަހުގައި، ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު ވެލިދޫން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ މީހެއްކަމަށާއި، އެ މީހާ އުޅެމުންދިޔަ ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 20 ލީޓަރުގެ ހަމެއްގެ އިތުރުން، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި ގޮތުން ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު ވެލިދޫން މީހަކު ހައްޔަރުކޮށްފައިވާއިރު، މާލޭ ސިޓީން ފުރައިގެން މަގޫދޫއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި މަހުގެ 19 ވަނަ ދުވަހު ހެނދުނު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ފުލުހުންވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، މަގޫދޫ ބަނދަރު ސަރަހައްދުން، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު، އެ މީހާގެ އަތުގައި އޮތް ކޮތަޅެއްގެތެރެއިން ވަނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ފަދަ އެއްޗެއް އަޅާފައިހުރި ޕެކެޓެއް ފެނިފައެވެ. މީގެ އިތުރުން، މި މަހުގެ 18 ވަނަ ދުވަހުގައި ފުލުހުންގެ އިންޓެލިޖެންސާއި، ނައިފަރުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިވެސް ވަނީ، 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

