ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ހާލަތުގައި އެއްވެސް ބަޔަކަށް އެއްވުމެއް ބޭއްވުމުގެ ފުރުސަތެއް ނުދެވޭނެ: ފުލުހުން

ނަވާނަވައިއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ/ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ މިހާލަތުގައި މާލެ ސަރަހައްދުގައި އެއްވެސް ބަޔަކަށް އެއްވުމެއް ބޭއްވުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑުގެ މިހާލަތުގެ ތެރޭގައި އެއްވެސް އެއްވުމެއް ބޭވުމަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފައިވަނީ، މަޖިލީހުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ސިޔާސީ ހަރަކާތްތައް ހިންގާ ޖަމިއްޔާއެއްކަމަށްވާ ”ނަވާނަވައި“ މުޒާހަރާ ކުރުމަށް ނިންމާފައިވަނިކޮށެވެ.

މާލީ ޙާލަތު ދަށްވެ ރައްޔިތުންނަށް ގެއްލުންތަކެއް ވަމުންދާއިރު، މަޖިލީހުގެ މިސްރާބު ކުރީ އެހެން ދިމާލަކަށްކަމަށް ބުނެ އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް އެ ޖަމިއްޔާއިން ރާވާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާނީ ހެނދުނު 09:00 ޖަހާއިރުއެވެ.

ނަވާނަވައިއިން ”މަޖިލީސް ހޭލައްވާ“ ގެ ނަމުގައި އެ ހަރަކާތަށް ނިކުންނަނީ ކޮވިޑުގެ ތެރޭގައި، އާއްމުން ގެތަކުން ނެރެލާ މައްސަލަތަކާއި އަދި ކުލި ކޮންޓްރޯލް ކުރުމަށް އެއްވެސް މަސައްކަތްތަކެއް މަޖިލީހުން ނުކުރާކަމަށް ބުނެއެވެ. އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވެސް މެމްބަރުން އެއްވެސް މަސައްކަތްތަކެއް ނުކުރާކަމަށް ނަވާނައިން ގެންދަނީ ބުނަމުންނެވެ.

ދިވެހި ރާއްޖޭގައި އިއުލާނުކޮށްފައިވާ، ސިއްހަތާއި ބެހޭ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އާއްމު ތަންތަނަށް އެއްވުމަކީ މަނާކަމެއްގެ ގޮތުގައި ފާހަގަކޮށް ފުލުހުން ބުނެފައިވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިކަމާއި ގުޅިގެން ލިޔުމެއް އާއްމުކޮށް ފުލުހުން ބުނެފައިވަނީ ލޮކްޑައުންގެ ލުއިތަކުގެ ދެވަނަ މަރުހަލާގައި ވެސް އާއްމު ތަންތަނަށް ގިނަ މީހުން އެއްކޮށް އެއްވެ އުޅުން މަނާވާއިރު އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނައިން ބޭރުގައި އުޅުމަކީ މަނާ ކަމެއް ކަމަށެވެ.

https://twitter.com/PoliceMv/status/1274225147918999552

އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ، މިހާލަތުގައި އެންގުންތަކާއި ހިލާފުނުވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސް ކުރުމާއި ގުޅިގެން، ނަވާނައިގެ ސްޕޯކްސްޕާސަން ފާތިމަތު ސާއިރާ ވިދާޅުވެފައިވަނީ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކުރިޔަސް އެ ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ. ކޮވިޑާއި ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ސާއިރާ ވަނީ މީގެ ކުރިން ވެސް އަޑު އުފުލާފައެވެ. އޭގެ ތެރޭގައި ކުއްޔަށް ހައްލެއް ގެނައުން ހިމެނެއެވެ.

ސާއިރާކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި، އާމްދަނީއެއް ނުލިބުމުގެ ސަބަބުން އެއްވެސް ހަރަދެއް ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުން އެކަމަށް ހައްލެއް ގެނައުމުގެ ބަދަލުގައި ފެންނަނީ ސިޔާސީ ވާދަވެރިންގެ ކަންކަމުގައި އުޅޭ މަންޒަރުކަމުގައި އޭނާ ވިދާޅުވިއެވެ.

https://twitter.com/FSaaira/status/1274338325462056960

މި މުޒާހަރާ ކުރިޔަށް ގެންދާނީ ކޮވިޑުން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް މާސްކުއަޅައިގެންކަމަށް އޭނާ ފާހަގަކުރިއެވެ.

ނަވާނަވައި އަކީ އާއްމު އިޖްތިމާއީ މައްސަލަތަކާއި ދެކޮޅަށް އަޑުއުފުލާ ޖަމިއްޔާއެކެވެ. އަދި އެކަންތަކާއި ގުޅިގެން ސަރުކާރުންނާއި ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކަށް ނަވާނައިން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރެއެވެ.

ނަވާނަވައި މީގެ ކުރިން ވެސް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ކުރިން ކޯލިޝަންގެ ލީޑަރުން ހޮޓެލް ޖެންގައި ނޫސްވެރިންނާއި ބައްދަލު ކުރައްވަނިކޮށް އެތަނުގައި މުޒާހަރާ ކުރިޔަށް ގެންދިޔަ ޖަމިއްޔާއެވެ. އޭރު ނަވާނައިން މުޒާހަރާ ކުރީ ”ގައުމު މަހުޖަނުންގެ ކިބައިން ސަލާމާތް ކުރޭ“ އާއި ”ބޮޑު މަހުޖަނުން ވަގަށް ނެގި ރަށްތައް އަތުލާ“ ގެ ނަމުގައެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: