މާލެއިން ގއ. މާމެންދޫއަށް ހޯމް ކަރަންޓީނުވާން ދިޔަ 03 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ކޭސްއާއި ގުޅިގެން ބަޔަކު ކަރަންޓީނުކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާމެންދޫން ޕޮޒިޓިވް ކޭސްއާއި ގުޅިގެން ކަރަންޓީނުކުރީ 13 މީހެއް ކަމަށެވެ. ކޭސްއާއި ގުޅިގެން ކަރަންޓީނު ކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ފަސް މީހަކާއި ގއ. ގެމަނަފުށިން ފަސް މީހެއް ކަމަށެވެ. އަދި ޕޮޒިޓިވް ވި ދެ މީހުންނާއި އެކު އިތުރު މީހެއް ވެސް ކަރަންޓީނުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މާލެއިން ކަރަންޓީނު ކުރީ ބައްޔަށް ޕޮޒިޓިވް ވި މީހާއާއި އެއާޕޯޓުން ބައްދަލުވި މީހަކާއި އަދި މާލޭގައި ބައްދަލުވި މީހެއް ކަމަށެވެ. އޭގެ އިތުރުން ދެން ގެމަނަފުށިން އެކަހެރި ކުރި މީހުންނަކީ މާމެންދޫއިން ޕޮޒިޓިވް ވި ފުރަތަމަ މީހާއާއި އެއް ފްލައިޓަކުން ދަތުރު ކުރި މީހުންގެ ތެރެއިން އެކަކު ކަމަށެވެ.
މީގެ އިތުރުން މާމެންދޫއިން އެކަހެރިކޮށްފައިވަނީ ބައްޔަށް ފުރަތަމަ ޕޮޒިޓިވް ވި ކޭސްއާއި ކޫއްޑޫ އެއާޕޯޓުން ދިމާވި މީހެކެވެ. މަބްރޫކް ވިދާޅުވި ގޮތުގައި އެކަހެރި ކުރި އެ މީހާއަކީ ރިސޯޓުގައި ކަރަންޓީނުވުމަށްފަހު އެނބުރި ރަށަށް ދިޔަ މީހެކެވެ. މަބްރޫކް ވިދާޅުވީ އޭނާއަކީ މީގެ ކުރިން އެކަހެރިވެ 14 ދުވަސް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އެހެން ނަމަވެސް ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާ އަނެއްކާވެސް އެކަހެރި ކުރީ ކަމަށެވެ. އަދި އޭނާ އަކީ ގިނަ ބަޔަކާއި ވެސް ބައްދަލުވެފައި ހުރި މީހެއްކަމުން ކޮވިޑަށް ޓެސްޓު ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

