ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެމްޑީއެން” އާއި، “އުތެމަ” އިގެ އިސް ފަރާތްތަކަށް އިންސާފުގެ ކުރިމައްޗަށްގެނެސް ޙައްޤު އަދަބުދިނުމަށް ސަލަފުން ގޮވާލައިފި

އުތެމަ ޖަމްޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ޝާދިޔާއާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، އެމްޑީއެން އާއި، އުތެމަ ޖަމްޢިއްޔާގެ އިސް ފަރާތްތަކަށް އިންސާފުގެ ކުރިމައްޗަށްގެނެސް ޝަރުޢީ ގޮތުންނާއި، ޤާނޫނީގޮތުން ލިބެންޖެހޭ ޙައްޤު އަދަބުދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ހަނދުމަކޮށްދީ، އެކަން ތަންފީޒުކުރެއްވުމަށް ޖަމްޢިއްޔަތުއް ސަލަފުން ގޮވާލައިފިއެވެ.

މި ކަމަށް ގޮވާލައްވައި ޖަމްޢިއްޔަތުއްސަލަފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، “ޕްރިމިލިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި، ރަސޫލާ(ސޢވ) އަބުރުފުޅަށް އަރައިގަނެ ދީނުގެ އަސާސްތަކަށް ފާޑުކިޔައި އެމްޑިއެން ކިޔާ މަދަނީ ޖަމްޢިއްޔާއިން ރިޕޯޓެއް ނެރެފައިވާކަމަށެވެ. ނަމަވެސް އެ ނުބައި ޖަރީމާ ހިންގި ފަރާތްތަކަށް ފިޔަވަޅު ނާޅަނީސް ރާއްޖޭގައި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ނަމުގައި އުފައްދާފައިވާ މަދަނީ ޖަމްޢިއްޔާ “އުތެމަ” އިން އަންހެނުންނާމެދު ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ ގެ ބައިނަލްއަޤްވާމީ މުއާހަދާގެ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ ހުކުމްތަކާއި އުސޫލުތަކަށް ފާޑުކިޔައި މަލާމާތްކޮށްފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ގޮތުން އެމްޑީއެންގެ ރިޕޯޓަށް ތާއީދުކޮށް ދީނުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙުކުމްތަކާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށާއި، ދީނުގެ ސައްހަ މަޢުލޫމާތު އޮޅޭނެހެން އުތެމަ ޖަމްޢިއްޔާގެ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް އިސަްލާމްދީނާއި ޚިލާފު ދޮގު އެތައްވާހަކައެއް ފަތުރަމުން އަންނަ ކަމަށެވެ.

ޖަމްޢިއްޔަތުން ސަލަފުން ބުނި ގޮތުގައި، އިސްލާމް ދީނުގެ ހައިބަތާއި ކަރާމާތް ނަގާލައި، ދީނުގެ އަސާސްތަކަށް ގޮންޖަހައި، ﷲގެ ޙުކުމްފުޅުތަކަށް ފާޑުކިޔައި އިސްލާމްދީނާއި މީސްތަކުން ދުރުކުރުމަށް މަސައްކަތްކުރާ މިފަދަ ޖަމާޢަތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އެ ކަމުގައި ބައިވެރިބވާ ފަރާތްތަކަށް ޙައްޤު އަދަބު ނުދެވޭނަމަ މިފަދަ ކަންކަން ތަކުރާރުވާނެކަމަށެވެ. ހަމައެއާއެކު މުޖުތަމަޢުގައި ފަސާދަ އިތުރުވެގެންދާނެކަމަށް ވެސް ޖަމްޢިއްޔަތުއް ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖަމްޢިއްޔަތުއްސަލަފުން ވަނީ މަދަނީ ޖަމްޢިއްޔާތަކުގެ ސިފައިގައްޔާއި، ތަފާތު އެކިއެކި ސިފައިގައި، ދިވެހި ފަސްގަނޑުން އިސްލާމްދީން ފޮހެލުމަށް އެފަދަ މީހުންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަމަށާއި، އެފަދަ ފަރާތްތަކާއި މެދު ރައްޔިތުން ހުޝިޔާރުވެތިބުމަށް ގޮވާލާފައެވެ.

އުތެމައިގެ ޢާމަލުތައް ކުށްވެރިކޮށް ޖަމްޢިއްޔަތުއް ސަލަފުން ގޮވާލާފައިވާއިރު، ޢިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެ ފަރާތްތަކަށް ޢަމަލުތައް ކުށްވެރިކޮށް އެކަމަށް ފިޔަވަޅުއެޅުމަށް ގޮވާލާފައެވެ. މީގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ ނިޔަލަށް ޖެނީވާގައި އޮންނަ ސީޑޯ(މުއާހަދާ) ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް އުތެމައިން ހުށަހަޅަން ތައްޔާރުކުރި ރިޕޯޓުގައި އިސްލާމްދީނާއި ފުށުއަރާ އެތައް ކަމެއް ބަޔާންކޮށްފައިވާތީ ޢާންމު ރައްޔިތުން ވެސްދަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އުތެމަ ޖަމްޢިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމުގެތެރޭގައި، ބިދޭސީ އަންހެނުންނާއެކު ދިވެހި ފިރިހެނުންނަށް ކައިވެނީގެ ބޭރުން ހިންގޭ ގުޅުންތަކުން ލިބޭ ދަރިފުޅު ޝަރުޢީގޮތުން ބައްޕަގެ މައްޗަށް ސާބިތުނުވިކަމަށް ވިޔަސް، ދިވެހި ރައްޔިތުކަން އެ ކުއްޖާއަށް ލިބެންޖެހޭކަމަށް ވަކާލާތުކޮށްފައިވެއެވެ. އަދި އަންހެނުންނަށް އަނިޔާކުރުމަށް ހިތްވަރުދޭ ދީނީ ޢިލްމުވެރިންނަށް ދަޢުލަތުގެ ފަރާތުން ފަހި މާހައުލެއް އަދިވެސް ޤާއިމުކޮށްދެމުންދާކަމީ ކަންބޮޑުވާންޖެހޭކަމެއްކަމަށާއި، 2019 ވަނަ އަހަރުގެ ސެޕްޓޭމްބަރުގައި އަންހެން ދެ ފަނޑިޔާރަކު ރާއްޖޭގެ ސްޕްރީމް ކޯޓަށް ޢައްޔަންވެގެންދިޔަ ދިޔުމަކީ ތާރީޚީ އަދި ހީނުކުރެވޭފަދަ ކުރިއެރުމެއްކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން އެބޯޝަން މައްސަލަތަކަށް ފަތުވާ ކޮމިޓީން ފަތުވާނެރުމަކީ ކަންބޮޑުވާކަމެއްކަމަށާއި، އަންހެންކުދިން ޚިތާނުކުރުމުގެ މައްސަލައިގައި، އެ ކަމަކީ ދީނީގޮތުން ހައްދު ފަހަނައަޅާފައިވާކަމެއް ކަމަށާއި، އެކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ހިތްވަރުދީ އާލާކުރަން ބާރުއަޅާކަމުގެ ތުހުމަތުކޮށް އަންހެންކުދިން ޚިތާނުކުރުމަކީ އެފްޖީއެމްސީކަމަށް މާނަކޮށްފައިވެއެވެ. ހަމައެއާއެކު 2015 އާއި 2017 އިގައި ރަޖަމްކުރަން ރާއްޖޭގައި ކުރެވުނު ހުކުމަކީ ނުހަނު ކަންބޮޑުވާންޖެހޭކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ އެއްޖިއްންސުން ގުޅުން ހިންގުމަށް މަގުތައް ފަހިކުރުމަށް ވެސް ވަކާލާތުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: