އާސަންދައިގެ ސްކީމުގެ ދަށުން 28 މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް ފުރުވާލާފައިވާކަމަށް، އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދަ ކުންފުނިން ހޯމަދުވަހުގެރޭ ހާމަކުރިގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވި ހުއްދައާއެކު، 28 މީހަކު އިންޑިއާއަށް ފުރުވާލާފައިވާކަމަށެވެ. އޭގެތެރެއިން ދެ މީހުންނަކީ، ސްޓްރެޗަރގައި ގެންދާ ދެމީހުންކަމަށް ވެސް އާސަންދަ ކުންފުނިން ބުނެއެވެ. އާސަންދަ ކުންފުނިން ހާމަކުރިގޮތުގައި، އެ 28 ބަލި މީހުންނާއެކު، އެ މީހުންގެ އެހީތެރިންގެ އިތުރުން، ދަތުރުމަތީގައި ބަލިމީހުންގެ ސިއްހީކަންކަން ބެލެހެއްޓުމަށް، 2 ޑޮކްޓަރުންނާއި، 5 ނަރުހުން ފުރާފައިވާކަމަށް ވެސް އާސަންދަ ކުންފުނިން ބުނެއެވެ.
މި ހުރިހައި ފަސިންޖަރުންވެސް އިންޑިއާއަށްދަނީ، ވިސާ ހަމަޖައްސައި، އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައިކަމަށާއި، އެ ޤައުމުން ވެސް ފަސިންޖަރުން ކޮވިޑް-19 އަށް ޓެސްޓު ކުރާނެކަމަށް އާސަންދަ ކުންފުނިން ބުނެފައިވެއެވެ. އަދި މި ހުރިހައި ފަސިންޖަރުން ވެސް އިންޑިއާގައި، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންޖެހޭނެކަމަށާއި، 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެކަމަށް ވެސް އާސަންދަ ކުންފުނިން ބުނެެއެވެ.
އާސަންދަ ކުންފުނިން ބުނީ، ރާއްޖެއިން އިންޑިއާއަށް ދިޔަ އެންމެންގެ ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރ އެއިމްސް ގައިކަމަށާއި، ކަރަންޓީނުގައި ތިބުމަށް ހަމަޖެހިފައިވަނީ ވެސް، އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައިކަމަށެވެ. އަދި ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތުގައި ވެސް ބަލިމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެކަމަށް ވެސް އާސަންދަ ކުންފުނިން ބުނެއެވެ.
އާސަންދަ ކުންފުނިން ހާމަކުރިގޮތުގައި، ބަލިމީހުން އިންޑިއާއަށްދާ ފްލައިޓް ޖައްސާ ގަޑިއަށް، އެއިމްސްގެ ފަރާތުން 4 ކާރާއި، 5 އެމްބިއުލާންސާއި، 4 ޓްރެވަލް ބަހުގެ އިތުރުން 21 ޕެރަމެޑިކުންނާއި، ހޮސްޕިޓަލުގެ 3 މެޑިކަލް ކޯޑިނޭޓަރުން އެއިމްސްގެ ފަރާތުން ދިއުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެތެރެއިން 1 ކޯޑިނޭޓަރަކީ ދިވެހި ބަހުން މުޢާމަލާތުކުރަން ދަންނަ ކޯޑިނޭޓަރެއްކަމަށް ވެސް އާސަންދަ ކުންފުނިން ބުނެފައިވެއެވެ.
އާސަންދަ ކުންފުނިން ބުނީ، މަގުތަކުގެ ޓްރެފިކް ބޮޑު ނޫންނަމަ އެއަރޕޯޓާއި ހޮސްޕިޓަލާއި ދެމެދުގައި ކުރެވޭ ދަތުރުގައި ވާނީ އެއްގަޑިއިރުކަމަށާއި، ބަލިމީހުންނަށާއި، އެ ބަލި މީހުންގެ އެހީތެރިންނަށް ހޮސްޕިޓަލަށް ދެވޭއިރު އިނީޝިއަލް އެސެސްމެންޓް ހެދުމަށްޓަކައި އެ ތަނުގައި 30 ޑޮކްޓަރުން ސްޓޭންޑްބައިގައި ތިބޭނެކަމަށެވެ. އަދި އެސެސްމެންޓް ހެދުމަށްފަހު ފަރުވާދޭންޖެހޭ މީހުން ވަކިކޮށް އެހެން ބަލި މީހުންނާއި ވަކިން އެ މީހުން އެޑްމިޓްކޮށްގެން ވަގުތުން ފަރުވާދޭން ފަށާނެކަމަށް ވެސް އާސަންދަ ކޮމްޕެނީން ބުނެއެވެ.
އާސަންދަ ކޮމްޕެނީން ހާމަކުރިގޮތުގައި ހޯމަދުވަހުގެރޭ އިންޑިއާއަށް ދިޔަ ފްލައިޓުން 37 މީހަކު ދިއުމަށް ހަމޖެހިފައިވެއެވެ. ނަމަވެސް ބައެއް ސަބަބުތަކާހެދި ބައެއް މީހުންނަށް ދަތުރުކުރަން އުޒުރުވެރިވެފައިވާތީ، 28 މީހުން ފުރާގޮތަށް ހަމަޖެހުނީކަމަށެވެ. އަދި އިންޑިއާއަށް ފުރި ފްލައިޓް އެނބުރި ރާއްޖެ އަންނައިރު، އެ ޤައުމަށް މީގެކުރިން ފަރުވާއަށް ގޮސް އެނބުރި ޤައުމަށް ނާދެވި ތިބި 7 ދިވެއްސަކު އެނބުރި ރާއްޖެއަށް އަންނާނެކަމަށް ވެސް އާސަންދަ ކުންފުނިން ބުނެއެވެ.
އާސަންދަ ކުންފުނިން ބުނީ، ހޯމަދުވަހުގެރޭ އިންޑިއާއަށް ފުރި 28 މީހުންގެ އިތުރުން، އިންޑިއާއަށް ދިޔުމަށް ހަމަޖެހިފައިވާ ދެވަނަ ފްލައިޓުން 50 އަށްވުރެ ގިނަ ބަލިމީހުން އެ ޤައުމަށް ދިޔުމަށްޓަކައި މިހާރުވެސް ޝޯޓްލިސްޓްކުރެވިފައިވާކަމަށެވެ. އަދި އޭގެތެރެއިން އެންމެ ކްރިޓިކަލް މީހުން ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ވެސް ކުރަމުން އަންނަކަމަށް އާސަންދަ ކޮމްޕެނީން ބުނެއެވެ.

