މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ނިންމީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ. ވައިރަހުގެ އަސަރު ހުރެ، ބަޔަކު ތަނަކަށް އެއްވާނަމަ ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މިސްކިތްތަކުގައި ބަންގި ގޮވި ނަމަވެސް ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި ވެއެވެ. އަދި ގައުމުތަކުގެ ހާލަތު ރަނގަޅުވެ، ބަލީގެ އަސަރު ކުޑަވަމުންދާތީ މިސްކިތްތައް ވަނީ ހުޅުވާ ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.
މާލޭގެ މިސްކިތްތައް ހުޅުވާލުމުގެ ކުރިން، މާލެ ސަރަހައްދާއި މޮނީޓަރިންގައި ނެތް ރަށްތައް ހިމެނޭހެން ރަށްތަކުގެ މިސްކިތްތައް ވަނީ ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހުޅުވާލާފައެވެ. އަދި މާލޭގައި ވަނީ، ފޭސް އެކެއްގެ ލުއިތަކާއި އެކު މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުޅުވާލާފައެވެ. މާދަމާ މިސްކިތްތައް ހުޅުވާލަނީ ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށެވެ.
މޮނީޓަރިންގައި ނެތް ރަށްތަކާއި އެކު މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ ރަށްތަކުގެ މިސްކިތްތައް ހުޅުވާލީ، މިދިޔަ ރޯދަ މަހުގެ އެންމެ ފަހު ދުވަހުއެވެ.
ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް މާލޭގެ މިސްކިތްތައް ހުޅުވާލާފައިވަނީ ތިން މަސް ފަހުންނެވެ.
މާދަމާއިން ފެށިގެން، ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ގެނެސް ސަރުކާރުގެ އޮފީސްތައް ހުޅުވާލައި، ކެފޭ ރެސްޓޯރަންޓްތައް ވެސް ހުޅުވާލުމަށް ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

