ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރަންޓްއަކާއި، ފިހާރައެއްގެ އިތުރަށް ޖިމެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޓެރަހުގައި ރެސްޓޯރަންޓްއަކާއި، ފިހާރައެއް އަދި ޖިމެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށެވެ.
ރައީސް ނަޝިދު ވިދާޅުވީ މަޖިލިސް މެމްބަރުންނަށް އޮފީސް މަސައްކަތް ކުރެވޭނެގޮތަށް މޭޒުކޮޅުތައް ތައްޔާރުކޮށް ނިންމާފައިވާކަމަށެވެ. އަދި މަޖިލީސް މެމްބަރުންގެ އަމިއްލަ މުވައްޒަފުންނާއެކު އެތަނުގައި މަސައްކަތް ކުރެވޭނެކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
މީގެ އިތުރަށް މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނަށް މަސައްކަތް ކުރުމަށް ޚާއްސަ ކޮޓަރިކޮޅުތައް ގާއިމްކޮށްނިމިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކޮމިޓީތައް ހިންގުމަށް ފަސޭހަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ސޯޝަލް ކްލަބްގެ މެމްބަރުންނާއެކު ރެސްޓޯރަންޓް، ޖިމް އަދި ފިހާރަ ތައްޔާރުކުރުމަށް ނިންމާފައިވާިއރު މިވަގުތު އެކްލަބުގައި ތިއްބަވަނީ މަޖިލީހުގެ އެ ވަގުތެއްގައި ތިއްބަވާ މެންބަރުންނާއި މުވައްޒަފުންނެވެ. ނަމަވެސް މަޖިލީހުގެ ކުރީގެ މެންބަރުންނާއި ކުރީގެ މުވައްޒަފުން ވެސް އެ ކްލަބްގައި ބައިވެރިވެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

